މެރީޑިއަމް މަޑިފުށި ކަޕް: ފައިނަލުގައި ޑީސީ އާވާދަކުރުމަށް ވަންހަ ގަބީލާ
ތ. މަޑިފުށީގައި މިހާރު ކުރިއަށްދާ މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޑީސީ ސްޕޯޓްސް ކުލަބާއި ބައްދަލުކުރުމަށް ވަންހަ ގަބީލާއަށް ޖެހިއްޖެއެވެ.
އެޓީމު ފައިނަލުގެ ދެވަނަ ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗުގައި ވެނޯޒިއާ އެސްސީ އާވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓް އައުޓުގައި ކުރި ހޯދައިގެންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާ އިރު، ފުރަތަމަ ލަނޑު ޖަހާފައިވަނީ 53 ވަނަ މިނެޓުގައި ވެނޯޒިއާގެ ޖާރޒީ ނަމްބަރ 27 އަޙްމަދު ޙާފިޒު (ހެޕީ)އެވެ. އަދި 68 ވަނަ މިނެޓުގައި ވަންހަ ގަބީލާއިން ނަތީޖާ އެއްވަރުކުރީ ވެނޯޒިއާގެ ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ސާފުކުރަން އުޅުމުގެ ތެރޭގައި ވެނޯޒިއާގެ ޖާރޒީ ނަމްބަރ 30 ޢަލީ ރަޝީދުގެ ގައިގާޖެހިފައި ބައިކޮޅަށް ވަން ލަނޑުންނެވެ.
އެއަށްފަހު ވަންހަ ގަބީލާގެ އިތުރަށް ވަރުގަދަކޮށް 69 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖާރޒީ ނަމްބަރ 19 މުޙައްމަދު ނަސީމް އެވެ. ވަންހަ ގަބީލާގެ މި ލަނޑާއެކު ވެނޯޒިއާގެ މުޅި ޓީމު ކަހަލަގޮތަކަށް އެޓޭކަށް އަރައި، ޙަމަލާތައް އުފެއްދުމުގެ ނަތީޖާއަކީ 74 ވަނަ މިނެޓުގައި ވެނޯޒިއާގެ ކެޕްޓަން 30 ނަމްބަރ ޢަލީ ރަޝީދު ލަނޑެއް ޖަހައި، ނަތީޖާ 2-2 އަށް އެއްވަރުވުމެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ލަނޑުން ދެޓީމު އެއްވަރުވެފައިވާތީ ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ދެޓީމުންވެސް ޖަހަމުންދިޔަ ޕެނަލްޓީތައް ގޯލުތެރެއަށް ވަންނަމުން ދިޔަ އިރު، ވެނޯޒިއާގެ 5 ވަނަ ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިން ބޭރަށެވެ. ވަންހަ ގަބީލާގެ ފަސްވަނަ ޕެނަލްޓީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަސްލަމް ރަހާ ގޯލުގެ ތެރެއަށް ފޮނުވާލުމާއެކު މެޗު ނިމިގެން ދިޔައީ 6-7 ން ވަންހަ ގަބީލާ މެޗު ކާމިޔާބުކޮށް ފައިނަލުގެ ފަހުޖާގަ ޔަގީންކޮށްގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ވެނޯޒިއާގެ ޖާރޒީ ނަމްބަރ 6 ޙުސައިން ޖައިލަމްއަށެވެ.
މި މަހުގެ 3 ވަނަ ދުވަހު ފެށި މި މުބާރަތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 12 ވާ ހޯމަ ދުވަހު ހަވީރު 15:45 ގައެވެ.
މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ.