ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ
1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5,583,326.44 (ފަސް މިލިއަން ފަސްލައްކަ އަށްޑިހަ ތިންހާސް ތިންސަތޭކަ ސައްބީސް ރުފިޔާ ސާޅީސް ހަތަރު ލާރި) ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަ ކޮށްފިއެވެ.
އެމިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހުގެ 26 ވަނަ ދުވަހާއި ހަމައަށް 107،132 މީހުން ފިޠުރު ޒަކާތް ދައްކާފައި ވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައި ވަނީ 5,657,851 (ފަސް މިލިއަން ހަ ލައްކަ ފަންސާސް ހަތްހާސް އަށްސަތޭކަ ފަންސާސް އެކެއް) ރުފިޔާއެވެ. އެއީ 135743 (އެއްލައްކަ ތިރީސް ފަސްހާސް ހަތްސަތޭކަ ސާޅީސް ތިނެއް) މީހުން ދެއްކި ޒަކާތުގެ ޖުމްލަ ޢަދަދެވެ.
އޮންލައިން ކޮށް އަދި މިނިސްޓްރީގެ ވެބްސައިޓުންނާއި، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ޒަކާތް ބަލައިގަނެފައި ވަނީ ރަމަޟާން މަހުގެ 28 (29 އެޕްރިލް) ވަނަ ދުވަހާއި ހަމައަށެވެ. ނަމަވެސް މިނިސްޓްރީގެ ކައުންޓަރުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ޒަކާތް ބަލައިގަންނާނެ ކަމަށް އެމިނިސްޓްރީ އިން ވަނީ އަންގާފައެވެ.
އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ވަގުތަކީ 28 ރަމަޟާން 1443 (29 އޭޕްރިލް 2022) ވަނަ ދުވަހުގެ 18:00 އާއި ހަމައަށެވެ.