ވިއްސާރައިގަ ލިބިދާނެ ގެއްލުމަކަށް ފިލިޕިންސްގެ ބައެއް ހިސާބުތަކުން މީހުން ހުސްކުރަން ފަށައިފި
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރަ ފިލިޕިންސްއަށްވެސް ކުރަން ފެށުމާއި އެކު އާންމުން ފުރާނަމަ ސަލާމަތް ކުރުމަށް އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދަން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ވެރިރަށް މެނީލާގެ މަރިކިނާ ކޯރު ސަރަހައްދުގައި ދިރިއުޅޭ15،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި އެވެ. އެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައި އެ ކޯރު ފުރި ބަންޑުން ވުމުގެ ފުރުސަތު އޮތް ކަމަށް ފިލިޕިންސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
މީގެ އިތުރުން ރިޒާލް ޕްރޮވިންސްއިން1،800 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދަނީ އަމިއްލައަށްވެސް ރައްކާތެރި ހިސާބުތަކަށް ބަދަލުވަމުންނެވެ.
މިހާރުވެސް ވެރިރަށް މެނީލާގެ ބައެއް ސަރަހައްދުތުަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައި އެވެ. އަދި ކުރިޔަށް އޮތް24 ގަޑިއިރުވެސް އެސަރައްދަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި މޫސުމަށް ތައްޔާރުނުވެ ތިއްބަ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައި އެވެ.