ޙަދީޘެއް ކަމަށް ވިދާޅުވެ ޢިމްރާން ދެއްކެވި ވާހަކައަށް ޝެއިޚް ނިޝާންގެ ވަރުގަދަ ރައްދެއް

ޙަދީޘެއް ކަމަށް ނިސްބަތްކޮށް ޢިމްރާން ކިޔުއްވީ ޙަދީޘެއް ނޫން!

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޖަލްސާގައި، ޢަދާލަތު ޕާޓީގެ ރައީސް، އަދި މިހާރުގެ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަ ފުޅުގައި ޙަދީޘެއް ކަމަށް ވިދާޅުވި ބަސްފުޅަކީ، ޙަދީޘް ބަސްފުޅެއް ނޫން ކަމަށް ވިދާޅުވެ އައްޝެއިޚް އާދަމް ނިޝާން ހޫނު ރައްދެއް ދެއްވައިފިއެވެ. ޝެއިޚް ނިޝާން މިފަދައިން ވިދާޅުވެފައިވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި އެކަމާއި ގުޅިގެން ޢާއްމުކުރެއްވި ވީޑީއޯއެއްގައެވެ.

އެބޭފުޅަކު އެތާޢީދު ކުރައްވާ ފަރާތާ އެކީގައި ރޭގަނޑުގެ ނިދި ނަގާލާފައި ކެމްޕެއިނުގައި އުޅުމަށް ދަލީލު ދައްކަވަމުން އިމްރާނު ވިދާޅުވެފައިވާ ބަސްފުޅު ޝެއިޚް ނިޝާން ވަނީ ނަކަލުކުރައްވާފައެވެ.
ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ވިދާޅުވެފައިވަނީ “ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް، އެކަލޭގެ ފާނު ނަބީކަމައިގެން ވަޑައިގެންނެވި އިރު ކަޢުބަތުﷲ ގެފުޅުގެ މަތީގައި 360 ބުދު ބަހައްޓައިގެން އޮރިޔާމާ ޠަވާފްކުރި!. ޢެޙާލަތް ބަދަލު ކުރަން، ކުރަން ޖެހޭނެ މަސައްކަތް އެކަލޭގެފާނަށް އެނގިވަޑައިގަންނަވަ! އެހެންވެގެން ފާޅުގަ ދީނަށް ގޮވާލައްވަން އަމުރުކުރެއްވީމާ، ޚަދީޖާ  ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަޑައިގެން ގޮވާލައްވާފަ ވިދާޅުވި..

އިޝްތިހާރު Heyobas Ruqya Course Ad square

“يا خديجة، لقد انتهتِ عهدِ النوم والراحة”
(ޔާ ޚަދީޖާ، ލަޤަދް އިންތަހަތި ޢަހްދިއް ނައުމި ވައްރާޙާ)

(އޭ ޚަދީޖާއޭ، މިއަދަށްފަހު، އަރާމުކުރުމާއި ނިދުމުގެ ދުވަސްތައް ތިމަންނަމެންގެ ފަހަތަށް ގޮސް އެނބުރި ހިނގައްޖެއެވެ.! ދެން އަރާމެއް ނިންޖެއް ނެތެވެ.)

އާދެ ބޮޑެތި ކަންތައް ޖެހުނީމަ!. ބާކީ އޮތީ 60 ދުވަސް. މިއަދު އަޅުގަނޑުމެންގެ ޙަމްދާން ބުނި މިދުވަސްވަރު ދެން ނިދަންވާނީ 2 ގަޑިއިރުއޭ.. ބަރާބަރު ވާހަކައެއް ޙަމްދާން!
އެއީ މިޙަދީޘް! ” އިމްރާން ވިދާޅުވިއެވެ.

އަދި އެބަސްފުޅުގެ ޙަޤީޤަތް ބަޔާން ކުރައްވަމުން ޝެއިޚް ނިޝާން ވިދާޅުވީ،
ފުރަތަމަކަމަކަށް ބަލައިލާއިރު މިއީ ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއް ނޫން ކަމަށެވެ. ޝެއިޚް ޢަލަވީ ބުން ޢަބްދުލް ޤާދިރު އައްސައްޤާފް ޙަފިޟަހުﷲ މިޙަދީޘް ދިރާސާ ކުރައްވާ،
މި ޙަދީޡް ބައްލަވާފަ ވިދާޅުވި ގޮތުގައި މިޙަދީޡަކީ އެއްވެސް ފޮތަކުން ފެންނަން އޮތް ޙަދީޡްފުޅެއް ނޫންކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މިޙަދީޡް، ޙަދީޡެއްގެ ގޮތުގައި ޛިކުރު ކުރެވިފައި ވަނީ، “ފީ ޟިލާލިލް ޤުރުއާނި” އޭ ކިހުނު ތަފްސީރު ފޮތެއްގައި ކަމަށް ޝެއިޚް ނިޝާން ވިދާޅުވިއެވެ.
އެހެންނަމަވެސް މިއީ އެއްވެސް އަސްލެއް ނެތް ބަސްފުޅެއް ކަމަށް ބަޔާންވެފައިވާކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

އަދި އެހެން ނަމަވެސް އެލަފްޒުވެސް ޢިމްރާން ކިޔާފައިވަނީ އައިސްފައިވާ ގޮތަށް ނޫން ކަމަށް ވިދާޅުވެ ނިޝާން ވިދާޅުވީ، ޙަދީޘެއްގެ ގޮތުގައި އެވާހަކަ ނިސްބަތް ކުރެއްވި ޢިލުމުވެރިންވެސް ގެންނަވާފައިވަނީ
(مضى عهد النوم، يا خديجة)

މިފަދައިން ކަމަށެވެ.
އަދި މިބަސްފުޅު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތް ކުރެއްވި ބޭފުޅުންވެސް މިބަސްފުޅު ގެންނަވާފައިވަނީ ރޭއަޅުކަމާއި ގުޅޭ ގޮތުން ކަމަށެވެ.
މީގެ އިތުރުން ޢިމްރާން ވިދާޅުވި ބަސްފުޅުވެސް ވިދާޅުވެފައިވަނީ ޢަރަބި ބަހުގެ ގޮތުން ބަލާއިރުވެސް ނުބައިކޮށް ކަމަށް ވިދާޅުވެ، ބަހުގެ ޤަވާޢިދުގެ ދެ ކުށެއް ޝެއިޚް ނިޝާން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިއީ ބޮޑަތި ކުށްތަކެއް ކަމަށް ވިދާޅުވިއެވެ.

ޝެއިޚް ނިޝާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ރިސާލަތު ބާވައި ލެއްވުމުން، ގެފުޅުގައި ބުދު ބަހައްޓައިގެން ޝިރުކު ކުރަމުން ދިޔަ ޢަމަލުތަކާއި، މިނޫންވެސް މިފަދަ އެންމެހާ ޝިރުކުން އެކަލޭގެ ފާނު ބަރީޢަވެ ވަޑައިގެންނެވިއެވެ. އަދި އެމީހުނާއި ބައިޢަތު ހިފައި އެމީހުން ކޮށް އުޅުނު ކަންކަމުގައި ބައިވެރިވެ ވަޑައިގެންނެވީ ނޫން ކަމަށެވެ.
ﷲ ފިޔަވައި އަޅުކަން ކުރެވޭ އެންމެހާ ޠާޣޫތުތަކަށް ކާފިރުވީ ކަމަށާއި، އަދި އެމީހުންގެ އުނދަގުލާއި ތުރާލާ ހުރެ އެންމެ ފަހުން އެކަލޭގެފާނު އުފަންވެ ވަޑައިގެންނެވި ލޯބިވާ ރަށް، މައްކާ ދޫކުރައްވާ މަދީނާއަށް ހިޖުރަ ކުރައްވަންވެސް ޖެހިވަޑައިގެންނެވި ކަމަށެވެ.
އަދި އެއަށްފަހު މައްކާ ފަތަޙަކުރެއްވުމަށްޓަކައި، ލަޝްކަރު ގޮވައިގެން އެކަލޭގެ ފާނު ވަޑައިގެން، އެ މައްކާ ފަތަޙަ ކުރައްވާ އެބުދުތައް ތަޅާލެއްވިއެވެ.

ޝެއިޚް ނިޝާން އިތުރަށް ވިދާޅުވީ ، އެހެންނަމަވެސް މިއަދު، ޝިރުކާއި ކުފުރަށް ގޮވާލާ މީހުންނަށް ބައިޢަތު ހިފައިގެން އިސްލާމް ދީނުގެ ޙުކުމްތަކަށް އިންކާރުކޮށް ދެކޮޅު ހަދައި، ފުރައްސާރަކުރާ މީސްމީހުންނާއި އެކީގައި ނިކުމެ އިސްލާމް ދީނަށް ނަސްރު ދިނުމުގެ ނަމުގައި އުޅޭތަން މިއަދު މިދަނީ ފެންނަމުން ކަމަށެވެ.
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތް ކޮށް، އެކަލޭގެފާނު ވިދާޅު ނުވާ ބަސްފުޅެއް، އެކަލޭގެ ފާނު ވިދާޅުވި ކަމަށް ބުނުމަކީ ކުޑަކަމެއް ނޫންކަމަށް ވިދާޅުވެ، އެފަދަ މީހަކު ނަރަކައިން ޖާގަ ކަށަވަރު ކޮށްފިކަމަށް ބަޔާންވެފައިވާ ޙަދީޡް ބަސްފުޅެއް ޝެއިޚް ވަނީ ވިދާޅުވެފައެވެ.

ޢަދާޅަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ގެ މިވާހަކަތަކާއިމެދު ދިވެހިރާއްޖޭގެ އެކި ޢިލްމުވެރީން ގެންދަވަނީ ނުރުހުން ފާޅުކުރައްވައި، ޢިމްރާނުގެ އެ ބަސްފުޅަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ހަދާފައިވާ ދޮގެއް ކަމުގައި ވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.