
ރަމަޟާންމަހުގެ ފަހު 10ގައި އިނާޔަތްލިބޭނެގޮތަށް ޕޭ ފްރޭމްވަރކަށް އިޞްލާހު ގެނެސްފި
ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރުގެ މުވައްޒަފުންނަށް ފައިސާ ދިނުމާ ގުޅޭ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް 7 ވަނަ އިޞްލާޙު ގެނެސް ގެޒެޓުގައި މިއަދު ޝާއިއުކޮށްފި އެވެ.
މި އިޞްލާހުގައި ޕޭ ފްރޭމްވޯކަށް ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ ޢިނާޔަތް ދޭންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ”ރަސްމީ ބަންދު ދުވަސްތައް“ ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް އެ ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢިނާޔަތް ދޭން ވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ހަމައެއާއެކު ރޯދަ މަހުގެ މި ދުވަސްތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރަން ވާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސް އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރު ގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
އެގޮތަށް ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައި އޮންނަ 10 ޕަސެންޓްގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތުތަކަށް އިތުރު ގަޑީގެ ފައިސާ ދެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އަދި މަޤާމަށް ކަނޑައަޅައިފައިވާ މުސާރަ އާއި ޢިނާޔަތްތަކުގެ މިންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރު ނުވިޔަސް ހާޒިރީ ޢިނާޔަތް ދޭން ކަނޑައަޅާފައިވެ އެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ 7 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިޞްލާޙު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.