
މި ދައުރުގައި ހައްޖަށް ގެންދާ އަގު ކުޑަކުރެވޭނެ
މި ވެރިކަމުގެ ދައުުރުގެ ތެރޭގައި ރާއްޖެއިން ހައްޖަށް ގެންދަން ނަގާ އަގު ހެޔޮކުރެވޭނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”އަހާ“ ފޯރަމްގައި ރޭ ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ ހައްޖަށް މީހުން ގެންދިޔުމުގެ ނިޒާރު ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ވައުދެއް ކަމަށާއި ޙައްޖަށް މީހުން ދިޔުމުގެ އަގު ކުޑަކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަސައްވުރެއް ކަނޑައަޅައިގެން އޭގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
”މިވަގުތު މިވެނި ދުވަހެއްގައި، މިވެނި އަހަރެއްގައި ހާސިލުވާނެއޭ ދަންނަވަން ދަތި. އެހެންނަމަވެސް ރައީސް މުޢިއްޒުގެ ވެރިކަމުގެ މި ދައުރުގައި ތެރޭގައި އެއަށް ހަރުދަނާ ހައްލެއް އަންނާނެ،“ ޝަހީމް ވިދާޅުވި އެވެ.
ހައްޖު ފަންޑެއް ގާއިމްކޮށް ހައްޖަށް ދިއުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް މުއިއްޒު މިދިޔަ މަހުގެ ތެރޭގައި ވަނީ އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭ ގޮތަށް، ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެންނަން ނިންމަވާފަ އެވެ. އުސޫލަށް ގެންނަ ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.
މީގެއިތުރުން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ޙައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވީ ނަމަވެސް ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އިތުރުކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.