ރޯދަ ބަދިގެ: ޗޮކްލެޓް ބިސްކިޓް ފަޖް
ރޯދަ ބަދިގޭގައި މިއަދު މި ގެނެސްދެނީ ގިނަ ބަޔަކަށް ވަރަށް މީރު، އަދި ހަމަ އެހާމެ ފަސޭހައިން ވަރަށް އަވަހަށް ތައްޔާރު ކޮށްލެވޭނެ އެއްޗެކެވެ. ޗޮކްލެޓް ބިސްކިޓް ފަޖް، ނުވަތަ ބިސްކޯދު ޕުޑިންގއޭ ބުނުމުން ކާހިތް ނުވާނެ މީހަކު މަދުވާނެއެވެ.
މި ރެސިޕީއިން ތައްޔާރު ކުރެވޭނީ 16 އެތިކޮޅެވެ.
ބޭނުންވާނެ ތަކެތި:
38 މަންޗީ މާރީ ބިސްކޯދު
40 ގްރާމް ޑާކް ޗޮކްލެޓް (ޗޮކްލެޓްގެ ރަހަ ގަދަ ކުރަން ބޭނުން ނޫންނަމަ މިލްކް ޗޮކްލެޓް ވެސް ބޭނުން ކުރެވިދާނެއެވެ)
1/4 ޖޯޑު ބަޓަރ
1/2 ޖޯޑު ކޮކޯ ޕައުޑަރ
1 ދަޅު ގެރި ކިރު
1 ސައިސަމުސާ ވެނީލާ އެސެންސް
¼ ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
- މާރީ ބިސްކޯދު ފުނޑުވާލާށެވެ. ފުނޑުވާނީ އެއްކޮށް ހިމުންވާ ވަރަކަށް ނޫނެވެ. ކާލަން އަނގައަށް ފަސޭހަ ވަރަކަށް މާ ބޮޑެތި އެތޮކޮޅު ނުހުންނާނެ ވަރަށެވެ.
- ބޮޑު ތެއްޔަކަށް ބަޓަރކޮޅު އަޅާލުމަށް ފަހު މަޑު ގިނީގައި ބަޓަރ ވިރުވާލާށެވެ.
- އައަށްފަހު ބަޓަރގެ ތެރެއަށް ކޮކޯ ޕައުޑަރއާއި ގެރިކިރު އަދި ވެނީލާ އެސެންސާއި ލޮނުކޮޅު އަޅާލާފައި ފުލުގައި ހިފިޔަނުދީ ގިރަމުން ކައްކާލާށެވެ. ހުރިހާ އެއްޗެއް އެއްވެ އެއްކޮށް އޮމާން ވަންދެން ކައްކާލަން ވާނެއެވެ. އާންމުކޮށް 3-4 މިނެޓު ނަގާނެއެވެ.
- ދެން ޗޮކްލެޓް ކުދިކޮށް ކޮށާލުމަށްފަހު ތެއްޔަށް އަޅާފައި އެއްކޮށްލާށެވެ. ޗޮކްލެޓް ވެސް ދިޔާވެ އޮމާން ވަންދެން ކައްކާލަން ވާނެއެވެ.
- ހުރިހާ އެއްޗެއް އެއްވުމުން ފުނޑުވާފައި ހުރި ބިސްކޯދު ތެއްޔަށް އަޅާލާފައި އެއްކޮށްލުމަށް ފަހު އުނދުން ނިވާލާށެވެ. މިހާރު އެހުރީ ފަޖް ޓްރޭގައި އަތުރާލަން ވެފައެވެ. އުނދުން ނިއްވާލުމުން ތެލީގައި ހުރި ސާމާނު ވަރަށް އަވަހަށް ހަރުވާނެއެވެ. އެހެންކަމުން ވަރަށް އަވަހަށް ޓްރޭގައި އަތުރާލަން ވާނެއެވެ.
- ފަޖް އަޅާ ޓްރޭގައި ބަޓަރ ނުވަތަ ތެޔޮކޮޅެއް ހާކާލަން ވާނެއެވެ. ނުވަތަ ބޭކިންގ ޕޭޕަރ ވެސް ބޭނުން ކުރެވިދާނެއެވެ.
- ޓްރޭއަށް އަޅާލުމަށް ފަހު ސަމްސަލަކުން އެއްވަރު ކޮށްލާފައި، ފޮއިލް ކޮޅަކުން މަތި މަތި ނިވާކުރުމަށް ފަހު ފްރިޖަށް ލާށެވެ. ފްރިޖްގައި 2 ގަޑިއިރެއްހާއިރު ބެހެއްޓުމުން ވެސް ރަނގަޅު ވާނެއެވެ.
މިއަދު މި ގެނެސްދިން ރެސިޕީ ވެސް ނަގާފައި މިވަނީ “ލޮނުމެދު” ވެބްސައިޓުންނެވެ.