ކަނދަށް ގެއްލުން ލިބުނު ސީޕްލޭން ހުޅުލެއަށް ގެނެސްފި
އިއްޔެ ހަވީރު ނ. ހެނބަދުއަށް ދިޔަ މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ ސީޕްލޭނުގެ ކަނދަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށްފަހު ހުޅުލެއަށް ގެނެސްފިއެވެ.
އެ ސީޕްލޭނުގެ ކަނދަށް ގެއްލުން ލިބުނީ ބައެއް މިނިސްޓަރުންނާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގޮވައިގެން ނ. ހެނބަދޫ ގޮނޑުދޮށަށް ކައިރިކުރަން އުޅުމުގެ ތެރޭގައި ނަގިއްޔެއްގައި ޖެހިގެންނެވެ.
ޓީއެމްއޭ އިން ބުނީ އެ މައްސަލަ ޙައްލުކުރީ މާލެއިން އިންޖިނިއަރަކު ގޮސްގެން ކަމަށާއި ކިތަންމެ ކުޑަ ގެއްލުމެއް ލިބުނަސް މިކޮޅުން އިންޖިނިއަރުން ގޮސް ބެލުމަށް ފަހު ނޫނީ ދަތުރެއް ނުކުރާނެ ކަމަށެވެ.
އަދި ގެއްލުން ލިބުނީ އެ ބޯޓުގެ ކަނާތް ފަރާތުގެ ކަނދަށް ކަމަށާއި އިތުރު އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ޓީއެމްއޭ އިން ބުންޏެވެ.
ޓީއެމްއޭގެ ބޯޓުގެ ކަނދަށް ގެއްލުންވުމުން ހެނބަދޫ ރައްޔިތުން ނުކުމެ އެ ބޯޓު އެއްގަމަށް އެހެލާފައިވާ އިރު، އެ ބޯޓުން ދަތުރުކޮށްފައިވާ މީހުންގެ ތެރޭގައި އުއްޗު އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ހިމެނެއެވެ.