ކޮވިޑާއި ގުޅިގެން ސައުދީގައި ނަމާދު ވަގުތު ފިހާރަތައް ބަންދު ކުރަން ނުޖެހޭ ގޮތަށް ނިންމައިފި
ސައުދީ އަރަބިއްޔާގައި ނަމާދު ވަގުތު ފިހާރަތައް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފި އެވެ.
ސައުދީގެ ރަސްމީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހުއްދަ ދޭން ނިންމީ ކޮވިޑާއި ގުޅިގެން އިޖްތިމާއީ ގައިދިރު ކުރުކަމުގައި ތިބެގެން ހިދުމަތް ހޯދަން ޖެހުމުން ގިނަ ވަގުތު ހޭދަވާތީ ކޮންމެ ނަމާދު ވަގުތެއް ޖެހޭއިރުވެސް ކިޔޫތައް ކުޑަ ނުވާތީ އެވެ. ސައުދީ ސަރުކާރުން ބުނީ ނަމާދު ގަޑިއަށް ބަންދު ނުކޮށް ރަސްމީ މަސައްކަތު ގަޑި ނިމެންދެން ހިދުމަތް ދެވޭނެ ކަމަށެވެ.
ސައުދީން ނަމާދު ގަޑީގައި ފިހާރަތައް ބަންދު ކުރަން ނުޖެހޭ ގޮތަށް ނިންމި ނިންމުން ދާއިމީ ވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެއީ އެ ގައުމުގެ ޒުވާން ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ޒަމާނީ އިސްލާމީ ބަދަލު ގެނައުމުގެ ސިޔާސަތުގެ ދަށުން އިސްލާމް ދީނާއި ފުށޫ އަރާ ގިނަ ކަންކަން އެ ގައުމުގައި ތައާރަފުކޮށް އަމަލު ކުރަން ފަށާފައިވާތީ އެވެ.
އެ ސިޔާސަތުގެ ދަށުން އަންހެނުންނަށް ހާއްސަކޮށް މަނާ އެތައް ކަމެއް އެގައުމުގައި ހުއްދަ ކުރަމުންދާއިރު މުނިފޫހިފިލުވުމުގެ ދާއިރާ ފުޅާކޮށް ފިލްމު ކުޅުމާއި ސިނަމާތައް ވަނީ ހުޅުވާލާފައި އެވެ. އަސްކަރިއްޔާ އާއި ފުލުހުންގެ އިދާރާއިން އަންހެނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.
އަދި މީގެ ކުރިން މުސްލިމުންނާއި ހަތުރުންގެ ގޮތުގައި ބެލެވޭ ބައެއް ޔަހޫދީ ދައުލަތްތައް ހިންގާ ގައުމުތަކާއި އެކު ސައުދީން ރަނގަޅު ގުޅުމެއް ދަނީ ގާއިމް ކުރަމުންނެވެ.
ސައުދީން އަމާޒު ހިފާފައިވަނީ މި ހުރިހާ ބަދަލުތަކެއް 2030 ވަނަ އަހަރަށް ތަންފީޒުކޮށް ނިންމުމަށެވެ.