ފާތިޙާ ސޫރަތް (سورة الفاتحة) 2ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 27 ސެޕްޓެންބަރު 2016 އާ ގުޅޭ..
ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔެވުން:
- ފަރްޟު ނަމާދުގެ ފުރަތަމަ ދެރަކްޢަތުގައި އިމާމް މީހާ ބާރަށް ސޫރަތުލް ފާތިޙާ ކިޔަވަނި ކޮށް މައުމޫމުން މަޑުމަޑުން ކިޔަވާނީތޯ؟
- އިމާމް މީހާ ސިއްރުން ކިޔަވާ ރަކްޢަތް ތަކުގައި ސޫރަތުލް ފާތިޙާ ކިޔަވަން ހަދާނީ ކިހިނެއްތޯ؟
އެކަނިހުރެ ނަމާދު ކުރާމީހާވެސް، އިމާމް މީހާވެސް އަދި މައުމޫމުންވެސް ކޮންމެ ރަކްޢަތެއްގައިވެސް ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. عَنْ عُبَادَةَ بْنِ الصَّامِتِ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : (لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ) رواه البخاري ومسلم. މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން އައްޞާމިތްގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ފާތިޙަތުލް ކިތާބި ނުކިޔަވައިފި މީހަކަށް ނަމާދެއް ނުވެއެވެ.“
ޖަހްރިއްޔަ ނަމާދެއްގައި (ބާރަށް ކިޔަވާ ނަމާދެއްގައި) އިމާމެއްގެ ފަހަތުގައި މައުމޫމްވެ ހުރެ ނަމަދު ކުރާ މީހާ ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭނެތޯ ނުވަތަ ނޫންތޯ، މި މައްސަލާގައި ޢިލްމުވެރިން ދެގޮތަކަށް ވާހަކަ ދައްކަވާފައިވެއެވެ.
ފުރަތަމަ: ކޮންމެ ރަކްޢަތެއްގައި ހުރިހާ އެންމެންވެސް (އެކަނި ހުރެ ނަމާދު ކުރާ މީހާވެސް، އަދި އިމާމުންނާއި މައުމޫމުންވެސް) ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭނެ ކަމަށް ބުނާ ބުނުން. މިބޭފުޅުންގެ ދަލީލަކީ:
- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގެ ޢާއްމު މާނައެވެ. عَنْ عُبَادَةَ بْنِ الصَّامِتِ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : (لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ) رواه البخاري ومسلم. މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން އައްޞާމިތްގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ފާތިޙަތުލް ކިތާބި ނުކިޔަވައިފި މީހަކަށް ނަމާދެއް ނުވެއެވެ.“
- މީގެ އިތުރުން ނުބައި ކޮށް ނަމާދު ކުރި މީހާ އަށް ނަމާދު ކުރާނެ ގޮތް ދަސްކޮށް ދެއްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ސޫރަތުލް ފާތިޙާ ކިޔެވުމަށް އަމުރު ކުރައްވާފައެވެ.
- ނަމާދުގެ ކޮންމެ ރަކްޢަތެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސޫރަތުލް ފާތިޙާ ކިޔަވާ ވިދާޅުވާ ކަމަށް ރިވާވެގެން ވެއެވެ. އަލްޙާފިޡް އިބްނު ޙަޖަރު ފަތްޙުލް ބާރީގައި ވިދާޅުވެފައިވެއެވެ. ”ޖަހްރިއްޔަ ނަމާދުގައި ތަކުގައި މައުމޫމުން ސޫރަތުލް ފާތިޙާ ކިޔެވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޛްނަ ދެއްވާފައިވާކަން ޘާބިތުވެއެވެ. عَنْ عُبَادَةَ بْنِ الصَّامِتِ ، قَالَ : صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْعِشَاءَ ، فَثَقُلَتْ عَلَيْهِ الْقِرَاءَةُ ، فَلَمَّا انْصَرَفَ قَالَ : “ لَعَلَّكُمْ تَقْرَءُونَ خَلْفَ إِمَامِكُمْ “ ، قُلْنَا : أَجَلْ يَا رَسُولَ اللَّهِ ، إِنَّا لَنَفْعَلْ ، قَالَ : “ فَلا تَفْعَلُوا إِلا بِأُمِّ الْقُرْآنِ ، فَإِنَّهُ لا صَلاةَ إِلا بِهَا) މާތް ﷲ ރުއްސުންލެއްވި ޢުބާދަތު ބިން އައްޞާމިތްގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޢިޝާ ނަމާދެއްގައި ކިޔަވާ ވިދާޅުވުމަށް ދަތިފުޅުވިއެވެ. ދެން ނަމާދުން އަވަދިވެ ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. ”ތިޔަބައިމީހުންގެ އިމާމްގެ ފަހަތުން ކިޔަވަނީ ހެއްޔެވެ؟“ ޞަޙާބީން ދެންނެވިއެވެ. ”އާދޭހެވެ. ﷲ ގެ ރަސޫލާ އެވެ. އަހަރުމެން އެގޮތަށް ކަންތައް ކުރަމެވެ.“ ޙަދީޘް ކުރެއްވިއެވެ. ”އުއްމުލް ކިތާބި (ސޫރަތުލް ފާތިޙާ) ގައި ފިޔަވާ އެފަދައިން ކަންތައް ނުކުރާ ހުށި ކަމެވެ. ހަމަކަށަވަރުން، އެސޫރަތާއި ނުލާ ނަމާދު ޞައްޙަ ނުވާނެކަން ކަށަވަރެވެ.“
ދެވަނަ: އިމާމާގެ ކިޔެވުމަކީ މައުމޫމުންނަށް ވެސް ކިޔެވުމެކެވެ. މި ބޭފުޅުންގެ ދަލީލުތައް:
- ސޫރަތުލް އަޢްރާފްގެ 204 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ ﴿٢٠٤﴾) މާނައަކީ: “ އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ.“
- މާތް ﷲ ރުއްސުންލެއްވި އަބޫ މޫސަލް އަޝްޢަރީ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (وَإِذَا قَرَأَ فَأَنْصِتُوا ) رواه الإمام مسلم. މާނައަކީ: ”އިމާމާ ކިޔަވާ ހިނދުގައި ކަނުލާ އަޑުއަހަން ތިބޭށެވެ.“
- عَنْ جَابِرٍ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :“ مَنْ كَانَ لَهُ إِمَامٌ ، فإِنَّ َقِرَاءَةَ الْإِمَامِ لَهُ قِرَاءَةٌ “ މާތް ﷲ ރުއްސުންލެއްވި ޖާބިރުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”އެމީހެއްގެ އިމާމަކުވާ މީހާ، އިމާމުންގެ ކިޔެވުމަކީ އޭނާގެ ވެސް ކިޔެވުމެވެ.“
ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭނެ ކަމަށް ވިދާޅުވާ ބޭފުޅުންގެ ބަހަކީ މައުމޫމުން ސޫރަތުލް ފާތިޙާ ކިޔަވާނީ އިމާމާ ސޫރަތުލް ފާތިޙާ ކިޔަވާ ނިމި އަނެއް ސޫރަތް ފެށުމާއި ދޭތެރޭގައި ކަމަށެވެ. ނުވަތަ އިމާމާ ހުއްޓާލައިގެން ހުންނަ ވަގުތު ތަކުގައެވެ.
އަލްޙާފިޡް އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”އިމާމް މީހާ ކިޔަވާ ނަމަ ކަނުލާ އަޑު އަހާނީއެވެ. ހުއްޓާލައިފި ނަމަ ކިޔަވާނީއެވެ.“
އައްޝައިޚް އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”އިމާމް މީހާ ހުއްޓާ ތަންތަނޭ ބުނެވޭ ބަހުގެ މުރާދަކީ ސޫރަތުލް ފާތިޙާ ނުވަތަ ސޫރަތް ކިޔަވާ ނިމިގެން އިމާމް މީހާ މަޑުކޮށްލައިގެން ހުންނަ ވަގުތު ކޮޅެވެ. އިމާމް މީހާ އެފަދަ ވަގުތު ކޮޅެއް ނުދޭނަމަ. މައުމޫމުންގެ މައްޗަށް ވާޖިބު ވެގެންވަނީ އިމާމް މީހާ އާއި އެކުގައި ނަމަވެސް ސޫރަތުލް ފާތިޙާ ކިޔެވުމެވެ. މިއީ ޢިލްމުވެރިންގެ ދެރައުޔުގެ ތެރެއިން އެންމެ ރަގަޅު ރައުޔެވެ.“ (ފަތާވާ އިބްނު ބާޒް 11/211).
ސަޢޫދީ ޢަރަބިއްޔާގެ ފަތްވާ ކޮމިޓީގެ ބޭފުޅުންނާއި މި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ.
ސިއްރިއްޔަ ނަމާދުތަކުގައިވެސް، އަދި ޖަހްރިއްޔަ ނަމާދު ތަކުގައިވެސް، އެކަނި ހުރެ ނަމާދު ކުރާ މީހާވެސް، އިމާމުންވެސް އަދި މައުމޫމުންވެސް ސޫރަތުލް ފާތިޙާ ކިޔަން ޖެހޭނެ ކަމަށް ބުނާ ބުނުން އެއީ ޢިލްމުވެރިންގެ ރައުޔުތަކުގެ ތެރެއިން އެންމެ ރަގަޅު ރައުޔެވެ. އެކަމަށް އައިސްފައި ހުރި ދަލީލުތަކުގެ ޞައްޙަ ކަމާއި ވަރުގަދަ ކަމަށް ޓަކައެވެ.
- ގުރްއާން ކިޔެވޭ ހިނދުގައި ކަނުލާ އަޑުއެހުމަށް ދަލާލަތު ކޮށްދޭ އާޔަތާއި ޙަދީޘްގައި އެވަނީ ޢާއްމު ޙާލަތްތަކުގެ ވާހަކަ އެވެ. އެއީ ސޫރަތުލް ފާތިޙާ އާއި އެހެނިހެން ސޫރަތްތަކަށްވެސް އޮންނަ ޙުކުމެވެ. ނަމަވެސް ސޫރަތުލް ފާޠިޙާ ޚާއްޞަވާ ކަމުގެ ދަލީލުތައް އެބަހުއްޓެވެ. އެގޮތުން (لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ)“ސޫރަތުލް ފާތިޙާ ނުކިޔަވައިފި މީހަކަށް ނަމާދެއް ނުވެޔޭ“ އޮތް ޙަދީޘް ބަސްފުޅުން އެކަން ޚާއްޞަވެގެން ދެއެވެ.
- މީގެ އިތުރުން ގުރްއާން ކިޔަވާ ހިނދު ކަނުލާ އަޑުއަހަން ހުންނާށޭ އޮތް ރިވާޔަތްތަކުގެ މުރާދަކީ ސޫރަތުލް ފާތިޙާ ފިޔަވާ އެހެން ތަނެއް ކިޔަވާ ހިނދުގައި ކަނުލާ އަޑުއަހަން ހުރުމެވެ.
- އެބޭފުޅުންގެ ދަލީލެއް ކަމުގައިވާ :“ مَنْ كَانَ لَهُ إِمَامٌ ، فإِنَّ َقِرَاءَةَ الْإِمَامِ لَهُ قِرَاءَةٌ “ މާތް ﷲ ރުއްސުންލެއްވި ޖާބިރުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”އެމީހެއްގެ އިމާމަކުވާ މީހާ، އިމާމުންގެ ކިޔެވުމަކީ އޭނާގެ ވެސް ކިޔެވުމެވެ.“ މިއީ ޟަޢީފް ޙަދީޘެކެވެ.
- މީގެ އިތުރުން އިމާމް މީހާ ސޫރަތުލް ފާތިޙާ ކިޔަވާ ނިމުމުން މައުމޫމުން އާމީން ކިޔުމުން ސޫރަތުލް ފާތިޙާ ކިޔެވި ކަމުގައި ފުދޭނެ ކަމަށް އައިސްފައިވާ ރިވާޔަތް ތަކަކީވެސް ޞައްޙަ ރިވާޔަތްތަކެއް ނޫނެވެ.“ والله أعلم.
މައުމޫމުން ސޫރަތުލް ފާތިޙާ ކިޔެވުމަށް ވަގުތު ދިނުމުގެ ގޮތުން އިމާމާ ސޫރަތުލް ފާތިޙާ ކިޔަވާ ނިމިގެން މަޑުކޮށްލުމުގެ ޙުކުމް:
އިމާމާ ސޫރަތުލް ފާތިޙާ ކިޔަވާ ނިމިގެން ސޫރަތް ކިޔަވަން ނުފަށާ މަޑުކޮށްލުން ލާޒިމެއް ނޫނެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
”މައުމޫމުން ސޫރަތުލް ފާތިޙާ ކިޔެވުމަށް ނުވަތަ އެނޫންވެސް ޛިކްރެއް ކިޔުމަށް ވަގުތު ދިނުމުގެ ގޮތުން އިމާމާ ކިޔެވުން ނުފަށާ މަޑުކޮށްލަން ނުޖެހޭނެ ކަމާއި މެދުގައި އެއްވެސް ޢިލްމުވެރިޔަކު ޚިލާފުވެވަޑައިގެންފައިވާ ކަމަކަށް އެނގިފައި ނުވެއެވެ.“ (އަލްފަތާވާ އަލްކުބްރާ 2/292)
ނަމަވެސް، އިމާމާ ސޫރަތުލް ފާތިޙާ ކިޔަވާ ނިމިގެން މައުމޫމުންނަށް ކުޑަވަގުތު ކޮޅެއް ދިނުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
އިބްނު ގުދާމާ- ރަޙިމަހުﷲ ވިދާޅުވިއެވެ. އިމާމް މީހާ ސޫރަތުލް ފާތިޙާ ކިޔަވާ ނިމިގެން ކުޑަވަގުތު ކޮޅަކު އަރާމު ކޮށްލުމަށް މަޑުކޮށްލުން އެދެވިގެން ވެއެވެ. އެވަގުތުކޮޅުގައި އޭނާގެ ފަހަތުގައި ތިބޭ މީހުން ސޫރަތުލް ފާތިޙާ ކިޔެވުމަށެވެ.“ މިއީ އަލްއައުޒާޢީ، އައްޝާފިޢީ އަދި އިސްޙާގުގެ ރައުޔެވެ.
މިބޭފުޅުން ގެ ދަލީލަކީ: އަބޫދާވޫދާއި އިބްނު މާޖާގައި އައިސްފައިވާ ރިވާޔަތެވެ. ސަމްރާ ބިން ޖުންދުބްގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުގައި ދެފަހަރެއްގައި ހަނު ހުންނަވާ ކަމަށް ވެއެވެ. ހަށަމް ބެންނެވުމަށް ފަހު އާއި (غير المغضوب عليهم ولا الضالين ) ވިދާޅުވުމަށް ފަހު ހަނު ހުންނެވުމެވެ.
އަބޫ ސަލަމާ ބިން ޢަބްދިއްރަޙްމާން ވިދާޅުވިއެވެ.
”އިމާމް މީހާ ދެފަހަރަކު ހަނު ހުންނާނެއެވެ. އެވަގުތު ތަކުގައި ސޫރަތުލް ފާތިޙާ ކިޔެވުމަށް ގަދަ އަޅާ މަސައްކަތް ކުރާށެވެ. އެއީ އިމާމާ ނަމާދަށް ފަށާއިރުގައްޔާއި (غير المغضوب عليهم ولا الضالين ) ކިޔެވުމަށް ފަހުގަ އެވެ.
ޢުރްވާ ބިން ޒުބައިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނު އިމާމާގެ ފަރާތުން ދެވަގުތެއްގެ ބޭނުން ހިފަމެވެ. އިމާމާ (غير المغضوب عليهم ولا الضالين ) ކިޔުމުންނާއި، ސޫރަތް ނިންމާލުމުންނެވެ. އެހެންކަމުން، އިމާމާ ރުކޫޢަށް ދިޔުމުގެ ކުރިން ތިމަންކަލޭގެފާނު ކިޔަވަމެވެ.“
މިއިން ދޭހަވަނީ އެގޮތަށް ހުސްވަގުތު ކޮޅެއް ދިނުމަކީ، އަދި އެވަގުތު ކޮޅުގެ ތެރޭގައި މައުމޫމުން ސޫރަތުލް ފާތިޙާ ކިޔެވުމަކީ ޞަޙާބީންގެ ތެރޭގައި މަޝްހޫރު ވެފައިވާ ގޮތެއް ކަމެވެ. (އަލްމުޣްނީ 1/291.) އަދި (އަލްމަޖްމޫޢު 3/362.) އިސްވެދިޔަ ސަމްރާ ބިން ޖުންދުބްގެ ރިވާޔަތަކީ ޟަޢީފް ރިވާޔަތެއް ކަމަށް ޝައިޚް އަލްބާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ.
”ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މައުމޫމުން ކިޔަވަން ވަގުތު ދިނުމުގެ ގޮތުން އިމާމާ ހަނުހުންނާކަށް ނުޖެހެއެވެ. މިއީ އަބޫޙަނީފާ މާލިކް އަދި އަޙްމަދު ބިން ޙަންބަލްގެ ރައުޔެވެ. މިބޭފުޅުންގެ ޙުއްޖަތަކީ: މައުމޫމުން ކިޔެވުމަށް ޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަނުހުންނަވާފައި ނެތުމެވެ. އަދި ކިއެއްތަ، ހަށަމްބަނުމަށް ފަހު އެކަލޭގެފާނު ހަނު ހުންނަވަނީ ދުޢާއުލް އިސްތިފްތާޙު ވިދާޅުވުމަށެވެ. ބައެއް ރިވާޔަތް ތަކުގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެފަހަރެއްގައި ހަނުހުންނަވައެވެ. އެއީ ސޫރަތުލް ފާތިޙާ ކިޔަވަން ފެއްޓެވުމުގެ ކުރިންނާއި ސޫރަތް ކިޔަވާ ވިދާޅުވެ ނިމިގެން ހަނު ހުންނެވުމެވެ. ނަމަވެސް މިއިން އެއްވެސް ވަގުތަކީ ސޫރަތުލް ފާތިޙާ ކިޔެވުމަށް ފުދޭވަރުގެ ވަގުތެއް ނޫނެވެ.
ޚުލާޞާ: އިމާމާ ސޫރަތުލް ފާތިޙާ ކިޔަވާ ނިމިގެން ހަނުހުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެނީ އެފަދަ ކަމެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެން ނުވާތީވެއެވެ. ނަމަވެސް އިމާމާ ހަމަޖެހިލުމަށް ނުވަތަ އިތުރަށް ކިޔަވާނެ ތަނެއް ވިސްނާލުމަށް ޓަކައި ކުޑަވަގުތު ކޮޅަކު މަޑުކޮށްލުމަކީ މައްސަލަ އެއް ނޫނެވެ. والله أعلم
ނުނިމޭ…
ދެން އަންނަ ބައިގަ …….(މައުމޫމުން ސޫރަތުލް ފާތިޙާ ކިޔަން ނުޖެހޭ ޙާލަތްތައް:)……