ޗައިނާގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފި
ޗައިނާގައި މަތީ ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީ ކިޔެވުމުގެ 1 ފުރުސަތާއި، މާސްޓަރސް ޑީގްރީގައި ކިޔެވުމަށް 1 ފުރުސަތުގެ އިތުރުން ޕީއެޗްޑީ ކިޔެވުމުގެ 1 ފުރުސަތު ވަނީ ދީފައެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ޗައިނާގެ ބޭނުން ކޮންމެ ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއީ ޗައިނާގެ ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ޗައިނީޒް ގަވަރމެންޓް ސްކޮލަރޝިޕް ޕްރޮގްރާމްގެ ތެރެއިން ރާއްޖެއަށް ހޯދައިދީފައިވާ ފުރުޞަތުތަކެވެ. ޗައިނީސް ގަވަރމެންޓް ސްކޮލަރޝިޕް ފްރޮގްރާމްގެ ދަށުން ޓިއުޝަން ފީއާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ހުރުމުގެ ބައެއް ޙަރަދުތައް ސްކޮލަރޝިޕްދޭ ފަރާތުން ހަމަޖައްސައިދޭނެއެވެ. އަދި މި ސްކޮލަރޝިޕްތަކުގެ ދަށުން ވަރަށް ގިނަ ދާއިރާތަކަކުން މަތީ ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ސްކޮލަރޝިޕަށް ކުދިން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުގެ ފަރާތުންނެވެ.
މި ސްކޮލަރޝިޕްގެ ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ.
ހަމައެއާއެކު ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ސްކޮލަރޝިޕްތަކަކަށްވެސް ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕްގެ ދށުން ޗައިނާއިން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ:
ބެޗްލާރސް ޑިގްރީގެ 2 ފުރުސަތާއި،
މާސްޓަރސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ 2 ފުރުސަތުގެ
ޕީއެޗްޑީއަށް ކިޔެވުމުގެ 2 ފުރުސަތެއް ލިބިގެންދާނެއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެކަމަށެވެ. މި ސްކޮލަރޝިފަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްކުން 30 ޖަނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކުރިން ފޯމް ހުށަހަޅަންޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 1000 ސްކޮލަރޝިޕްގެ ފުރުޞަތު ދީފައެވެ. އެ 1000 ސްކޮލަރޝިޕް 5 އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ އަހަރަކު 200 ދިވެހިން ފޮނުވަން ސަރުކާރުން ވަނީ ނިންމާފައެވެ.