ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފި
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއިބހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.
އެ އިދާރާ އިން ބުނީ 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މާލެ އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ހުދު ސަމާލު (ވައިޓް އެލަރޓް) ނެރެފައިވާ ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވސް ވަނީ ލަފާކޮށްފަ އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ދެފުޓާއި ހަފޫޓާއި ދެމެދުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ބުނެފައި ވެއެވެ.