ސޫރަތުލް މުޠައްފިފީން 3

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 8 ނޮވެންބަރު 2016 އާގުޅޭ

(ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ ﴿١٦﴾   )

(ثُمَّ إِنَّهُمْ  ) އެބަހީ ފާޖިރުން،

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

(لَصَالُو الْجَحِيمِ  ) އެބައިމީހުންނަށް ޖަހަންނަމާގައި ޢަޛާބު ދެއްވޭނެއެވެ.

(ثُمَّ يُقَالُ هَـٰذَا الَّذِي كُنتُم بِهِ تُكَذِّبُونَ ﴿١٧﴾  ) އެބައިމީހުންނާއި މުޚާޠަބު ކުރައްވާ ނަރަކަ ބަލަހައްޓަވަން ތިއްބަވާ މަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ. ”މިއީ ތިޔަބައިމީހުން ދުނިޔޭގައި އުޅުނު އިރު ދޮގުކޮށް އުޅުނު ނަރަކައިގެ ޢަޛާބެވެ.“  އެހިނދުގައި އެބައިމީހުންގެ ޙާލަތު ހުންނާނެ ގޮތް ބަޔާން ކުރައްވާ ސޫރަތުލް އަންޢާމްގެ 27،28 އަދި 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَوْ تَرَىٰ إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلَا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ ﴿٢٧﴾ بَلْ بَدَا لَهُم مَّا كَانُوا يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ وَإِنَّهُمْ لَكَاذِبُونَ ﴿٢٨﴾ وَقَالُوا إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ ﴿٢٩﴾ ) މާނައަކީ: ”އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ދޮގެއް ނުކުރާނޫއެވެ. އަދި إيمان ވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ. އަދި ކިއެއްތަ! އެއުރެން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެއުރެންނަށް ނަހީކުރެއްވި ކަންތަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެއުރެންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ.  އަދި އެއުރެން ބުނެފޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިތިބުން މެނުވީ، އެހެން ދިރިތިބުމެއް ނެތެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނެ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.“

އިސްވެދިޔަ އާޔަތްތަކުގައި ފާޖިރުންނަށް ގިޔާމަތް ދުވަހުގައި މާތް ﷲ ދެއްވާނެ ގަދަފަދަ ޢަޛާބުގެ ވާހަކަ ބަޔާން ކުރެއްވުމަށްފަހުގައި ދެން މި ބަޔާން ކުރައްވަނީ ﷲ އަށް ކިޔަމަންތެރިވީ މީހުންގެ ވާހަކައެވެ. އަދި އެބައިމީހުންނަށް ދެއްވާނެ މަތިވެރި ނިޢްމަތްތަކުގެ ވާހަކަ އެވެ.

(كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ ﴿١٨﴾  )

(الْأَبْرَارِ ) މިއީ ( بَرّ ) މި ލަފްޡުގެ ޖަމްޢުއެވެ. އެއީ ﷲ އަށް ކިޔަމަންތެރިވެ، ފާފަތަކުން ދުރުހެލިވީމީހާ އެވެ. އަދި މީސްތަކުންނަށް ހެޔޮފޯރުކޮށްދީ ހެދި މީހުންނެވެ.

(عِلِّيِّينَ  ) ހެޔޮޢަމަލު ކުރި މީހުންގެ ޢަމަލުތަކުގެ ފަތްވަނީ މަތިވެރިވެގެންވާ ތަނެއްގައެވެ. ސުވަރުގެ ތަކުގެ މަތީގައެވެ. ފާޖިރުންގެ ޢަމަލުތައްވަނީ ބިމުގެ އެންމެ އަޑީގައި ކަން ބަޔާން ކުރެއްވުމަށްފަހުގައި މިބަޔާން ކުރައްވަނީ އީމާންވެ، ހެޔޮޢަމަލު ކުރި މީހުންގެ ޢަމަލުތަކުގެ ފަތްވަނީ ސުވަރުގޭގެ އެންމެ މަތީގައި ކަމަށެވެ.

(وَمَا أَدْرَاكَ مَا عِلِّيُّونَ ﴿١٩﴾ ) “ عِلـيّون އަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟“ މިތަނުގައި އިސްތިފްހާމްގެ ބޭނުމަކީ “ عِلـيّون“ މަތިވެރިކަން އަނގަވައި ދެއްވުމުވެ.

(كِتَابٌ مَّرْقُومٌ ﴿٢٠﴾  ) އެއީ ލިޔެވި ޘާބިތުވެފައިވާ ފޮތެކެވެ. އެއަށް ބަދަލެއް ނާންނާނެއެވެ.

(يَشْهَدُهُ الْمُقَرَّبُونَ ﴿٢١﴾  ) ސުވަރުގޭގެ މާތި ދަރަޖަތަކުގެ އަހްލުވެރިން އެފޮތަށް ބަލާ ހަދާނެއެވެ.

(الْمُقَرَّبُونَ  ) އަކީ ހެޔޮ ޢަމަލުތައް ގިނަ ކުރުމުގެ ސަބަބުން ﷲ އާއި އެންމެ ބޮޑަށް ކުއްތަންވެގެންވާ މީހުންނެވެ. އިންސާނާ ﷲ އަށް ކިޔަމަންތެރިކަން އަދާކުރިވަރަކުން އެމީހަކު ﷲ އާއި ކުއްތަން ކުރައްވައެވެ. ގާތް ކުރައްވައެވެ. ސޫރަތުލް މުޖާދަލާގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ  ) މާނައަކީ: “ ތިޔަބައިމީހުންގެ ތެރެއިން إيمان ވިި މީހުންނާއި، علم ލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ.“

(إنَّ الْأَبْرَارَ لَفِي نَعِيمٍ ﴿٢٢﴾  )

(الْأَبْرَارَ  ) މިއީ ( بَرّ ) މި ލަފްޡުގެ ޖަމްޢުއެވެ. އެއީ ﷲ އަށް ކިޔަމަންތެރިވެ، ފާފަތަކުން ދުރުހެލިވީމީހާ އެވެ. އަދި މީސްތަކުންނަށް ހެޔޮފޯރުކޮށްދީ ހެދި މީހުންނެވެ.

(لَفِي نَعِيمٍ  ) އެބައިމީހުން ވަނީ ބޮޑުވެގެންވާ ނިޢްމަތްތަކުގެތެރޭގައެވެ. މި ނިޢްމަތްތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:

  1. ހަށިގަނޑުގެ ނިޢްމަތް.
  2. ހިތުގެ ނިޢްމަތް

ހަށިގަނޑުގެ ނިޢްމަތާއި ބެހޭ ގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ ސޫރަތު ޒުޚްރުފްގެ 71 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ ۖ وَأَنتُمْ فِيهَا خَالِدُونَ ﴿٧١﴾  ) މާނައަކީ: ”އެއުރެންގެ ގާތުގައި ރަނުގެ ކަންވާރުތަކާއި، ތަށިތަކާއިގެން ބުރުޖެހޭނެތެވެ. އަދި އެތާނގައި ހިތްއެދޭ، އަދި ލޯތަކަށް އަރާމު ލިބިދޭ ހުރިހާ ތަކެތި ވެއެވެ. އަދި ތިޔަބައިމީހުން އެތާނގައި ދެމިތިބޭނެތެވެ.“

ސޫރަތު ސަޖްދާގެ 17 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾  ) މާނައަކީ: “ ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.“

ހިތުގެ ނިޢްމަތަކީ ސުވަރުގެ ވަންތަވެރިންގެ ގާތަށް މަރު އަންނަ ހިނދުގައި ބުނެވޭނެއެވެ. ”ސުވަރުގެ ވަންތަވެރިޔާ އެވެ. މަރުވުމެއް ނެތް ސުވަރުގެ އަށެވެ. އެތަނަށް ވަންނާށެވެ. އެތަނުގައި ބޮޑެތި ބޮޑެތި ނިޢްމަތްތައް ވެއެވެ. އެތަނުގައި ބަލިވުމެއް ނެތެވެ. އެތަނުގައި މުސްކުޅިވުމެއް ނެތެވެ.“ މި ހުރިހާ ކަމަކުން ސުވަރުގެ ވަންތަވެރިޔާގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިދެއެވެ. ވީމާ، އެގޮތުން ހިތުގެ ނިޢްމަތާއި ހަށިގަނޑުގެ ނިޢްމަތް ލިބުނީއެވެ. ސުވަރުގޭގައި އެބައިމީހުންނަށް ލިބެމުންދާނެ ނިޢްމަތްތަކުގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތުއް ރަޢްދުގެ 23 އަދި 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ ﴿٢٣﴾ سَلَامٌ عَلَيْكُم بِمَا صَبَرْتُمْ ۚ فَنِعْمَ عُقْبَى الدَّارِ ﴿٢٤﴾  ) މާނައަކީ: “ އަދި އެތާނގެ ހުރިހާ ދޮރަކުން، ملائكة ން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ. (އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ފަހެ، آخرة ގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ!“ މާތް ﷲ އަޅަމެންނަކީ މަތިވެރި ނިޢްމަތްތަކުގެ ސުވަރުގޭގެ އަހްލުވެރިން ކަމުގައި ލައްވާށި. އާމީން.

(عَلَى الْأَرَائِكِ يَنظُرُونَ ﴿٢٣﴾ )

(الْأَرَائِكِ  ) އަކީ ”އަރީކާ“ ގެ ޖަމްޢު އެވެ. އެއީ ޒީނަތްތެރި ކުރެވިފައިވާ އެނދެވެ. އެއީ އެންމެ ރީތިކޮށް ހެދިފައި ހުންނަ އެނދުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

(يَنظُرُونَ  ) އެބައިމީހުންނަށް ޓަކައި މާތް ﷲ ތައްޔާރުކޮށްދެއްވާފައިވާ ނިޢްމަތްތަކަށް ބަލަން ތިބޭނެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިތަނުގައި މި އޮތް (يَنظُرُونَ  ) ގެ ތެރޭގައި ﷲ ގެ ވަޖްހުފުޅަށް ބެލުންވެސް ހިމެނެއެވެ. އެހެންކަމުން، މި އާޔަތުންވެސް މުއިމިނުންނަށް ގިޔާމަތް ދުވަހުގައި ﷲ ފެންނާނެ ކަމުގެ ހެކިލިބިދެއެވެ.

(تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ ﴿٢٤﴾ ) އެބައިމީހުންގެ މޫނުމަތިން އެބައިމީހުންނަށް ލިބެމުންދާ ނިޢްމަތްތަކުގެ އުފާވެރިކަމުގެ އަޘަރު ފެންނަން ހުންނާނެއެވެ.

(يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ﴿٢٥﴾  )

(ُسْقَوْنَ ) ހެޔޮޢަމަލު ކުރި މީހުންނަށް ސުވަރުގޭގައި މީރުބުއިންތައް ދެއްވާނެއެވެ. އެބުއިންތައް އެބައިމީހުންނަށް ލިބޭނެ ގޮތުގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތުލް ވާގިޢާގެ 17 އިން 19 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ ﴿١٧﴾ بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ﴿١٨﴾ لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ﴿١٩﴾  ) މާނައަކީ: “ ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ.  ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ. އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ.“

(رَّحِيقٍ  ) އެބައިމީހުންނަށް ސުވަރުގޭގައި މީރު ބުއިންތައް ދެއްވާނެއެވެ.

(مَّخْتُومٍ  ) އެއީ ބަންދު ކުރެވިފައިވާ ބުއިމެކެވެ. އެބުއިމުން މީގެ ކުރިން އެހެން އެއްވެސް ބަޔަކު ބޮއެފައި ނުވެއެވެ.

(خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ﴿٢٦﴾ )

(خِتَامُهُ مِسْكٌ  ) އެބުއިމުގެ ފަހުކޮޅުގައި ވަނީ ގޮމަކަސްތޫރީގެ މީރުވަހެވެ.

(وَفِي ذَٰلِكَ  ) އެކާމިޔާބީ ޙާޞިލް ކުރުމަށްޓަކައި،

(فَلْيَتَنَافَسِ الْمُتَنَافِسُونَ) ވާދަކުރާ މީހުން ހެޔޮކަންތަކުގައި އެކަކު އަނެކަކަށް ވާދަކުރާށެވެ.

ނުނިމެ…..

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.