
މެރެތަން ފެށެން ކައިރި ވެފައި ވަނިކޮށް މިހާރުގެ ޗެމްޕިއަން އާއި ދުނިޔޭގެ ރެކޯޑު ހޯލްޑަރުވެސް ލަންޑަން މެރެތަނުން ވަކިވެއްޖެ!
ލަންޑަން މެރަތަން ފެށެން ދެ ހަފްތާއަށް ވުރެ ގާތްވެފައި ވަނިކޮށް ދުނިޔޭގެ ރެކޯޑު ހޯލްޑަރު ރޫތު ޗެޕިންގެޓިޗް އަދި މިހާރުގެ ޗެމްޕިއަން ޕެރެސް ޖެޕްޗިރްޗިރް ލަންޑަން މެރަތަނުން ވަކިވެއްޖެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.
ކެންޔާގެ ޗެޕިންގެޓިޗް ވަނީ ޗިކާގޯގައި ބޭއްވި މުބާރާތުގައި އަންހެނުންގެ ރެކޯޑު ހަދާފައެވެ.
އޭނާ ވަނީ 2:09:56 ގައި ދުވެ، 2:10 އަށްވުރެ ދަށުން ދުވި ފުރަތަމަ އަންހެން ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑު ހަދާފައެވެ. އަދި އޭނާ އުންމީދުކޮށްފައިވަނީ އޭޕްރީލް 27 ގައި ބޭއްވޭ ލަންޑަން މެރަތަނުގައި މި ވަގުތު އިތުރަށް ރަނގަޅުކުރުމަށެވެ.
”މިވަގުތު އަހަރެން މިހުރީ ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް ލަންޑަނުގައި އެންމެ ރަނގަޅަށް ވާދަކުރެވޭވަރުގެ ހާލަތެއްގައި އެއްނޫން، އެހެންކަމުން އަހަރެން މުބާރާތުން ވަކިވަމެވެ،“ އޭނާ ބަޔާނެއްގައި ބުނެފައިވެއެވެ. ”މުބާރާތުގައި ބައިވެރިނނުވެވޭތީ ވަރަށް ހިތާމަކުރަން. އަދި އަންނަ އަހަރު އަނބުރާ އާދެވޭނެކަމަށް އުންމީދުކުރަން.“
ތިންފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އަދި ހަތަރު އަހަރު ކުރިން ޓޯކިޔޯ އޮލިމްޕިކްސްގެ ރަން މެޑަލް ހޯދި ޖެޕްޗިރްޗިރް، ތަނބިކަށީގައި އަނިޔާއެއްގެ ސަބަބުން ރޭހުގައި ބައިވެރި ނުވެވެއެވެ.
”އަހަރެން މިހާރު މަސައްކަތްކުރަނީ އަލުން ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް. އަދި އަހަރެން އެދެނީ މުސްތަޤުބަލުގައި ފުރިހަމައަށް ހެޔޮ ސިއްހަތެއްގައި ހުރެގެން އަނެއްކާވެސް ލަންޑަނަށް އެނބުރި އާދެވޭނެކަމަށެވެ،“ 31 އަހަރުގެ ޖެޕްޗިރްޗިރު ބުންޏެވެ.
މި އަހަރުގެ ލަންޑަން މެރަތަނުގައި 56,000 އަށްވުރެ ގިނަ މީހުން ވާދަކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ގިނަ ބަޔަކު ދެކޭގޮތުގައި މިފަހަރު ދުނިޔޭގެ ރެކޯޑު އާކުރާނެ އެވެ. ޗިރްޗިރު މިދިޔަ އަހަރު ލަންޑަން މެރަތަން ރެކޯޑު ހަދާފައިވަނީ ދެ ގަޑިއިރާއި 16 މިނެޓާއި 16 ސިކުންތުންނެވެ.