ހަރުކަށިފިކުރާއި ހައްދުފަހަނައެޅުމާއި މެދުމިން، މިއީ ކޮން ވާހަކައެކޯލަ؟ (5)

ހައްދުފަހަނައަޅައިދިއުން އިސްލާމީ ޝަރުޢުގައި ބެހިގެންވާ ބައިތައް

ހައްދުފަހަނައަޅައިދިއުން އިސްލާމީ ޝަރުޢުގައި ބެހިގެންވާ ބައިތައް:

ހައްދުފަހަނައަޅައިދިއުން މައިގަނޑު 3 (ތިން) ބަޔަކަށް ބެހިގެންވެއެވެ. އެއީ:
1- ޢަޤީދާގައި ހައްދުފަހަނައަޅައިދިއުން: މިއީ ޙައްދުފަހަނައަޅައިދިއުމުގެ އެންމެ ނުރައްކާތެރި ވައްތަރެވެ. އަދި މިދިވެހި މުޖުތަމަޢުގެ ތެރޭގައިވެސް މިފަދަ ޙައްދުފަހަނައެޅުންތައް މިހާރަކަށް އައިސް ވަރަށް ބޮޑުވެފައިވާކަން ފާހަގަކުވެއެވެ. ޢަޤީދާގައި ޙައްދުފަހަނައަޅައިދިއުމަކީ، މާތް ﷲ ޝަރުޢު ނުކުރައްވާކަމެއް ޢަޤީދާއެއްގެ ގޮތުގައި ޤަބޫލުކުރުމެވެ. ޢަޤީދާއަކީ މީހާ ޤަބޫލުކުރާ ގޮތްކަމުގައިވާއިރު، އަދި އެޤަބޫލުކުރުމުގެ މައްޗަށް އެމީހެއްގެ ޢަމަލުތައް ބިނާކުރާއިރު، ޤަބޫލުކުރުން ނުބައިވެއްޖެ ނަމަ އޭނާ ކުރާ ޢަމަލުތައް ނުބައިވެގެންދާނެއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެހެންކަމުން ޢަޤީދާގައި ހައްދުފަހަނައަޅައިދިއުމަކީ އެންމެ ނުރައްކާތެރި ޙައްދުފަހަނައެޅުމެވެ. މިސަބަބަށްޓަކައި، ފާފަކުރާމީހުނަށްވުރެ ބޮޑަށް ބިދުޢަވެރިންގެ ކިބައިން ދުރުވެ ރައްކާތެރިވުމަށް އިސްލާމީ ޢިލްމުވެރީން އިލްތިމާސްކުރައްވައެވެ. މިފަދައިން ޙައްދުފަހަނައަޅައިދިޔަ ނުރައްކާތެރި ޖަމާޢަތްތަކަށް ބަލާއިރު ޚަވާރިޖުން ފާހަގަކޮށްލެވެއެވެ. މިގޮތުން ބަލާއިރު މިބައިމީހުންގެ ހައްދުފަހަނައަޅާފައިވާ ޢަމަލުތަކުގެތެރޭގައި، ވެރިން ނުވަތަ އެހެންވެސް މީހަކު ކުރާ، އެމީހާ އެކަމެއް ކުރުމުން އޭގެ ޒާތުގައި ކުފުރަކަށް ނުވާ ޢަމަލެއް ކުރުމުންވެސް، އެމީހަކީ ކާފަރެއްކަމުގައި ކަނޑައެޅުމާއި، އެބައިމީހުން ކާފަރުންކަމުގައި ކަނޑައަޅާ ވެރީންނާއި، ސަރުކާރުގެ މުވައްޒަފުންނާއި، ޢާއްމު ބައްއް މުސްލިމުންނަކީ ކާފަރުން ކަމުގައި ނުދެކޭ މީހާއަކީވެސް ކާފަރެއްކަމުގައި ކަނޑައެޅުމާއި، ވެރީންނާއި ބައެއް ފާފަކުރާ މީހުނަކީ ޠާޣޫތުން ކަމުގައި ކަނޑައެޅުންފަދަ ކަންތައްތައް ހިމެނެއެވެ.

މިކަންކަމުގެ ނަތީޖާއަކަށްވަނީ، މިފަދަ ޤަބޫލުކުރުން ތަކުގެ ސަބަބުން މުސްލިމުންގެ ލެޔާއި މުދާ ހުއްދަކޮށް އެބައިމީހުނާއި ދެކޮޅަށް ކަނޑި އުފުލައި ހަނގުރާމަ ކުރާ ހިސާބަށް ގޮސް، ޙަޤީޤީ މުސްލިމުންވެސް ކާފަރުކޮށް، އެބައިމީހުންގެ ލޭ ހުއްދަކަމަށާއި އެބައިމީހުނާއި ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުމާއި ހަމައަށްވެސް ދިއުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

( إِنَّ مَا أَتَخَوَّفُ عَلَيْكُمْ رَجُلٌ قَرَأَ الْقُرْآنَ حَتَّى إِذَا رُئِيَتْ بَهْجَتُهُ عَلَيْهِ ، وَكَانَ رِدْئًا لِلْإِسْلَامِ ، غَيَّرَهُ إِلَى مَا شَاءَ اللَّهُ ، فَانْسَلَخَ مِنْهُ وَنَبَذَهُ وَرَاءَ ظَهْرِهِ ، وَسَعَى عَلَى جَارِهِ بِالسَّيْفِ ، وَرَمَاهُ بِالشِّرْكِ ) ، قَالَ: قُلْتُ: يَا نَبِيَّ اللَّهِ، أَيُّهُمَا أَوْلَى بِالشِّرْكِ، الْمَرْمِيُّ أَمِ الرَّامِي؟ قَالَ: ( بَلِ الرَّامِي )”

(روى ابن حبان (81) ، والبخاري في “التاريخ الكبير” (2907) ، والبزار (2793) عن حذيفة رضي الله عنه)

މާނައީ: ” ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުފުޅުގެން ވަޑައިގަންނަވަނީ، މީހާ ޤުރުއާންކިޔަވައި، އޭގެ އަސަރު އޭނާގެ ކިބައިން ފެނި، އިސްލާމްދީނަށް ނަޞްރު ދިނުމަށް މަސައްކަތް ކުރާ މީހަކަށްވެ، ދެން އެއަށްފަހު އެދީނުން އޭނާ ފުރެދި، ދީނުގެ ޙުކުމްތައް ރަނގަޅު ނޫންގޮތުގައި ޤަބޫލުކޮށް، ދީނުގެ ތަޢުލީމާތުތަކާ ދުރަށް މާތް ﷲގެ އިރާދަފުޅާއެކު ގޮސް، ދީން ފުރަގަހަށް އެއްލާލައި ( އެންމެ ފަހުން ) އޭނާގެ އަވައްޓެރިޔާގެ މައްޗަށް ކަނޑި އުފުލައެވެ. އަދި އޭނާގެ މައްޗަށް ޝިރްކުގެ ޙުކުމްޖަހައެވެ. ތިމަން ދެންނެވީމެވެ. ” އެ ދެމީހުންގެ ތެރެއިން ޝިރުކާ އެންމެ ގާތީ ކާކުހެއްޔެވެ؟ އެހެން އެބުނި މީހާ ހެއްޔެވެ؟ ނުވަތަ އޭނާ އެބަސް އެ ރައްދުކުޅަ މީހާ ހެއްޔެވެ؟ ޙަދީޘް ކުރެއްވިއެވެ. އަދި ކިއެއްތަ އެހެން އެބުނި މީހާއެވެ.”

ތިމާ ހެޔޮޢަމަލުކޮށް ނިޔަތް ރަނގަޅުވުމުން އެކަނި ނުފުދެއެވެ. ތިމާގެ ޢަޤީދާއަކީ ސާފު އެއްޗެއްކަމުގައިވެ، ސަލަފުއްޞާލިޙުން ގެންގުޅުއްވި ޢަޤީދާ ކަމުގައިވާން ޖެހޭނެއެވެ. އިތުބާރު ހުރި ޢަދުލުވެރި ޢިލްމުވެރީންގެ ޖޯޝާއި ފޯރިއާއި ބަދަލު ހިފުމާއި ހަވާނަފްސުގެ މައްޗަށް އެޢަޤީދާ ބިނާވުމަކާއި ނުލައި، އިތުބާރު ހުރި ޢިލްމުވެރިންގެ އުޞޫލުތަކާއި އެއްގޮތްވާ ސާފު ޢަޤީދާއަށް ވާން ޖެހޭނެއެވެ.

ހަމަ މިފަދައިން މުރުޖިޔާއިންގެ ނުބައި ޢަޤީދާތަކާއި، ދީން މޮޑަރޭޓުކުރުމުގެ ނަމުގައި ޝަރުޢު ބަދަލުކުރުމުގެ ޢަޤީދާތަކުގެ ހައްދުފަހަނައެޅުމުގެ ނުރައްކާވެސް ބޮޑުވެފައި، އެފަދަ ޢަޤީދާތަކުންވެސް ސަލާމަތްވާން ޖެހޭނެއެވެ. އެފަދަ ޢަޤީދާތަކުގެ ބައެއް ޙައްދުފަހަނަ އެޅުންތަކަށް ބަލާއިރު، އެބައިމީހުން ބުނާގޮތުގައި ނުވަތަ ދެކޭގޮތުގައި، ދީނުގައި ޠާޣޫތެއްކަމުގައި މީހަކު ކަނޑައެޅޭފަދަ ޙާލަތްތަކުގައިވެސް، އަދި ކުފުރުގެ ޙުކުމް ޤުރުއާނާއި ސުންނަތުގެ އަލީގައި، މީހާގެ މައްޗަށް ސާބިތުވާ ޙާލަތްތަކުގައިވެސް އެފަދަ މީހާ އަކީ ކާފިރެއްކަމުގައި ދެކުމާއި، އެޙުކުމް ޖެހުމަކީ ކުރެވޭނޭ ކަމެއްނޫނެވެ. މި ޤަބޫލުކުރުމަކީވެސް ނުރައްކާތެރި ހައްދުފަހަނައަޅައިފައިވާ ޢަޤީދާއެކެވެ. އެހެނީ ތަކްފީރަކީ ޝަރުޢީ ޙުކުމެކެވެ. އެޙުކުމް ޝަރުޢުގައިވާ މިންގަނޑާއި ޝަރުޠުތަކުގެ ތެރެއިން އެކަމަށް އެކަށޭނަ ދީނުގައި މޫލާފައިތިބި ޢިލްމުވެރީންނަށް އެކަންކުރެވޭނެއެވެ. އަދި އެގޮތުން ކާފަރުންކަމުގައި ކަނޑައެޅޭ މީހާގެ ކުފުރުކަމާއިމެދު އިންކާރުވެސް ނުކުރެވޭނެއެވެ. ސީދާ ތިމާއީ ކާފަރެއްކަމުގައި ބުނެ ޢިއުލާންކޮށް، ބުދަށް އަޅުކަން ކުރާމީހާއަކީވެސް، ކާފަރެއްކަމުގައި ބުނަން ނުވާނެކަމަށާއި، ސަބަބަކީ މާދަމާވެސް އޭނާ އިސްލާމްވެދާނެތީކަމުގައި މިފަދަ ބައެއް ޢަޤީދާ ތަކުގައި ޤަބޫލުކުރެއެވެ. ނަމަވެސް އެއީ ބޮޑުވެގެންވާ ޙައްދުފަހަނައެޅުމެކެވެ. އެހެނީ އެކަމުގައި ޙުކުމް ކުރަން ޖެހޭނީ އެއިރުގެ ޙާލަތަށެވެ. ވެދާނެގޮތުގެ މައްޗަށް ނުވާކަމަކާއިމެދު ވިސްނައިގެނެއް ނޫނެވެ….

(ނުނިމޭ)

މިލިޔުމުގެ ކުރީގެ ބައިތައް:

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.