އަދުހަމް ކުށަށް އިޢުރާފްވެ އެއްބަސްވުމުގައި ސޮއި ކޮށްފި
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި އަދުހަމް އަހްމަދު އެ ކުށަށް އިއުތިރާފްވެ އިއުތިރާފު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް ތަހުގީގަށް ވަނީ އެނގިފައިވާ ކަމަށެވެ.
ޕްރިސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، އަދުހަމަށް ހަތަރު ދައުވާ އެއް ކުރެވޭ ކަމަށެވެ.
އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.
ޝަމީމް ވިދާޅުވީ އަދުހަމާއެކު އިއުތިރާފް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ކަމަށެވެ.
އިއުތިރާފް އެއްބަސްވުމުގެ ސަބަބުން އޭނާއަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނަނާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.