އުރީދޫ ” އޮލަވާހަކަ ” ވައިބަރ ސްޓިކަރ ތަޢާރަފްކޮށްފި
ދިވެހިރާއްޖެއަށް ޚާއްޞަ ދެވަނަ ވައިބަރ ސްޓިކަރސެޓް “އޮލަ ވާހަކަ” އުރީދޫއިން މިއަދު ތަޢާރަފްކޮށްފިއެވެ.
އަދުގެ ދިވެހި މުޖުތަމަޢާއި އާދަކާދައިގެ ތެރޭގައި އެކުލެވޭ ބަހުރުވައިގެ މައްޗަށް ބިނާވެފައިވާ މި ސްޓިކަރ ސެޓް ފަރުމާކޮށްފައިވަނީ ރައްޓެރިން އަދި ޢާއިލާގެ ފަރާތްތަކާއި ކުރެވޭ މުޢާމަލާތު އިތުރަށް ފުރިހަމަވާނޭ ގޮތަށެވެ.
މި ސްޓިކަރ ސެޓާއިބެހޭގޮތުން އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވީ “އެންމެ އިހުއްސުރެ ދިވެހިންނަކީ ‘އޮލަ ވާހަކަ’ ތަކަށް ވަރަށް ފޯރި ހުންނަ ބައެއް ” ކަމަށާއި ” ހޮޅުއަށިތަކުގައާއި ޖޯލިފަތި ތަކުގައި، އުނދޯލިތަކުގައި އަދި މިހާރު ކޮފީމޭޒުތަކުގައިވެސް މިކަން ކުރިއަށްދާ ” ކަމަށެވެ.
އަދި މިހުރިހާ ‘އޮލަ ވާހަކަ’ އެއް ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފޯނުތަކަށް، ވައިބަރ މެދުވެރިކޮށް އިތުރަށް ފުރިހަމަކޮށްދިނުމަށް ސްޓިކަރ ސެޓް އެހީތެރިވެދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“‘އޮލަވާހަކަ’ ވައިބަރ ސްޓިކަރ ސެޓް އުފެއްދުމުގައި އިސްކަންދީފައިވާނީ ދިވެހިންގެ މެދުގައި ދެކެވޭ ވާހަކައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، މުޖުތަމަޢާއި ޘަޤާފަތާއި ގުޅުންހުރި ބަސްމަގު އެކުލެވޭގޮތަށް ކަމަށް އުރީދޫގެ މާރކެޓިންގ ކޮމިޔުނިކޭޝަންސް އެގްޒެކެޓިވް އިސްމާޢީލް މަޒްހަމް ވިދާޅުވިއެވެ.
މި މަސައްކަތުގައި ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ މީގެކުރިން އެ ކުންފުނިން ތަޢާރަފްކުރި އެންމެ ފުރަތަމަ ދިވެހި ސްޓިކަރ ސެޓަށް ހުރިހާ ފަރާތްތަކުން ދެއްވި ފުރިހަމަ ތަރުޙީބާއި ފާޅުކުރެއްވި ޚިޔާލުތައް ކަމަށާއި އެކަމަށްޓަކާ ހުރިހާ އެންމެނަށް ޝުކުރު ދަންނަވާ ކަމަށް އުރީދޫގެ ސީނިއަރ އެގްޒެކެޓިވް ކޮންޓެންޓް އެންޑް ޑާޓާ އަޙުމަދު ނޫމާން ވިދާޅުވިއެވެ.
ދިވެހި ބަހުން ފަރުމާކޮށްފައިވާ ސްޓިކަރ ސެޓުގައި މިހާރުގެ މުޖުތަމަޢުގައި ގިނައިން ބޭނުންކުރާ ބައެއް ޢިބާރާތްތައް ކަމަށްވާ “އިރާދަ ކުރެއްވިއްޔާ”، “ކޮބާ ކިހިނެއް؟”، “އުފާވެރި އުފަންދުވަހެއް”، ” ނާހަމަ ތެދެއް؟”، ފަދަ ލަފްޒުތައް ހިމެނެއެވެ.
އުރީދޫއިން ބުނީ ކުރިއަށް އޮތްތަނުގައިވެސް ވައިބަރގައި ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ސްޓިކަރތައް އެކުންފުނިން ތަޢާރަފް ކުރަމުންދާނެ ކަމަށެވެ.
މި ސްޓިކަރސެޓް އެއްވެސް އަގަކާއނުލާ ވައިބަރ ސްޓިކަރ މާކެޓުންނާއި ޑައުންލޯޑު ކުރެއްވޭނެއެވެ.
އުރީދޫ އިން މަސައްކަތް ކުރަމުން ދަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ފައިދާހުރި، އަދި ހިތްހަމަޖެހޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި މިގޮތުން ކުރިއަށް އޮތްތަނުގައިވެސް އުރީދޫގެ ކަސްޓަމަރުންނަށް ވަރަށް ކަމުދާނެ ޚިދުމަތްތައް އުރީދޫ އިން ފެނިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.