ގދ. ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފާހަގަކުރުން އަންނަ ފެބްރުއަރީގައި..
ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފިއެވެ.
މިއީ މި ރަސްމިއްޔާތު ބާއްވާ ތާރީޚަށް ބަދަލުގެނައި ތިންވަނަ ފަހަރެވެ. އެގޮތުން ސަރުކާރުން އެ ރަސްމިއްޔާތު އެންމެ ފުރަތަމަ ބޭއްވުމަށް މިއަހަރު އޯގަސްޓް މަހުގެ ތެރޭގައި ނިންމުމަށްފަހު، މިއަހަރުގެ ޑިސެމްބަރު މަހަށް ވަނީ ފަސްކޮށްފައެވެ.
ތިނަދޫ ކައުންސިލުން ބުނީ އެ ރަސްމިއްޔާތު ބޭއްވުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން އެ ކައުންސިލަށް އަންގާފައިވާ ކަމަށާއި ރަސްމިއްޔާތު ލަސްވަނީ ތިނަދޫގައި އަޅަމުން އަންނަ މިއުޒިއަމް ޕާކު ނުނިމިގެން ކަމަށެވެ. އަދި އެ ޕާކުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް ތިނަދޫ ކައުންސިލުން ބުންޏެވެ.
އުންމީދުކުރަނީ ފެބްރުއަރީ 4ގައި މިރަސްމިއްޔާތު ބޭއްވޭނެ ކަމަށް ކަމަށާއި އެދުވަހަކީ ތިނަދޫ މީހުން ރަށުން މީހުން ބޭލިދުވަސް ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ. އަދި އެ ތާރީޚުގައި އެކަން ނުވެއްޖެ ނަމަ، ދެން ރަސްމިއްޔާތު ބާއްވަން ޖެހޭނީ އެރަށުގައި މީހުން އާބާދުވިތާ 51 އަހަރު ފާހަގަކުރުމަށް ކަމަށްވެސް ތިނަދޫ ކައުންސިލުން ބުންޏެވެ.
ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަކޮށް ކޮމެޓީއެއް ނަގާފައިވާ އިރު، މިހާރުވެސް އަންނަނީ ރަށުތެރެއާއި ފަޅުގޯތިތަކާއި އެފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަދި އެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ގެންދަނީ ތިނަދޫގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްވެސް ހިންގަމުންކަންވެސް ފާހަގަކޮށްލެވެއެވެ.
ހުވަދޫ ބަޣާވާތަށް ފަހު ކުރީގެ ރައީސް އަލްމަރްހޫމް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތިނަދޫ އިން މީހުން ބާލާފައިވަނިކޮށް އެރަށުގައި އަލުން މީހުން އާބާދުވާންފެށީ 22 އޮގަސްޓް 1966 ވަނަ އަހަރު އެވެ.