އަމިއްލަ ޤައުމުގަ ހުރި މިސްކިތްތައް ތަޅާ ސުންނާފަތި ކުރާ ބަޔަކު މިޤައުމުގެ ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ ބޭނުމަކީ ކޮބައިބާ!: ޝައިޚް ސަމީރު
އަމިއްލަ ޤައުމުގައި ހުރި އެތައް ސަތޭކަ އަހަރުވީ އާސާރީ މިސްކިތްތައް ތަޅާ ސުންނާފަތި ކުރާ ބަޔަކު، މިގައުމުގައި ހުރި ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ ބޭނުމަކީ ކޮބައިތޯ ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ސުވާލު ކުރައްވައިފިއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝައިޚް ސަމީރު ވިދާޅުވެފައި ވަނީ، އިންޑިޔާގެ ބާބަރީ މިސްކިތަކީ މިހާރު ފެންނަން މިހިރަ މާލޭ ހުކުރުމިސްކިތުގެ ޢިމާރާތަށްވުރެ 100 އެތައް އަހަރެއް ދޮށީ މިސްކިތެއް ކަމަށެވެ. އެހެނީ އެމިސްކިތަކީ 1153 ގައި ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި މިސްކިތެއްކަމުގައި ވީނަމަވެސް މާލޭ ހުކުރުމިސްކިތް މިހާރު މިހުރި ގޮތަށް ބިނާކުރެއްވީ، 1657 ނުވަތަ 1658 ގައި އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ކަމަށް ވެސް ޝައިޚް ސަމީރު ބުނެފައިވެއެވެ.
އެހެންނަމަވެސް 1992 ގައި އިންޑިއާގައި ތަޅާ ސުންނާފަތިކޮށްލި ބާބަރީ މިސްކިތަކީ މީލާދީން 1528 ނުވަތަ 1529 ގައި ހިންދުގައި އޮތް އިސްލާމީ ވެރިކަން ކަމުގައިވާ މުޣްލީ ދައުލަތުގެ (932- 1274ހ) ބާނީ ޡަހީރުއްދީން މުޙައްމަދު ބާބަރު ބިނާކުރެއްވި މިސްކިތެއް ކަމަށާއި، އެމިސްކިތް އެޅިތާ 400 އަހަރުފަހުން، ޙައްދުފަހަނަ އަޅާފައިވާ ހަރުކަށި ހިންދޫން އެތަނަކީ އެމީހުންގެ ފައްޅިއެއް ހުރިތަނެއްކަމަށް ކުރި ދަޢުވާއަށް ތާރީޚީ ހޯދުންތަކުން އެއްވެސް ހެއްކެއް ދެއްކިފައިނުވުމުގެ އިތުރުން، ބިމުގެ އަޑިޔަށް ކޮނެގެން ކުރި ތާރީޚީ ދިރާސާއިން އެތަނުން މުސްލިމުންގެ ގެދޮރުގެ އަސަރުތައް ފެނިފައިވުމާއެކުވެސް އެތަނުގައި ހިނދޫންގެ ފައްޅިއެއް ބިނާކުރާގޮތަށް އިންޑިއާގެ ސުޕުރީމް ކޯޓުން ޙުކުމް ކޮށްފައިވާ ކަމަށް ޝައިޚް ސަމީރުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ޙުކުމާއި ތާޢީދާއިއެކު 1992ގައި ބާބްރީ މިސްކިތް ތަޅާލައި، މުސްލިމުންގެ އެތައް ބަޔަކު ޝަހީދުކޮށް ލޭއޮހޮރުވުން ހިންގައި، އެތައް ޖަރީމާތަކެއް ހައްދުފަހަނައެޅި ހިންދޫއިން ވަނީ ހިންގާފައެވެ. އަދި މިއަދާއި ހަމައަށް ވެސް އެމީހުންގެ އަނިޔާތަކާއި ދުއްތުރާތަކަށް ނިމުމެއް ނާދެއެވެ.
” އަމިއްލަ ޤައުމުގައި ހުރި އެތައް ސަތޭކަ އަހަރުވީ އާސާރީ މިސްކިތްތައް ތަޅާ ސުންނާފަތި ކުރާ ބަޔަކު، މިގައުމުގައި ހުރި ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ ބޭނުމަކީ ކޮބާބާ”
ކަން މިހެން ހުރިއިރު އަމިއްލަ ޤައުމުގައި ހުރި އެތައް ސަތޭކަ އަހަރުވީ އާސާރީ މިސްކިތްތައް ތަޅާ ސުންނާފަތި ކުރާ ބަޔަކު، މިގައުމުގައި ހުރި ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ ބޭނުމަކީ ކޮބައިތޯ ޝައިޚް ސަމީރު ސުވާލު ކުރަވާފައިވެއެވެ.
ބެލެވޭ ގޮތުގައި ޝައިޚް ސަމީރު މިފަދައިން ސުވާލު އުފައްދަވާފައި މިވަނީ ދާދި ފަހުން ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބުނެ މީޑިއާތަކުގައި ފެތުރިފައިވާ ވާހަކަތަކުގެ ސަބަބުން އެތައް ބަޔަކު އެކަމާ ނުރުހުން ފާޅު ކުރުމުން، އެކަން ދޮގުކޮށް ޔުމްނާ މައުމޫން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެޓްވީޓްގައި އެކަމަނާ ވިދާޅުވެފައި ވަނީ، ނޫސްތަކުން ހަޤީޤަތް އޮޅޭ ގޮތަށް ޚަބަރުތައް ފަތުރަމުންދާ ކަމަށާއި، އިންޑިޔާގެ އިންޑިޔާގެ އެހީގައި މިވަގުތު ކުރެވެމުންދާ އެންމެ ބޮޑު ހެރިޓޭޖް މަސައްކަތަކީ މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވުން ކަމަށެވެ.
ނޫސްތަކުގައި ފެތުރު ޚަބަރާއެކު އެތައްބައެއްގެ ނުރުހުން އަމާޒުވުމުން އެކަމާއި ބެހޭގޮތުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް، އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބުނެ ހަޤީޤަތާއި ޚިލާފަށް، ފިތުނަ އުފެދޭގޮތަށް ދޮގު ޚަބަރުތައް ބައެއް މީޑީއާތަކުން ފަތުރަމުންދާ ކަމަށާއި، މިފަދަ ދޮގު ޚަބަރުތަކަކީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއި، މުޖުތަމަޢުގެ ހަމަޖެހުން ގެއްލި، ދިވެހިންގެ ތެރޭގައި ފިތުނަފަސާދަ އުފެދި ބައިބައިވުމަށް މަގުފަހިވާނޭ އަމަލުތަކެއް ކަމަށެވެ. އަދި ދިވެހިންގެ ދީނީ ލޯތްބާއި ދީނަށްޓަކައި އޮންނަ ޤުރުބާނީގެ ރޫޙް ނަހަމަގޮތުގައި ބޭނުންކޮށް، ސިޔާސީ ބޭނުމަށް ހިންގާ މިބާވަތުގެ އަމަލުތައް ކުށްވެރިކޮށް އެފަދަ އަމަލުތައް ހުއްޓައިލުމަށް ގޮވައިލާ ކަމަށް ވެސް އެމަރުކަޒުގެ ބަޔާނުގައި ބުނެފައިވެއެވެ.
ބުދުދީނުގެ އާސާރުތައް އިންޑިޔާއިން މަރާމާތުރަން އުޅޭ ކަމަށް ފެތުރިފައިވާ ވާހަކަތަކާއި ގުޅިގެން، ސަގާފަތާއި ތަރިކައިގެ ދާއިރާއިން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ތަފްސީލު ވެސް އެބަޔާނުގައި ވަނީ ދެއްވާފައެވެ.
އެގޮތުން އިންޑިޔާ ސަރުކާރުގެ މާލީ އެހީގައި މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި، ތ. ދިޔަމިގިލީ ގަނޑުވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ނ. ލަންދޫ މާބަދިގެ (ހަތްކަ) ނުވަތަ މާބުދުގެ ސަރަޙައްދުގައި ދާރުލްއާސާރަކާއެކު ހެރިޓޭޖް ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ނ. ލަންދޫ މާބުދުގެ ސަރަޙައްދުގެ ފޮޓޯ ބޭނުންކޮށްގެން އެ ސަރަޙައްދުގައި ހުރިކަމަށް ބެލެވޭ ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތު ކުރަން އުޅޭކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް، އެ ސަރަޙައްދުގައި ހިންގަން ރާވާފައިވާ މަޝްރޫޢުގައި ހިމެނެނީ ދާރުލްއާސާރެއް ބިނާކުރުމާއި، ހެރިޓޭޖް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކަމަށާއި، މި މަޝްރޫޢަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލަކަށް ބިނާކޮށް އިންޑިއާ ސަރުކާރުން ލިބިފައިވާ 4 މިލިއަން ރުފިޔާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް ތަރިކައާއި ބެހޭ މަރުކަޒުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހީންނަށް އަރުވާ ކަމަށާއި، އެމަރުކަޒުން ހިންގާ އެކިއެކި މަޝްރޫޢުތައް އަބަދުވެސް ކުރިއަށް ގެންދަނީ ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އާއި އޭގެ ރޫޙާ އެއްގޮތަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ނ. ލަންދޫ މާބަދިގެ (ހަތްކަ) ނުވަތަ މާބުދުގެ ސަރަޙައްދު މަރާމާތު ކުރުމަށް އިންޑިޔާއިން ފަންޑު ކުރާ ޚަބަރާއެކު ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބުނެ މީޑިއާތަކުގައި ޚަބަރު ފެތުރުމުން، ދީނީ އެތައް ޢިލްމުވެރިންނަކާއި އަދި އާންމުންގެ އެތައް ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށް ދެކޮޅު ހަދާފައެވެ. އަދި ރާއްޖޭގައި އިހުޒަމާނުގައި އަޅުކަން ކޮށް އުޅުނު ބުދުދީނުގެ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަކީ މިހާރުވެސް ހީނަރުވަމުން އަންނަ ދިވެހިންގެ އަޤީދާއަށް ލިބޭ އިތުރު ނިކަމެތިކަމެއް ކަމަށާއި، މިކަމުގެ ސަބަބުން އެހެން ދީންތަކަށް މިރާއްޖެއިން ޖާގަ ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެތައް ބަޔަކު ބުނަމުންދިޔައެވެ.
މިމަޝްރޫޢަކީ ތަރިކަ ހިމާޔަތް ކުރުމަށް އިންޑިޔާގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢެއް ކަމަށް ތަރިކައާއިބެހޭ މަރުކަޒުން ބުނި ނަމަވެސް، މިއީ އިންޑިޔާއިން ރާއްޖެއަށް އަތްގަދަކޮށް ނުފޫޒު ފޯރުވުމުގެ އިތުރު ބޮޅެއް ކަމަށާއި، މިކަމުގައި އިންޑިޔާގެ ފޮރުވިފައިވާ ނުބައި ރޭވުމެއް އޮންނާނެ ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.
ސިޔާސީ ބޭނުމައް ފިތުނަފަސާދަ އުފެއްދުންނޫން ކަމެއް އެބަކުރޭތަ. 2019 ވަނަ އަހަރު އެއްބަސްވެ ސޮއިކޮއްފައޮތްކަމެއްމީ ރާއްޖޭގެ ސަގާފަތާއި ތާރީޙުގެ ދުވަސްވީ ތަންތަން މަތާމާތުކުރަން.. އެގޮތުގެ މަތީން އެންމެބޮޑު ޙަރަދެއްކޮއް އާބާތުރަ ފިލުވުންއޮތީ ހުކުރުމިސްކިތުގެ.. މިއީ ދިވެހިން ބޭނުންގޮތަކައް ކުރާކަމެއް.. ޙަރަދުކުރަނީ އިންޑިއާ އިން.. މިސާލަކައް އިންޑިއާ ނޫން ގައުމަކުން މިކަމައް ފަންޑުކުރަންޔާ އޯކޭ އޭތަ ސަމީރު މިކިޔަނީ.. ދީންވިއްކައިގެން އުޅޭ އަސްލުދީނީ އިލްމުވެރިންނައްވެސް ހުތުރު މިމީހުންނާހެދި..
mikahala konme fithunaakah SALAF ge ilmuverin kamuga thibey meehun dharualhaa endhumuge fahathuga vanee kon kameh kan emmenves fun koh visnan jehey.