ސޫރަތުއް ތަކްވީރު 3ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް.
2 ނޮވެންބަރު 2016 އާގުޅޭ
(وَإِذَا الْجَحِيمُ سُعِّرَتْ ﴿١٢﴾)
(الْجَحِيمُ) އަކީ ނަރަކައެވެ. ނަރަކަ އަށް ”ޖަޙީމް“ ގެ ނަންދެވިފައިވާ ސަބަބަކީ އެތަނުގެ ވަޅުގަޑުގެ ފުންކަން ބޮޑު ކަމުންނެވެ. އަދި އެތަނުގެ އަނދިރި ކަމާއި ހުރެއެވެ.
(سُعِّرَتْ) އަލިފާންގަނޑު ރޯވެގަންނާނެއެވެ. މާނައަކީ ނަރަކައިގެ އަލިފާންގަނޑުގެ ހޫނުކަން ގަދަވެގެންދާނެއެވެ. އެނަރަކައަށް ދަރެއްގެ ގޮތުގައި އެޅޭނީ އެތަނުގެ އަހްލުވެރިން ކަމުގައިވާ އިންސާނުންނާއި ގަދަ އަށް ހުޅުހިފާ ޒާތުގެހިލައެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތުއް ތަޙްރީމްގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴿٦﴾) މާނައަކީ: “ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.“
(وَإِذَا الْجَنَّةُ أُزْلِفَتْ ﴿١٣﴾)
(أُزْلِفَتْ) މާނައަކީ: ކައިރި ކުރެވުމެވެ. ސުވަރުގެ ތަގްވާވެރިންނާއި ކައިރި ކުރެވޭނެއެވެ. އެސުވަރުގެ ތަކުގައި އިންސާނެއްގެ ލޮލަށް އޭގެ ކުރިން ފެނިފައި ނުވާ، ކަންފަތުން އަޑު އަހާފައި ނުވާ، ހިތަށް ތަޞްވުރުވެސް ކުރެވިފައި ނުވާ ފަދަ ބޮޑެތި ނިޢްމަތްތައް ވަނީ ލައްވާފައެވެ.
(عَلِمَتْ نَفْسٌ مَّا أَحْضَرَتْ ﴿١٤﴾)“ ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ.“ ސޫރަތު އާލުޢިމްރާންގެ 30 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا ۗ وَيُحَذِّرُكُمُ اللَّـهُ نَفْسَهُ ۗ وَاللَّـهُ رَءُوفٌ بِالْعِبَادِ ﴿٣٠﴾ ) މާނައަކީ: ”ކޮންމެ نفس އެއްމެ، ހެޔޮކަމުގެ ތެރެއިން، އެ نفس އެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ نفس އެއް ކުޅަކަމެއް حاضر ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ نفس އެއް ކުޅަ ނުބައިކަމަކާއި، އެ نفس އަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ. اللَّه، އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެރިތިކުރައްވަތެވެ. اللَّه އީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.“
ދުނިޔެމަތީގައި އިންސާނުން އެބައިމީހުންނަށް ކުރެވޭ ހެޔޮކަންތަކާއި ނުބައިކަންތަކުގެ މަތިން ހަނދާން ނެތިގެން ދިޔަނަމަވެސް ގިޔާމަތް ދުވަހުގައި އެހުރިހާ ކަމެއް އޭނާގެ ކުރިމައްޗަށް ގެނެސް ޖަހާލެވޭނެއެވެ. ﷲ ތަޢާލާ މިއިން އެއްވެސް ކަމެއް ބޭކާރުކޮށް ނުލައްވާނެއެވެ.
(فَلَا أُقْسِمُ بِالْخُنَّسِ ﴿١٥﴾)
(الْخُنَّسِ) އަކީ ”ޚާނިސާ“ ގެ ޖަމްޢު އެވެ. އެއީ ދުވާލު ވަގުތަށް ވަންހަނާވާ ތަރިތަކެވެ.
(الْجَوَارِ الْكُنَّسِ ﴿١٦﴾)
(الْكُنَّسِ) އަކީ ވަންހަނާ ވުމަށް ވަންނަ ތަނެވެ. މި އާޔަތުގެ މުރާދަކީ: ރޭގަނޑު ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ.
(وَاللَّيْلِ إِذَا عَسْعَسَ ﴿١٧﴾)
(عَسْعَسَ) މާނައަކީ އައިސް ގޮސްވުމެވެ. މާނައަކީ: ”އަދި ރޭގަނޑު އަނދިރިކަމައިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ“
(وَالصُّبْحِ إِذَا تَنَفَّسَ ﴿١٨﴾) ”އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ.“
މި މަޚްލޫގާތުތައް ގަންދެއްވާ ﷲ ހުވާ ވަޙީ ކުރައްވަނީ އެތަކެތީގެ މަތިވެރިކަމަށްޓަކައެވެ. އަދި އެތަކެއްޗަކީ ﷲ ވޮޑިގެންވާ ކަމަށް ހެކިކޮށްދޭ މަތިވެރި ބޮޑެތި ހެކިތައް ކަމަށްވާތީވެއެވެ. ރޭގަނޑުވެފައިވަނިކޮށް ދުވާލު ގެނެވޭނީ ކާކަށްތޯއެވެ؟ އަދި ދުވާލުވެފައިވަނިކޮށް ރޭގަނޑު ގެނެވޭނީ ކާކަށްތޯއެވެ؟ ސޫރަތުލް ގަޞަޞްގެ 71 އަދި 72 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ أَرَأَيْتُمْ إِن جَعَلَ اللَّـهُ عَلَيْكُمُ اللَّيْلَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَـٰهٌ غَيْرُ اللَّـهِ يَأْتِيكُم بِضِيَاءٍ ۖ أَفَلَا تَسْمَعُونَ ﴿٧١﴾ قُلْ أَرَأَيْتُمْ إِن جَعَلَ اللَّـهُ عَلَيْكُمُ النَّهَارَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَـٰهٌ غَيْرُ اللَّـهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ ﴿٧٢﴾) މާނައަކީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبر ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ރޭގަނޑު (ބަދަލެއްނުވެ) قيامة ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުންނަށް (ދުވާލުގެ) އަލިކަން ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إله އެއް ހެއްޔެވެ؟ ފަހެ، ތިޔަބައިީހުންނަށް ނީވެނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبر ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ދުވާލު (ބަދަލެއްނުވެ) قيامة ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުން އަރާމުކުރަން ތިބޭނޭ ރޭގަނޑެއް ތިޔަބައިމީހުންނަށް ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إله އެއް ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟“ ސޫރަތުލް ގަޞަޞުގެ 73 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمِن رَّحْمَتِهِ جَعَلَ لَكُمُ اللَّيْلَ وَالنَّهَارَ لِتَسْكُنُوا فِيهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ ﴿٧٣﴾ ) މާނައަކީ:އެކަލާނގެ رحمة ވަންތަކަމުން ތިޔަބައިމީހުން އަރާމުކުރުމަށާއި، އެކަލާނގެ فضل ވަންތަކަމުން ދެއްވާ رزق ހޯދުމަށް މަސައްކަތް ކުރުމަށް، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑާއި، ދުވާލު ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ. “
(إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ ﴿١٩﴾)
(إِنَّهُ ) މިތަނުގައި ޟަމީރު އިޢާދަވަނީ ގުރްއާނަށެވެ.
(لَقَوْلُ رَسُولٍ كَرِيمٍ ) އިޝާރާތް ކުރައްވަނީ ޖިބްރީލް ޢަލައިހިއްސަލާމް އަށެވެ. އެކަލޭގެފާނަކީ ﷲ ގެ ރަސޫލު ބޭކަލުންނަށް ވަޙީ އާއިގެން ފޮނުއްވާ ރަސޫލާ އެވެ.
މި އާޔަތުގައި ޖިބްރީލް ޢަލައިހިއްސަލާމް ”ކަރީމް“ ގެ ޞިފައިން ޞިފަ ކުރައްވާފައިވުމުގެ ޙިކްމަތަކީ އެކަލޭގެފާނުގެ ޞިފަފުޅު ރިވެތި ކަމުގެ ވާހަކަ ބަޔާން ކުރެއްވުމެވެ. ސޫރަތުއް ނަޖްމުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ذُو مِرَّةٍ فَاسْتَوَىٰ ﴿٦﴾ ) މިއާޔަތުގައި މިވާ (مِرَّةٍ ) ގެ މާނަ ކުރައްވަމުން ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ”ރިވެތި އަޚްލާގްގެ ވެރި، އަދި ބުރުޞޫރަ ރިވެތި ބޭކަލެކެވެ.“ އެހެންކަމުން ޖިބްރީލް ޢަލައިހިއްސަލާމް އަށް ”ކަރީމް“ ގެ ޞިފަ ﷲ ވަނީ ދެއްވާފައެވެ.
(ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ ﴿٢٠﴾ )
(ذِي قُوَّةٍ) ﷲ ސުބްޙާނަހޫ ވަތަޢާލާ ޖިބްރީލް ޢަލައިހިއްސަލާމް ޞިފަ ކުރައްވާފައި މިވަނީ ”ވަރުގަދަ“ ބޭކަލެއްގެ ގޮތުގައެވެ. މާތް ﷲ ޖިބްރީލް ޢަލައިހިއްސަލާމް އުފައްދަވާފައިވާ ގޮތަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވަނީ ފެނިވަޑައިގެންފައެވެ. އެކަލޭގެފާނުގެ 600 ފިޔަގަނޑު ހުރެއެވެ. އެކަލޭގެފާނުގެ މަތިވެރި ކަމުން މުޅި އުޑުމަތިވަނީ ފުރިފައެވެ.
(ذِي الْعَرْشِ) އަކީ ﷲ އެވެ. ޢަރްޝި އަކީ ހުރިހާ އެއްޗެއްގެ މަތީގައިވާ އެއްޗެކެވެ. އެޢަރްޝީގެ މަތީގައި ﷲ ވޮޑިގެންވެއެވެ. ސޫރަތު ޣާފިރުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (رَفِيعُ الدَّرَجَاتِ ذُو الْعَرْشِ يُلْقِي الرُّوحَ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ لِيُنذِرَ يَوْمَ التَّلَاقِ ﴿١٥﴾) މާނައަކީ: “ އެކަލާނގެއީ، ދަރަޖަތައް މަތިވެރިވެގެންވާ ރަސްކަލާނގެއެވެ. عرش ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އަޅުންކުރެ، އެކަލާނގެ އިރާދަކުރައްވާ އަޅަކަށް، އެކަލާނގެ އަމުރުފުޅަށް وحى ފޮނުއްވަތެވެ. އެއީ އެ އަޅަކު (އެބަހީ: އެ رسول އަކު) އެކަލާނގެއާ ބައްދަލުވާނޭ ދުވަހާމެދު (މީސްތަކުންނަށް) إنذار ކުރެއްވުމަށްޓަކައެވެ.“
( مَكِينٍ ) ޖިބްރީލް ޢަލައިހިއްސަލާމް އަކީ ﷲ ގެ ޙަޟްރަތުގައި މަތިވެރި ދަރަޖަ ދެއްވިގެންވާ ބޭކަލެކެވެ. އެހެންކަމުން ﷲ ތަޢާލަ އެކަލާންގެ މަޚްލޫގުންނަށް ދެއްވާނެ އެންމެ ބޮޑު ނިޢްމަތްވަނީ ޖިބްރީލް ޢަލައިހިއްސަލާމް އަށް ދެއްވާފައެވެ. އެއީ ވަޙީ އެވެ.
ﷲ ގެ ނިޢްމަތްތައް ދެބަޔަކަށް ބެހިގެންވެ އެވެ.
- އެނިޢްމަތެއްގައި އިންސާނުންނާއި ބަހާއިމުން ހަމަހަމަވެގެންވާ ނިއްމަތް. މިޘާލަކަށް: ހަށިނގަޑުގެ ނިޢުމަތް. އޭގެތެރޭގައި ކެއުން ބުއިމާއި ކައިވެނި ކުރުމާއި ދިރިއުޅުން ހިމެނޭ. މިފަދަ ނިޢްމަތްތަކުގައި އިންސާނުންނާއި ޙައިވާނުން ހަމަހަމަވެގެންވޭ. އިންސާނުންވެސް އެބައިމީހުން ކައިބޮއި އަދި ކައިވެނިކޮށް ދިރިއުޅޭ އުޅުމާއި މެދުގައި ހިތްހަމަ ޖެހޭ، ހަމައެފަދައިން ޙައިވާނުންވެސް އެކަންތަކުގައި ހަމަ އެގޮތް.
- ހަމައެކަނި އިންސާނުންނަށް ޚާއްޞަވެގެންވާ ނިޢްމަތްތައް. އެއީ ޚަލްގުތަކުންގެ ކަންތައްތައް ފުރިހަމަ ކުރެއްވުމަށްޓަކައި ﷲ ބާވާލެއްވި ޝަރީޢަތްތަކެވެ. ސޫރަތުއްނަޙްލުގެ 97 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةًۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٧﴾) މާނައަކީ: “ مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.“
އީމާންވެ ހެޔޮ ޢަމަލު ކުރާ މީހުން މެނުވީ ބާއްޖެވެރި ދިރިއުޅުމެއް އެބައިމީހުންނަކަށް ނުލިބޭނެއެވެ. ދުނިޔޭގެ ރަސްރަސްކަލުންނާއި ރަސްރަސްކަލުންގެ ދަރިންނާއި ތަނަވަސްކަމުގެ އަހްލުވެރިންނާއި ތަނަވަސް ކަމުގެ އަހްލުވެރިންގެ ތެރެއިން އީމާންވެ ހެޔޮ ޢަމަލު ކޮށް ނޫޅޭ މީހުންގެ ޙަޔާތަށް ބަލައިފިނަމަ، އެމީހުންގެ ދިރިއުޅުމަކީ އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް ނުވާނެއެވެ. ނަމަވެސް އީމާންވެ ހެޔޮޢަމަލު ކުރި މީހުން ކިތަންމެ ނިކަމެތި ނަމަވެސް، އެބައިމީހުން އުޅޭނީ އުފާވެރި ދިރިއުޅުމެކެވެ. ސަބަބަކީ ﷲ ވަނީ އެބައިމީހުންނަށް ބާއްޖެވެރި އުފާވެރި ދިރިއުޅުމެއް ދެއްވާނެ ކަމަށް ވަޢްދުވެ ވަޑައިގެންފައެވެ. އީމާންވެ ހެޔޮޢަމަލު ކުރާ މީހުންގެ ހިތްތައްވަނީ އުފަލުން ފޮޅިފައެވެ. އެބައިމީހުން ތިބޭނީ ﷲ ގެ ގަޟާ އާއި ގަދަރަށް އީމާންވެގެންނެވެ. އެބައިމީހުންނަށް ހެޔޮކަމެއް މެދުވެރިވެއްޖެނަމަ ﷲ އަށް ޝުކުރު ކުރެއެވެ. އަދި ހިތްދަތި ކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެއެވެ. އަދި އޭނާ އަށް ކުރެވުނު ކަންތަކާއި މެދުގައި ﷲ ގެ ޙަޟްރަތުން މާފަށް އެދެއެވެ. އަދި އެފަދަ ކަމެއް އޭނާ އަށް މެދުވެރިވީ އޭނާ އަށް ކުރެވުނު ކުށެއްގެ ސަބަބުން ކަން އޭނާ ގަބޫލު ކުރާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ”عَجَبًا لأَمْرِ الْمُؤْمِنِ ، إِنَّ أَمْرَ الْمُؤْمِنِ كُلَّهُ خَيْرٌ ، وَلَيْسَ ذَلِكَ لأَحَدٍ إِلا لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ فَشَكَرَ فَكَانَ خَيْرًا ، وَإِنْ أَصَابَتْهُ ضَرَّاءُ فَصَبَرَ ، كَانَ خَيْرًا “
މާނައަކީ: ”މުއިމިނުންގެ ކަންތަކަކީ ޢަޖާއިބެއް ފަދަ ކަމެކެވެ. ހަމަކަށަވަރުން މުއިމިނުންގެ ކޮންމެ ކަމަކީވެސް އޭގައި ހެވެއްވާ ކަމެކެވެ. މުއިމިނުން ފިޔަވާ އެހެން ބަޔަކަށް އެކަމެއް ނުވާނެއެވެ. އެބައިމީހުންނަށް އުފާވެރިކަމެއް ދިމާވެއްޖެނަމަ އެކަމާ އުފާކޮށް ޝުކުރު ކުރެއެވެ. އެގޮތް އެބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި އެބައިމީހުން ހިތާމަ ކުރާފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެއެވެ. އެގޮތްވެސް އެބައިމީހުންނަށް ހެޔޮކަން ބޮޑެވެ.“
ﷲ އެކަލާންގެ ޚަލްގުތަކުންނަށް ދެއްވާފައިވާ އެންމެ ބޮޑު ނިޢްމަތަކީ އިންސާނުންގެ ދެދުނިޔޭގެ ބާއްޖެވެރިކަން އެކަމަކާއި ގުޅިފައިވާ ދީނުގެ ނިޢްމަތެވެ.
އިންސާނާގެ ޙަގީގީ ޙަޔާތަކީ ދުނިޔަވީ ޙަޔާތެއް ނޫނެވެ. އަދިކިއެއްތަ، އެއީ އުޚްރަވީ ޙަޔާތެވެ. ސޫރަތުލް ފަޖްރުގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴿٢٤﴾) މާނައަކީ: “ އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ آخرة ގެ حياة އަށްޓަކައި (ހެޔޮ) عمل އެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟“
އެހެންކަމުން، ދުނިޔެއަކީ އެއްވެސް ތަނެއް ނޫނެވެ. ޙަގީގީ ޙަޔާތަކީ އުޚްރަވީ ޙަޔާތެވެ. ވީމާ، އުޚްރަވީ ޙަޔާތް ބާއްޖެވެރި ކުރުމަށް މަސައްކަތް ކުރާ މީހާ، ދުނިޔޭގައި ބާއްޖެވެރި ދިރިއުޅުމެއް އުޅޭނެއެވެ. ވީމާ، އީމާންވެ ހެޔޮޢަމަލު ކުރިމީހުން ވަނީ ދެޙަޔާތުގެ ކާމިޔާބީ ހޯދާފައެވެ. ނަމަވެސް، ކާފިރުންވަނީ ދެދުނިޔޭ އަބާއްޖެވެރިން ކަމުގައިވެފައެވެ. ސޫރަތުއްޒުމަރުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ ﴿١٥﴾) މާނައަކީ: “ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ قيامة ދުވަހުން އެއުރެންގެ އަމިއްލަ نفس ތަކާއި، އެއުރެންގެ أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.“
ނުނިމޭ…