އަމިއްލަ ބޭނުމަށް ހުއްދައެއް ނެތި ރީ-ބްރޯޑްކާސްޓް ކުރެވޭ ގޮތް ހަދައިފި
ބްރޯޑްކޮމްގެ ހުއްދައެއް ނެތި އަމިއްލަ ބޭނުންތަކަށް އަމިއްލާ ގޭބިސީގައި ރީ-ބްރޯޑްކާސްޓް ކުރެވޭ ގޮތަށް ރީ-ބްރޯޑްކާސްޓް ކުރުމުގެ ގަވައިދު އިސްލާހުކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިދިޔަ ބުރާސްފަތި ދުވަހު މި ގަވައިދު އިސްލާހުކުރުމާ ހަމައަށް އަމިއްލަ ބޭނުމަކަށްވެސް ބްރޯޑްކޮމް އިން ދޫކުރާ ރީ-ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ރީ-ބްރޯޑްކާސްޓް ކުުރުމުގެ ހުއްދައެއް ނޯވެ އެވެ.
ބްރޯޑްކޮމް އިން ގަވައިދުގެ ފަސްވަނަ މާއްދާ (ހ)އަށް މިހާރު ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ އަމިއްލަ ބޭނުމަށް ފިޔަވައި، ރާއްޖޭގެ އެއްވެސް ތަނެއްގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދެވޭނީ އެކަމަށް ގަވައިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކޮމިޝަނުން ދޫކުރާ ”ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް“ ލިބިފައިވާ ފަރާތެއް ކަމަށެވެ.
ގަވައިދުގައި ވަނީ އަމިއްލަ ބޭނުން މާނަކުރާ ގޮތްވެސް ބުނެދީފަ އެވެ. އެގޮތުން ބުނެފައިވަނީ އަމިއްލަ ބޭނުންކަމަށް ބަޔާންކޮށްފައިވަނީ ގޭބިސީއެއްގައި މިފަދަ ހިދުމަތެއް ބޭނުންކުރުން ކަމަށެވެ.
ރީ-ބްރޯޑްކާސްޓިން ލައިސަންސަށް އެދޭ ފަރާތްތަކުގައި ހުންނަން ޖެހޭ އިތުރު ޝަރުތެއްވެސް އަލަށް ގެނައި އިސްލާހުގައިވެ އެވެ. އެގޮތުން ގަވައިދުގެ އަށްވަނަ މާއްދާގެ (ހ)ގެ ހަވަނަ ނަންބަރުގެ ގޮތުގައި އިތުރުކުރެވުނު ނަންބަރުގައި ލައިސަންސަށް އެދި ހުށަހަޅާ ފަރާތަކީ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވެގެން ނުވާނެ ކަމަށެވެ.