އެމެރިކާ ސިފައިން އަފްގާން ސިފައިންނަށް އެހީވުމުގެ ގޮތުން ވައިގެ މަގުން ތޯލިބާނުންނަށް ހަމަލާދޭން ފަށައިފި
އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުގެ އަސްކަރިއްޔާއަށް އެހީވުމުގެ ގޮތުން ތޯލިބާނުންނާއި ދެކޮޅަށް ވައިގެ މަގުން ހަމަލާ ދޭން ފަށައިފި އެވެ.
އެމެރިކާ ސިފައިން އެގައުމުން ފައިބާ ނިމޭވަގުތު ކައިރިވާން ފެށުމާއި އެކު އަފްގާންގައި ވަނީ ސަރުކާރާއި ތޯލިބާނުންނާއި ދެމެދު ބޮޑު ހަނގުރާމައެއް ފެށިފަ އެވެ. މިވީ ދެތިން ހަފްތާގެ ތެރޭގައި އެ ގައުމުގެ 85 ޕަސެންޓު ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު ތަޖުރިބާކާރުން ލަފާ ކުރާގޮތުގުައި އަފްގާންގެ ވެރިކަން އެމީހުންގެ ބާރުގެ ދަށަށް ދާކަށް މާ ގިނަ ދުވަހެއް ނުނަގާނެ އެވެ.
އަފްގާން ސިފައިންނަށް އެހީވުމުގެ ގޮތުން އެމީހުންނާއި އެމެރިކާ ސިފައިން ހަރަކާތްތެރިވަމުން ދަނީ ކަންދަހާރު ޕްރޮވިންސްގައި އެވެ.
އެމެރިކާ ސިފައިން އެގައުމުން ފައިބާ ނިންމަން ކަނޑައަޅާފައިވަނީ އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އެމެރިކާ ސިފައިންގެ ހަރަކާތްތައް އެ ގައުުމުގައި މެދުކަނޑާލުމަށް ފަހު އަލުން ފެށުމުން ބައެއް ފަރާތްތަކުން ދެން އެމެރިކާ އަމަލު ކުރާނެ ގޮތަކާއި މެދު ސުވާލު ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާގެ ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ މިދިޔަ ހަފްތާއެއްހާ ދުވަހު ތޯލިބާނުންނާއި ދެކޮޅަށް ވައިގެ ހަމަލާ ދިނުމުގައި އެމެރިކާ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެކަމަކު މި އެހީތެރިކަން ފޯރުކޮށްދޭނީ އަންނަ މަހުގެ ނިޔަލަށް ކަމެއް ނުވަތަ އޭގެ ފަހުންވެސް އެ ސިފައިން އަފްގާންގައި ތިބޭނެ ކަމެއް އޭނާ ސާފެއް ނުކޮށްދެއްވައެވެ.
އަނެއްކާވެސް ކޮންމެވެސް ސިފައެއްގައި އަފްގާން ހަނގުރާމައިގަ އެމެރިކާ ސިފައިން ބައިވެރިވެފައިވާއިރު އެ ގައުމުގައި ހުންނަ އެމެރިކާގެ އެންމެ އިސް ކޮމާންޑަރު ވަނީ މިދިޔަ ހަފްތާގައި އަފްގާން ދޫކޮށް އެމެރިކާއަށް ގޮސްފައި އެވެ.