ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ “އަކުއާޓިކް” ޙަރަކާތް ފަށައިފި
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މޫދުގެ ޙަރަކާތްތަށް ފެށުމުގެގޮތުން “އަކުއާޓިކް” ގެ ނަމުގައި ޙަރަކާތެއް ފަށައިފިއެވެ.
މި ޙަރަކާތަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަތަން ދަސްކޮށްދިނުމުގެ އިތުރުން މޫދުގެ ކުޅިވަރުތައް ތަޢާރަފު ކުރުމާއި މޫދުން އެކުދިންނަށް ލިބިދޭ އެކިއެކި ތެރަޕީތައް ދިނުމަށް ކުރިއަށް ގެންދާ ޙަރަކާތްތަކެއްގެ ފެށުމެކެވެ.
މިއަދު އާޓިފިޝަލް ބީޗުގައި ބޭއްވި މި ޙަފްލާގެ ޝަރަފްވެރި މެހެެމާނަކީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފު އެވެ.
ބައިވެރިންނާ މުޚާޠަބު ކުރައްވަމުން މަޙްލޫފު ވިދާޅުވީ ސްވިމިންގ އަކީ ވަރަށް ގިނަ ބެލެނިވެރިން އެ ކުޅިވަރަކަށް އެދޭ އެއް ކުޅިވަރުކަމަށާއި މިކަން ނުފެށިގެން ވަރަށްގިނަ ބެލެެނިވެރިން ކަންބޮޑުވާކަމަށެވެ.
މިނިސްޓަރ މަޙްލޫފު އިތުރަށް ވިދާޅުވީ މިކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްބަޔަކީ ބެލެނިވެރިން ކަމުން ބެލެނިވެރިން މިހާރުވެސް މިކަމުގައި ދެއްވަމުންގެންދަވާ އެއްބާރުލުން ކުރިއަށް އޮތްތާނގައިވެސް ދެއްވާނެކަމަށް އުންމީދުކުރާކަމަށެވެ. އަދި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ދިވެހި ރާއްޖޭގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވާ އެކްސްކޯއަށް ޚާއްޞަ ޝުކުރެއް ދެންނެވިއެވެ.
މިއަދު 10:00 ގައި ފެށި މި ޙަރަކާތް ނިންމާލާފައިވަނީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ބައިވެރި ވުމާއެކު ހަވީރު 5:00ގަ އެވެ.
އެސް-އޯ މޯލްޑިވްސް އިން މެޑަމް ފަޒްނާ އަށް ކުރިއަށް ރޭވިފައިވާ ބައެއް ޕްރޮގްރާމްތައް ވަނީ ޙިއްޞާ ކުރައްވާފައެވެ. އަދި މެޑަމް ފަޒްނާ ވަނީ އެކަމަށް ހިތްވަރުދެއްވާ މިކުދިންނަށް އިތުރު ފުރުޞަޠުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ހިތްވަރުދެއްވާފައެވެ.
މި ޙަރަކާތުގައި ކުދިންގެ ފެންވަރު ބެލުމުގެގޮތުން ސްކްރީން ކުރުން އޮތެވެ. މިޙަފްލާގައި އެސް-އޯ މޯލްޑިވްސްގެ މޫދުގެ ކުޅިވަރުތައް ހިންގުމަށް ނިއު ލެގޫން ސްވިމިންގ ކްލަބު އާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
އެއް އަހަރުދުވަހުގެ މުއްދަތަށް މި ވެވުނު ފަހުމުނާމާގެ ދަށުން އެސް-އޯ މޯލްޑިވްސްގެ ކުދިންނަށް ފަތަން ދަސްކޮށްދިމުނާއި އެކި ހަރުފަތްތަކަށް އެކުދިން ތަމްރީނުކުރުން ހިމެނެއެވެ.
އެސް-އޯ މޯލްޑިވްސްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ މުއައްސަސާގެ ޗެއަރޕަރސަން އައިމިނަތު ޝާއިނާ ޢަބްދުﷲ ވިދާޅުވީ މިކަމަކީ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި އެސް-އޯ މޯލްޑިވްސް އިން އަބަދުވެސް ރާއްޖޭގެ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށެވެ.
މީގެ އިތުރުން ބެލެނިވެރިން އެސް-އޯ މޯލްޑިވްސްއަށް ބަހައްޓަވާ ގާތްކަން ފާހަގަކޮށް ޝުކުރު ދެއްނެވިއެވެ.
މި ޙަފްލާގައި ނިއު ލެގޫންގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކްލަބުގެ ހެޑް ކޯޗު އިސްމާޢީލް ފަރުހާން ވިދާޅުވީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ ވެސް ފެތުމުގެ ދާއިރާއިން އެހެންމީހުނެކޭ އެއްފަދައިން މި ކުޅިވަރުގައި ފައިތިލަ ސާބިތު ކުރާނެ ބަޔަކަށް ހެދުމާއި މޮޅެތި ފެތުންތެރިންތަކެއް އުފައްދައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް ރާއްޖެ ފަޚުރުވެރިވާ ފަދަ ކުދިންތަކަކަށް ހެދުމަކީީ ނިއުލެގޫންގެ އެންމެ ބޮޑު އެއް އަމާޒުކަމުގައެވެ.
ނިއު ލެގޫންގެ ފަރާތުން ސްވިމިންގ ގެ ކޯޑިނޭޓަރއަކަށް ކަނޑައަޅާފައިވަނީ ފެތުމުގެ ދާއިރާއިން ފާއިތުވި ތިރީހަކަށް އަހަރު މެދުކެނޑުމެއްނެތި ޝަޢުޤުވެރިކަމާއެކު ކުރަމުން އަންނަ ފެތުމުގެ ދާއިރާއިން އެންމެ ފުރަތަމަ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ޙާޞިލު ކުރައްވާފައިވާ އަޙްމަދު ޒުނައިޖު އެވެ.