
ސުޕްރީމް ކޯޓުން ސުއޫދު އިސްތިއުފާ ދެއްވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި އެވެ.
ސުއޫދު އިސްތިއުފާ ދެއްވާފައިމިވަނީ އޭސީސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން އޭނާ ސަސްޕެންޑްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސުއޫދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ބެލުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ އެ ކޯޓުގައި ބެލުން ހުއްޓުވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ބިލެއް ފާސްކޮށް، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަމުންދާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.
މީގެއިތުރުން ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމަން ގާނޫނުއަސާސީގެ 144ގެ ނ. އާއި ރ. އާ ހިލާފަށް ސުޕްރީމް ކޯޓަށް އެމަނިކުފާނު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށްވެސް ސުއޫދު ވަނީ ތުހުމަތުކުރައްވާފަ އެވެ.
”އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،“ ސުއޫދުގެ ސިޓީގައި ވިދާޅުވި އެވެ.
އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ކުއްލިގޮތަކަށް ވަނީ ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. އެ ފަނޑިޔާރުން ސަސްޕެންޑް ކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ފަހުންނެވެ.