ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް
ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢޫގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެމް.ޓީ.ސީ.ސީއިން ބުނެފިއެވެ.
މަޝްރޫޢު ކުރިއަށް ގެންދާ ފަރާތް ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން މީޑިއާތަކަށް އާންމު ކުރި މަޢުލޫމާތުގައި ބުނެފައި ވަނީ، މި މަސައްކަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 01 ޖޫން 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބަންޑް ވޯލް އެޅުމުގެ މަސައްކަތް ވެސް ފުރިހަމަ ކޮށްފައިވާ ކަމަށް ވެސް އެފަރާތުން ހާމަކޮށްފައި ވެއެވެ.
އެމް.ޓީ.ސީ.ސީއިން ހާމަ ކޮށްފައިވާ ގޮތުގައި، މިމަސައްކަތުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1238 މީޓަރު ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށް އެފަރާތުން ހާމަ ކޮށްފައިވެއެވެ.
ގއ. ދާންދޫގެ ލާބައާއި ތަރައްޤީއަށް ޓަކައި ކުރިއަށް ގެންދާ މި މަޝްރޫޢަކީ 186.6 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.