ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އައްޔަން ކުރައްވައިފިއެވެ.
ޖޫމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިހު ވިދާޅުވީ އެ މަޤާމަށް އަޒްލީން އައްޔަން ކުރެއްވީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަޒްލީން އައްޔަން ކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ކުރީގެ ސްޕޯކްސްޕާސަން އަލީ އާރިފް ހަމަޖެއްސެވީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހުއެވެ.
އަލީ އާރިފް އެސްޖީގެ މަގާމުން އިސްތިއުފާދެއްވިނަމަވެސް ޖޭޕީން ވަކިވެވަޑައިގެންނެވިކަން އަދި ސާފެއް ނޫނެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން ހޮނިހިރު ދުވަހު ނިންމިއިރު އަލީ އާރިފަކީ އެންމެ ގިނަ ބައެއްގެ ތާއީދާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާ އާއިލީ ގޮތުން ގާތް ބޭފުޅެކެވެ.