އީދު ބަންދު ނިމުމުން ބަންގްލަދޭޝް އަނެއްކާވެސް ލޮކްޑައުން ކުރަނީ
އަލްހާ އީދު ބަންދު ނިމުމާއި އެކު ބަންގްލަދޭޝް އަލުން ލޮކްޑައުން ކުރަން ނިންމައިފި އެވެ.
މިދިޔަ މަހުގެ މެދުތެރޭގައި ބަންގްލަދޭޝް އެއްކޮށް ލޮކްޑައުން ކުރީ ކޮވިޑް-19ގެ ހާލަތު ގޯސްވެ ގިނަ އަދަދެއްގެ ބަޔަކު ޕޮސިޓިވްވެ މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ. އެކަމަކު ކޭސްތައް އިންތިހާއަށް އިތުރުވެފައި ވަނިކޮށް އެ ގައުމުގެ ސަރުކާރުން ވަނީ ސިއްހީ ހިދުމަތްތެރިންނާއި ދެކޮޅަށް އީދަށް މުޅި ގައުމު ހުޅުވާލާފައި އެވެ.
ބަންގްލަދޭޝް ފުލުހުން ބުނީ މާދަމާއިން ފެށިގެން އަނެއްކާވެސް މުޅި ގައުމު ލޮކްޑައުންވާނެ ކަމަށެވެ. މިފަހަރު ލޮކްޑައުން ކުރަނީ ދެ ހަފްތާގެ މުއްދަތަށެވެ.
މި މުއްދަތުގައި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުކުތުމަކީ މަނާ ކަމެކެވެ.
އެގައުމުގެ ސަރުކާރުން ބުނީ ލޮކްޑައުން އުވާލީ އީދު ފާހަގަ ކުރަން ރައްޔިތުންނަށް ފުރުސަތު ދިނުމުގެ އިތުރުން އިގްތިސާދަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ގެނައުމަށް ކަމަށެވެ.
169 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި އަލްހާ އީދަކީ އެ ގައުމުގައި ފާހަގަ ކުރާ ދެވަނައަށް އެންމެ ވަރުގަދަ އީދެވެ. ކޮންމެ އަހަރަކު އެތައް މިލިއަން މީހުންނަށް އަލްހާ އީދު އަމިއްލަ އާއިލާ އާއި އެކު ފާހަގަ ކުރުމަށް އަވަށްތަކާއި ސިޓީތަކަށް ދަތުރު ކުރެ އެވެ.
މިދިޔަ ހަފްތެއް ހާ ދުވަހު ކޮންމެ ދުވަހަކު ބަންގްލަދޭޝްއިން ދުވާލަކު 11،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އަދި 200 އެއްހާ މީހުން ކޮންމެ ދުވަހަކު މަރުވެ އެވެ.