ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7،000ރ. ދޭން ނިންމައިފި
ރަށުން ބޭރުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންނަށް 7000ރ. ގެ އެލަވަންސެއް ދޭން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ޕްރިންސިޕަލުންނަށް ”ރޫރަލް ރިޓެންޝަން ޕޮލިސީ“ ގެ ދަށުން އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.
އަދި އެ ޕޮލިސީގެ ދަށުން އެލަވަންސް ދޭން ޝަރުތު ހަމަވާ ޕްރިންސިޕަލުންނާ، މިނިސްޓަރ، ޑރ އާއިޝަތު ޢަލީ އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާ، މި ބައްދަލުކުރެއްވުމުގައި އެ ޕޮލިސީ އާއި ގުޅޭ އިތުރު މަޢުލޫމާތު ޕްރިންސިޕަލުންނާ ހިއްސާކުރައްވާފައިވާ ކަމަށެވެ.
ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް މީގެ ކުރިން ވެސް ވަކި އެލަވަންސެއް ދިނެވެ. އެކަމަކު، މިދިޔަ އަހަރުގެ މެއި މަހު އަމަލުކުރަން ފެށި ވަޒީފާގެ އާ އޮނިގަނޑުގައި ރަށުން ބޭރުގެ އެކޮމަޑޭޝަން ވަނީ އުނިކޮށްފަ އެވެ. އެކަމުގެ ކަންބޮޑުވުންތައް ބައެއް ޕްރިންސިޕަލުން ވެސް އޭރު ފާޅުކުރި އެވެ.
އެހެން ރަށެއްގައި މަސައްކަތްކުރާ ޕްރިންސިޕަލަކަށް އޭރު އެލަވަންސްގެ ގޮތުގައި 9،000ރ. ދިނެވެ.
އަމިއްލަ ރަށް ފިޔަވައި އެހެން ރަށެއްގައި ވަޒީފާ އަދާކުރާ ޕްރިންސިޕަލުންނަށް ‘ރޫރަލް ރިޓެންޝަން ޕޮލިސީ’ގެ ދަށުން އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކަށް ހަތް ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި.
— Ministry of Education (@MoEdumv) September 21, 2023