ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް: މާލޭ ސިޓީ ކައުންސިލް
ބުޅާ ފެސިލިޓީ އަޅާނީ ބުޅާ ނިއުޓާ ކުރުމަށްފަހު ފަރުވާދެވޭ ގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މާލެ ތެރޭގައި އުޅޭ އެއްހާސް ބުޅާ ބެލެހެއްޓޭ ވަރުގެ ފެސިލިޓީއެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މޭޔަރު ފާހަގަ ކޮށްފައިވަނީ ބުޅަލުގެ މައްސަލައަކީ މާލޭ ސިޓީ ކައުންސިލުން އެކަނިމާ އެކަނި އުޅެންޖެހޭ މައްސަލައެއްވެސް ނޫކަމަށްށެވެ. މި ކަމުގައި އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޒިންމާ ވެސް އޮންނަޖެހޭ ކަމެއްކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެއަކީ ސާފުކޮށް އޮންނަށް ޖެހޭތަނަކަށް ވާންޖެހޭނެކަމަށާއި، މާލޭގެ މަގު މަތީގައި ބުޅާތައް ގިނަ އިން އުޅޭކަމަށް ވާނަމަ އޭގެން ވާނެ ދަތިތަކާ، އުނދަގުލާއި، ނުރައްކާތެރި އެތައް ކަންކަމެއްގެ ޒިންމާތަކެއް ކައުންސިލުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭނެކަމުގައެވެ. މާލޭ ސިޓީ ކައުންސިލާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން މި ކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ކުރީގެ ކައުންސިލުން ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ވިދާޅުވީ އާބަންކޯއާއި އެކު އެއްބަސްވުމަކާއި ހަމަ އަށް އާދެވިފައިކަމަށާއި، ފޭސް ދޭއްގެ ފަރުކޮޅު ފުށީގައި ބުޅާ ފެސިލިޓީއެއް ހަދާގޮތައް އޭރު އެއްބަސްވުމަކާއި ހަމައަށް އާދެވިފައި ވީނަމަވެސް އެކަން ކުރެވިފައިވާ ނުވާކަމަށެވެ. އެ ގޮތުން މިހާރުގެ ކައުންސިލުން ވެސް އާބަންކޯއާއި އެކުގައި މަޝްވަރާތައް ކުރަމުންދިޔަކަމަށާއި އެހެންނަމަވެސް އެންމެ އެދެވޭ ޖަވާބެއް ނުލިބޭކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ނިއުޓާ ކުރުމުގެ ހުރިހާ ސާމާނެއް ހޯދުމާއި އެކު ބުޅަލަށް އަޅާލަން ޖެހޭ ގޮތައް އަޅާލުމުގެ ކަންކަމަށް މުވައްޒަފުން ވެސް ތިބޭނެކަމަށެވެ. އަދި މީގެ އިތުރުން ބުޅާ ބޭނުން ފަރާތްތަކަށް ބުޅާ ގެންދެވޭނެކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން މޭޔަރު ވިދާޅުވީ ފަށައިގަންނައިރު އެއްހާސް ބުޅަލަށް ކޭޓަރކޮށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރުމަށް ނިންމާފައިވާކަމަށާއި، މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަތަރު މަސް ތެރޭގައި ހަދަން ނިންމާފައިވާ ކަމަށެވެ.