ދިވެހި ފުލުހުން ގާބިލު ބަޔަކަށް ހަދަން އިންޑިއާއެކު އެއްބަސްވުންތަކެއް
ފުލުހުންގެ ހިދުމަތުގެ ތަހުގީގީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ ތަމްރީނުދޭ މަރުކަޒުތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި އެއްބަސްވުންތަކުގައި ސޮއިކުރީ އެ އިދާރާގެ އިސް ވަފުދެއް މިމަހުގެ 12 އިން 17 އަށް އިންޑިއާއަށް ކުރި ދަތުރުގައިކަމަށެވެ.
މި ވަފުދުގައި އިސްކޮށް ހުރީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހްމަދު ބިޝާރު، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިބްރާހީމް ފާއިޒް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އިޝާމް މި ދަތުރުގައި ބައިވެރިވިކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އިންޑިއާގެ ފުންނާބު އުސް ތަމްރީނުދޭ މަރުކަޒުތަކާއެކު ސޮއި ކުރި އެއްބަސްވުންތަކުގެ ދަށުން، ހާއްސަ ތަހުގީގުތަކާއި، ސައިބާ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާތަކުން މަތީފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފޮރެންސިކް ލެބޯޓަރީއެއް ގާއިމުކުރުމަށްވެސް މަގުފަހިވެގެންދާނެކަމަށެވެ.
މި ދަތުރުގައި ފުލުހުންގެ ވަފުދު ބައްދަލުކުރި މުއައްސަސާތަކުގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވާސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވާސިޓީ (އާރްއާރްޔޫ) ހިމެނޭކަމަށް އެ އިދާރާއިން ބުނެއެވެ. މި މުއައްސަސާތަކާއެކު ވެވުނު އެއްބަސްވުންތަކުގެ ދަށުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ މަންހަޖު އެކްރެޑިޓްކުރުމާއި، މުދައްރިސުން ބަދަލުކުރުމާއި އަދި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެކަން ފުލުހުން ފާހަގަކުރެއެވެ.
މި އެއްބަސްވުންތަކުގެ ދަށުން، އެންއެފްއެސްޔޫއިން ރާއްޖޭގައި ކެމްޕަހެއް ގާއިމުކުރުމަށް ހުށަހަޅުއްވާކަމަށް ފުލުހުން ބުނެއެވެ. އޭގެ އިތުރުން، ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ތަރައްއްގީކުރުމަށް އެހީތެރިވުމާއި އާރްއާރްޔޫއިން ވަނީ އެމްޕީއެސްގެ 5 އޮފިސަރުންނަށް ސްކޮލާޝިޕް ފުރުސަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީފެންވަރުގެ ތަމްރީނުތައް ހިންގުމަށް އެއްބަސްވެފައިވާކަމަށް ފުލުހުން ބުނެއެވެ.
މި އެއްބަސްވުންތަކަކީ ދިވެހި ފުލުހުންގެ ހިދުމަތުން ފުލުހުންގެ މަސައްކަތުގެ މިންގަނޑުތައް ޒަމާނީކުރުމަށާއި، އޮޕަރޭޝަނަލް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް އެ އިދާރާއިން ބުނެއެވެ.