އިންޑިއާގައި ފަރުބަދަމަތިން ގާތަކެއް ވެރި، ބްރިޖެއް ވެއްޓި ނުވަ ޓޫރިސްޓަކު މަރުވެއްޖެ
އިންޑިއާގައި ފަރުބަދައެއްގެ މަތިން ގާތަކެއް ވެރި ބްރިޖެއް ވެއްޓި ނުވަ ޓޫރިސްޓަކު މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ހިމާޗަލް ޕްރަދޭޝްގެ ކިންނައުރް ޑިސްޓްރިކްޓުގައި އެވެ. މި ހާދިސާގައި ނުވަ މީހުން މަރުވުމުގެ އިތުރުން ތިން މީހަކު ޒަހަމްވި އެވެ.
މަރުވި މީހުންނަކީ ގާތަން ވެރުނު ބްރިޖު ކައިރިން ކާރުގައި ދަތުރު ކުރަމުންދިޔަ މީހުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުން ފަރުބަދަމަތިން ގިނަ އަދަދެއްގެ ގާތަށް ކުއްލިއަކަށް ފައިބައިގަންނަތަން ފެނެ އެވެ. އަދި ބްރިޖުވެއްޓެނީ އޭގެ ތެރެއިން ގިނަ އަދަދެއްގެ ގާތަކެއް ބްރިޖު މައްޗަށް އެއްފަހަރާ ވެރުމުންނެވެ.
ހާދިސާ ހިނގުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފަ އެވެ. އަދި ހާދިސާގައި ޒަހަމްވި މީހުންނަށް ސަރުކާރުގެ ހަރަދުގައި ފަރުވާ ލިބޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަަބަބައެއް އަދި ނޭނގެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި މިއީ މިހާރު އިންޑިއާއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވެ އެވެ.
އިންޑިއާގެ އެހެން ސަރަހައްދުގައި ވިއްސާރައިގަ ފެންބޮޑުވެ ބިންގަނޑު ކަޑައިގެން ދިޔުމާއި ފަރުބަދަތައް ވެޓުމުގެ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ