ސޫރަތުލް މުޠައްފިފީން 2ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 7 ނޮވެންބަރު 2016 އާގުޅޭ
( وَمَا أَدْرَاكَ مَا سِجِّينٌ ﴿٨﴾ ) މިތަނުގައި އިސްތިފްހާމްގެ ބޭނުމަކީ އެކަމުގެ ބޮޑުކަން ނުވަތަ ނުބައިކަން ބަޔާން ކުރެއްވުމެވެ. މާނައަކީ: ”ސިއްޖީނަކީ ކޮން އެއްޗެއް ކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ އެއީ ކޮން އެއްޗެއްތޯ ކަލޭގެފާނު ހޯއްދަވާ ބެއްލެވީމު ހެއްޔެވެ؟ އެއީ ކޮން އެއްޗެއްތޯ ކަލޭގެފާނު ސުވާލު ކުރެއްވީމު ހެއްޔެވެ؟ އެހެންނަމަ، އެކަން ކަލޭގެފާނަށް ބަޔާން ކުރެއްވީހެވެ.“
(كِتَابٌ مَّرْقُومٌ ﴿٩﴾ ) އެފޮތުގައި އެބައިމީހުންގެ ޢަމަލުތައް ވަނީ ލިޔުއްވިފައެވެ. އެއީ ފޮހެވިގެންދާނެ ނުވަތަ ބަދަލުވެގެންދާނެ އެއްޗެއް ނޫނެވެ. އެއީ ޘާބިތު އެއްޗެކެވެ.
(وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿١٠﴾ ) ދޮގުކުޅަ މީހުންނަށް ގިޔާމަތް ދުވަހުގައި ގަދަފަދަވެގެންވާ ޢަޛާބު ހުއްޓެވެ.
(الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ ﴿١١﴾ ) އެބައިމީހުން ގިޔާމަތް ދުވަސް ދޮގުކުރެއެވެ. އެބައިމީހުންނަށް ހަލާކު ހުރި ކަމަށް ﷲ މި އާޔަތުގައި ބަޔާން ކުރައްވައެވެ. ސަބަބަކީ މަރުވުމަށްފަހު އަލުން ދިރުއްވާނެ ކަމާއި މެދުގައި އެބައިމީހުން އިންކާރުކޮށް އެކަން ދޮގު ކުޅައެވެ.
(وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ ﴿١٢﴾
(وَمَا يُكَذِّبُ بِهِ ) އެދުވަހާއި ބެހޭގޮތުން، އެބަހީ ގިޔާމަތް ދުވަހާއި ބެހޭގޮތުން ދޮގުކޮށް އިންކާރު ކުރާކަން ކަށަވަރީ،
(إِلَّا كُلُّ مُعْتَدٍ أَثِيمٍ ) ﷲގެ ޝަރީޢަތާއި ޚިލާފުވާ ގިނަގިނައިން ފާފަ ކުރާ މީހުންނެވެ.
(إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ ﴿١٣﴾ )
(إِذَا تُتْلَىٰ عَلَيْهِ آيَاتُنَا ) އެބައިމީހުންނަށް ﷲ ގެ އާޔަތްތައް ކިޔަވައިދެއްވިއްޖެނަމަ،
(قَالَ أَسَاطِيرُ الْأَوَّلِينَ )
(أَسَاطِيرُ ) މިއީ ”އުސްޠޫރު“ ގެ ޖަމްޢު އެވެ. މާނައަކީ: މީހުން މުނިފޫހި ފިލުވަން ދައްކާ ޚިޔާލީ ފުލޯކު ވާހަކައެވެ. އެބައިމީހުން ގުރްއާން ޞިފަ ކުރަނީ މުނިފޫހި ފިލުވަން ދައްކާ ޚިޔާލީ ވާހަކަތަކެއްގެ ގޮތުގައެވެ. އެބައިމީހުންނަށް ގުރްއާނުން ފައިދާ ނުކުރިނަމަވެސް ގުރްއާނަކީ އެންމެ ބަލާޣާތްތެރި މީސްތަކުންގެ ހިތަށް އެންމެ ބޮޑަށް އަޘަރު ކުރުވާ ފޮތެވެ. ސޫރަތު ގާފުގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ فِي ذَٰلِكَ لَذِكْرَىٰ لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ ﴿٣٧﴾ ) މާނައަކީ: ”ހަމަކަށަވަރުން، ހިތެއްވާ މީހަކަށް، ނުވަތަ حاضر ވެހުރެ ކަނުލައި އަހާމީހަކަށް، އެކަމުގައި نصيحة އާއި عبرة ވާކަން ކަށަވަރެވެ.“
ގުރްއާނަކީ ޚުރާފީ ވާހަކަތަކެއް ކަމަށް ބުނާ މީހުންނަކީ ގިޔާމަތްދުވަސް އަންނާނެކަން ދޮގުކޮށް، ބޮޑެތި ފާފަކުރުންމަތީ ދެމިތިބެ، އަމިއްލަ ނަފްސަށް އަނިޔާވެރިވީ ބަޔަކަށްވާތީވެ އެބައިމީހުންގެ ހިތަށް ގުރްއާނުގެ ނޫރު ނުވަންނާނެއެވެ.
(كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ ﴿١٤﴾ )
(كَلَّا ۖ بَلْ ) ގުރްއާނަކީ އެބައިމީހުން އެބުނާ ކަހަލަ ޚުރާފީ ވާހަކަތަކެއް ނޫނެވެ.
(رَانَ عَلَىٰ قُلُوبِهِم) އެބައިމީހުންގެ ހިތްތައް ވަނީ ހެޔޮތަކެތި ވަނުމުން ފޮރުވިފައެވެ.
(مَّا كَانُوا يَكْسِبُونَ ) އެއީ އެބައިމީހުން ކޮށްއުޅުނު ނުބައިކަންތައްތަކުގެ ސަބަބުންނެވެ. ސަބަބަކީ ނުބައި ޢަމަލުތަކަކީ މީހާ އާއި ހިދާޔަތުގެ ނޫރާއި ދެމެދުގައި ހުރަސްއަޅާ ކަމަކަށްވާތީވެއެވެ. ސޫރަތު މުޙައްމަދުގެ 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْوَاهُمْ ﴿١٧﴾ ) މާނައަކީ: “ ތެދުމަގު ލިބިގެންވާ މީހުންނަށް، އެކަލާނގެ ތެދުމަގު އިތުރުކުރެއްވިއެވެ. އަދި އެއުރެން تقوى ވެރިވެ، ރައްކާތެރިވުމުގެ މަގު އެކަލާނގެ އެއުރެންނަށް ފަހިކޮށްދެއްވިއެވެ.
އެހެންކަމުން، ﷲ ގެ ހިދާޔަތުން ހިދާޔަތް ލިބިގަނެ، އެކަލާންގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ، ނަހީތަކުން ދުރުހެލިވެ، ﷲ އެންގެވި ކަންތައް ތެދުކޮށް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ގޮތުގައި ފައިތިލަ ޘާބިތުކޮށްފި މީހެއްގެ ހިތްދާނީ އަލިވަމުންނެވެ. އަދި އެފަދަ މީހަކަށް ޙައްގު ގޮތް ފެންނާނީ ޙައްގުގޮތުގައެވެ. އަދި ބާޠިލް ގޮތް ފެންނާނީ ބާޠިލް ގޮތުގައެވެ. އަދި ﷲ ގެ އާޔަތްތައް މަތިވެރި ކުރާނެއެވެ. އަދި ﷲ ގެ އާޔަތްތަކަކީ އެހެން ހުރިހާ ވާހަކަތަކަކަށް ވުރެ މަތިވެރި އެއްޗަކަށް ހަދާނެއެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިދާޔަތަކީ އެންމެ މަތިވެރި ހިދާޔަތް ކަމުގައި ދެކޭނެއެވެ. ނަމަވެސް، އެމީހެއްގެ ހިތް މުޑުދާރު ފާޙިޝްކަންތަކުން ފުރާލާފައިވާ މީހާ، އޭނާ އަށް ﷲ ގެ އާޔަތްތައް ކިޔަވައިދެވުނުނަމަވެސް އެއީ ޙައްގުބަސްފުޅުކަމަކަށް ނުފެންނާނެއެވެ. އަދި ނުވެސް ވިސްނޭނެއެވެ. އޭގެ ބަދަލުގައި އޭނާ އަށް އެއާޔަތްތައް ފެންނާނީ ޚުރާފީ ވާހަކަތަކެއްގެ ޞިފައިގައެވެ.
عَنْ أَبِي هُرَيْرَةَ , أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , قَالَ : “ إِنَّ الْمُؤْمِنَ إِذَا أَذْنَبَ كَانَتْ نُكْتَةٌ سَوْدَاءُ فِي قَلْبِهِ , فَإِنْ تَابَ وَنَزَعَ وَاسْتَغْفَرَ , صُقِلَ قَلْبُهُ , فَإِنْ زَادَ زَادَتْ , فَذَلِكَ الرَّانُ الَّذِي ذَكَرَهُ اللَّهُ فِي كِتَابِهِ كَلَّا بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ سورة المطففين آية 14 “ މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ހަމަކަށަވަރުން، މުއިމިނަކު ފާފައެއް ކޮށްފިނަމަ، އެމީހެއްގެ ހިތުގައި ކަޅުތިއްކެއް ޖެއްސެވެއެވެ. އެމީހަކު އެފާފައަކުން ތައުބާވެ، އެކަމުން ދުރުހެލިވެ، ފާފަފުއްސެވުން އެދި ދުޢާކޮށްފިނަމަ، އެތިކި ސާފު ކުރެވޭނެއެވެ. ނަމަވެސް ތައުބާނުވެ ފާފަކުރުން އިތުރުކުރާވަރަކަށް އެތިކި ޖެއްސެވުން އިތުރުވާނެއެވެ. އެއީ ސޫރަތުލް މުޠައްފިފީންގެ 14 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވާ (الرَّانُ ) ނުވަތަ މަތިޖެހުމުގެ ވާހަކަ އެވެ. ”އެބައިމީހުން ކުޅަ ނުބައި ޢަމަލުތަކުގެ ސަބަބުން އެބައިމީހުންގެ ހިތްތަކުގައިވަނީ މަތިޖެހިފައެވެ.“
(كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴿١٥﴾ ) މާނައަކީ: “ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ.“
(لَّمَحْجُوبُونَ )ގެ މުރާދަކީ ﷲ ގެ ރަޙްމަތުން އެބައިމީހުން ވަނީ ބޭރުކޮށްލެވިގެން ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
އަދި (لَّمَحْجُوبُونَ ) ގެ މުރާދަކީ ﷲ ގެ ވަޖްހުފުޅު ދެކުމުން އެބައިމީހުން ވަނީ ފަރުދާވެގެން ކަމަށް ވެސް ބައެއް ޢިލްމުވެރިން މާނަ ކުރައްވައެވެ. އެބައިމީހުންނަށް ދުނިޔެމަތީގައި ﷲ ގެ އާޔަތްތަކާއި ޝަރީޢަތް ދެކުމުން ފަރުދާވެފައިވީ ފަދައިން ގިޔާމަތް ދުވަހުގައި ﷲ ގެ ވަޖްހުފުޅު ދެކުމުންވެސް އެބައިމީހުން ވަނީ ފަރުދާވެފައެވެ.
މި އާޔަތުން އިސްތިދްލާލު ނަންގަވާ އަހްލުއްސުންނާ ވަލްޖަމާޢަތުގެ ބޭފުޅުން ވިދާޅުވަނީ މުއިމިނުންނަށް ގިޔާމަތް ދުވަހުގައި ﷲ ފެންނާނެ ކަމަށެވެ. ސަބަބަކީ މިބައިމީހުންގެ ނުބައިކަމުގެ ސަބަބުން ﷲ ގެ ވަޖްހުފުޅު ފެނުމުން އެބައިމީހުން މަޙްރޫމު ކުރެއްވިނަމަވެސް، ރަގަޅަށް އުޅުނު ޞާލިޙް ޢަމަލު ކުރި މީހުންނަށް އެފުރުޞަތު ލިބޭނެއެވެ. މިބައިމީހުން ފަރުދާވުމުގެ މާނައަކީ ރަގަޅަށް އުޅުނު މީހުން ފަރުދާ ނުވުމެވެ. ފަރުދާވެގެން ވަނީ ދެބައިމީހުންނަށް (ރަގަޅަށް އުޅުނު މީހުންނާއި ގޯސްކޯށް އުޅުނު މީހުން) ކަމަށްވީނަމަ، ފުއްޖާރުންގެ ވާހަކަ ގެންނެވުމުގެ މާނައެއް ނެތެވެ.
ﷲ އަށް ތަގްވާވެރިވެ، ހެޔޮ ޢަމަލު ކޮށް އުޅުނު މީހުންނަށ ގިޔާމަތްދުވަހުގައި ﷲ ފެންނާނެ ކަމީ ގުރްއާނާއި ސުންނަތުން އަދި އުއްމަތުގެ އިޖްމާޢިން ޘާބިތުވާ ކަމެކެވެ. ގިޔާމަތު ސޫރަތުގެ 22 އަދި 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾ ) މާނައަކީ: ”އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ. އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ“
ސޫރަތު ޔޫނުސްގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ ) މާނައަކީ: “ ހެޔޮ عمل ކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ اللَّه ގެ ދީދާރުފުޅު ދެއްކެވުމެވެ.)“ މި އާޔަތުގައި މިވާ (زِيَادَةٌ ) ގެ މުރާދަކީ ﷲ ގެ ވަޖްހުފުޅަށް ބެލުމުގެ ނަޞީބު ދެއްވުން ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
ސޫރަތު ގާފުގެ 35 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَهُم مَّا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ ﴿٣٥﴾ ) މާނައަކީ: “ އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހާ ކަމެއްވެއެވެ. އަދި ތިމަންރަސްކަލާނގެ حضرة ގައި އިތުރު نعمة ތައްވެސް ވެއެވެ. “
މި އާޔަތުގައި މިވާ (مَزِيدٌ ) ގެ މުރާދަކީ ސޫރަތު ޔޫނުސްގެ 26 ވަނަ އާޔަތުގައިވާ (زِيَادَةٌ ) ފަދައިން ﷲ ގެ ވަޖްހުފުޅަށް ބެލުމެވެ.
ގިޔާމަތްދުވަހުގައި މުއިމިން ތަކުންނަށް މާތް ﷲ ގެ ވަޖްހުފުޅަށް ބެލުމުގެ ނަޞީބު ލިބޭނެކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުންވެސް އެނގެން އެބައޮތެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (تَرَوْنَ رَبَّكُمْ يَوْمَ الْقِيَامَةِ ، كَمَا تَرَوْنَ الشَّمْسَ وَالْقَمَرَ لَيْلَةَ الْبَدْرِ لَيْسَ دُونَهُمَا سَحَابٌ لَا تُضَامُونَ فِي رُؤْيَتِهِ ) މާނައަކީ: ”ތިޔަބައިމީހުންނަށް އެދެމެދުގައި ވިލާތަކުގެ ހުރަހެއް ނެތި، އިރު ފެންނަފަދައިން، އަދި ސާދަވިލޭރޭގައި ހަނދު ފެންނަ ފަދައިން ގިޔާމަތް ދުވަހުގައި ތިޔަބައިމީހުންގެ ރައްބު ފެންނާނެއެވެ. އެކަލާންގެ އަށް ބެލުމުގައި ތިޔަބައިމީހުން އެއްވެސް ތަކްލީފެއް އުފުއްލާކަށް ނުޖެހޭނެއެވެ. އެކަކު އަނެކެއްގެ ފަހުން ބަލަން ޖެހޭތީ ވަގުތު ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. އެންމެންނަށް އެކުގައި ފެންނާނެއެވެ.“
މިކަންތަކާއި މެދުގައި ޞަޙާބީންނާއި ތާބިޢީން އަދި އުއްމަތުގެ ޢިލްމުވެރިންވަނީ އިޖްމާޢުވެފައެވެ.