ބާރަށު ބުޅާ ފާތުމާގެ ރެހެންދި އާއި ޢަލީ ރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން ކަނބާ އައިޝާ.(3)6 ފެބުރުވަރީ 2017 އާ ގުޅޭ
ކަނބާ އައިޝާ ރަނިކިލެގެފާނުގެ ޒާތީ ދިރިއުޅުއްވުމާއި، ޝަހުސިއްޔަތުގެ ހުރި މާތް ސިފަތައް
ކަނބާ އައިޝާ ރަނިކިލެގެފާނުގެ މަންމާފުޅު ބުރަކި ރަނިންނަކީ ވަރުގަދަ ކެރޭ ޝަހުސިއްޔަތެއްކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ހާމަކުރައްވައެެވެ. އެކަމަނާގެ ރަނިކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއްވި ކަނބަލެކެވެ.
މިގޮތުން ބުރާރަ މުޙައްމަދުފުޅު ކިޔުއްވާފައިވާ ގޮތަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި “ ބުރަކި ރަނިން ނަވަށް ވަޑައިގެން ވިދާޅުވިއޭ، ތިޔަ އެދުރުޖިންނި މަޑުކޮށްފީމޭ، މާލެޔަށް އަރާ މާލެ ތަޅާލާފައި އަންނާން ދަހަރޭ. (ޞ.110.) “ މިހެން ބުނުމުންވެސް އެނގެނީ ބުރަކި ރަނިންނަކީ ބޮޑުންގެތެރޭގައި ބަސްބުނަން ކެރޭ ޝަހުސިއްޔަތެއްކަމެވެ.
އަދި ހަމަ އެހެންމެ ރާދަވަޅީގައި ލިޔެވިފައި ނެތްނަމަވެސް ބޮޑުތަކުރުފާނު ވާހަކައިން ހާމަވާގޮތުގައި މިކަމަނާ ރާއްޖޭގެ ރަނިކަން ކުރެއްވިކަން ހާމަވެއެވެ. މިކަމަނާ އަވަހާރަވެފައި ވަނީ ގާފަރު ކަޅު ފާށަނާގެ ނަދުރަކަށް ތިލަދުންމައްޗަށް ކުރި ދަތުރުފުޅެއްގައި ހަނިމާދޫގައި ހުންނަވަނިކޮށް އާލާސްކަންފުޅެއް ޖެހިގެންކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ހާމަކުރައްވައެވެ. މިކަމަނާ އަވަހާރަވުމަށްފަހު ތަހުތަށް އިސްވެ ވަޑައިގަތީ މިކަމަނާގެ ފިރިކަލުން ކަޅު މުޙައްމަދު ރަސްގެފާނުކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ހާމަކުރައްވައެވެ. މިއީ ކަނބާ އަައިޝާ ރަނިކިލެގެފާނުގެ މަންމާފުޅުގެ ވާހަކައެވެ. ކަނބާ އައިޝާ ރަނިކިލެގެފާނކީވެސް ހަމަ މިފަދަ ޝަހުސިއްޔަތެކެވެ.
ކަނބާ އައިޝާ ރަނިކިލެގެފާނުގެ ޒާތީ ދިރިއުޅުއްވުމަށް ބަލާއިރު ، މިކަމަނާ ބޮޑުފުޅުވީ ރަސްކަމުގެ ކޮއިލް ތެރޭގައެވެ. މިކަމަނާ އަކީ ޝާހީ ހާންދާނުގެ ތެރޭގައި އުޅެ ބޮޑުފުޅުވި ބޭކަނބަލެކެވެ. ސާހިބުންނާއި ބޮޑުންގެ ތެރޭގައި އުޅުމަށް އާދަވެފައި ހުރި ކަނބަލެކެވެ. ބޮޑުފުޅުވެ ކައިވެނިފުޅު ބައްލަވައިގަތީވެސް އެދުވަސްވަރު ޢިލްމު ލިބިގެން ހުންނެވި ބޭކަލަކާއިކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ހާމަކުރައްވައެވެ.
އެއީ ސައްޔިދު ( ފަހުން ޢަލީ ރަސްގެފާނު) ކަމަށް ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. އޭގެ ފަހުން ޢަލީ ރަސްގެފާނާއި ކައިވެނިފުޅު ބައްލަވައިގެން ސިއްތިމާވާ ރަނިކިލެގެފާނު ލިބިވަޑައިގަތެވެ. އަދި ދިރިއުޅުއްވުން ވޭތުކުރަމުން ގެންދެވީ ރަސްކަމުގެ ކޮއިލްތެރޭގައެވެ.
އޭގެފަހުން ޢަލީ ރަސްގެފާނު ޝަހީދުވުމުން އަދިރިއަދިރިންގެ ރަސްކަމުގައި ވިޔަޒޯރާ އާއި ކައިވެނި ބައްލަވައިގެން ޢަލީ ރަސްގެފާނުގެ ތުއްޕުޅު ދަރިކަލުން ސިއްތިމާވާ ރަނިކިލެގެފާނު ގޮވަައިގެން ވިޔަޒޯރާ އާއި އެކު ބާރަށަށް ދިރިއުޅުން ބަދަލުކުރެއްވިކަމަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ހާމަކުރައްވައެވެ. ވިޔަޒޯރާ އަކީ އަނދިރިއަނދިރިންގެ އަރިސް ބޭކަލެކެވެ. އެދުވަސްވަރު އުތުރުގެ ހަތަރު އަތޮޅުގެ އަތޮޅުވެރިކަމާއި ހަވާލުވެ ވަޑައިގެން ހުންނެވި ނުފޫޒުގަދަ ބޭކަލެއްކަމަށް ޙުސައިން ޞަލާހުއްދީން (1940 މ.) ހާމަކުރައްވައެވެ.
ބާރަށުގައި އުޅުނު ދުވަސްވަރު ކަނބާ އައިޝާ ރަނިކިލެގެފާނަކީ ރަށުގެ ގަދަރު އުފުލިގެންވާ ބޭކަނބަލެއްކަމަށާއި، މަންމާފުޅު ބުރަކި ރަނިން ފަދައިން ރައްޔިތުންގެ މެދުގައި ބަސްވިކޭ ބޭފުޅެއްކަން ބުރާރަ މުޙައްމަދުފުޅު ކިޔުއްވި ގޮތަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ލިޔުއްވި ބޮޑުތަކުރުފާނު ވާހަކައިން ހާމަވެގެން ދެއެވެ.
ހަމައެހެންމެ ކަނބާ އައިޝާ ރަނިކިލެގެފާނަކީ ބާރަށު އީދު ފަދަ ދުވަސްތަކުގައި ވިޔަޒޯރާގެ ދައުވަތަށް އަތޮޅުތަކުގެ ރަށްރަށުން ބާރަށަށް ވަޑައިގަންނަވާ ބޮޑުންނަށް މެހްމާންދާރީ އަދާކުރުމުގައި ދެވަނައެއްނުވާ ޝަހުސިއްޔަތެކެވެ. ރަށުގެ ޒުވާން ފުރައިގެ އަންހެން ކުދިން ނަލަހައްދައި ސަޤާފީ ކުޅިވަރުތައް ރާވާއި ހިންގުމުގައި ކަނބާ އައިޝާ ރަނިކިލެގެފާނަކީ ދެވަނައެއް ނުވާ ބޭކަނަބަލެކެވެ.
އަދި އެކަމަނާގެ ދަރިކަނބަލުން ސިއްތިމާވާ އާއި އެއްފުރައިގެ އަންހެން ކަނބަލުން ސިއްތިމާވާ ދިރިއުޅުއްވާ ވާރުގެއަށް ދުރުވެ މުނިފޫހިފިއްލެވުމުގައި ހަރަކާތްތެރިވެ އުޅޭކަމަށްވެސް ބުރާރަ މުޙައްމަދުފުޅުގެ ވާހަކައިން ހާމަވެގެންދެއެވެ.
ނަމަވެސް، ޙުސައިން ޞަލާހުއްދީން (1940 މ.) ހާމަކުރައްވާ ގޮތުގައި ވިޔަޒޯރުގެ ދައުވަތަކަށް އުތީމު ޚަތީބު ތަކުރުފާނުގެ ތިންބެއިން ބާރަށަށް ދިއުމުން އެ ތަކުރުފާނުންގެ ބޮލަށް ގޮންޖައްސަވަން ކެރިވަޑައިގަންނަވާނެ ޒުވާން ބޭކަނބަލަކު ނެތްކަމަށް ކަނބާ އައިޝާ ރަނިކިލެގެފާނު އަޑު އުފުލައި، އެފަދަ ހިތްވަރު ހުރި ކަނބަލަކު ނެތުމުން ބާރަށު ބުޅާ ފާތުމަ ގެ ރެހެންދިއަށް ހިތްވަރު ދެއްވައި އެކަމަނާ ނަލަހައްދުވައިގެން އެކަމަނާ ލައްވައި އުތީމު ތިންބެއިންގެ ބޮލަށް ގޮންޖައްސަވަން ނިކުންނެވި ކަމަށެވެ.
މިކަމުން ދޭހަކޮށްދެނީ ކަނބާ އައިޝާ އަކީ ކަންކަމާއި ކެރިގެން ކުރިމަތިލާ ރަށުގެ ރައްޔިތުންނާއި ވަކިން ހާއްޞަކޮށް ޒުވާނުންގެ މެދުގައި މަޤްބޫލު ކެރޭ ޝަހުސިއްޔަތެއްކަމެވެ.
މީގެއިތުރުން ކަނބާ އައިޝާ ރަނިކިލެގެފާނުގެ ބަހަކީ ވިޔަޒޯރާގެ އަރިހުގައިވެސް ވިކޭ ބަހެކެވެ. ވިޔަޒޯރާ ކުރާ ކޮންމެ ކަމެއްގައި އަނބިކަބުލޭގެ ބަހެއް އޮތްތޯ އަހާނެއެވެ. މިގޮތުން ބުރާރަ މުޙައްމަދުފުޅު ކިޔުއްވާފައިވާ ގޮތަށް އަލްހާއްޖަ އިބްރާހީމް އިސްމާއިލް ފީބޯ (1377ހ) ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި އުތީމު ދެބެންގެ ބޯ ކަނޑާލައިގެން މާލެ ގެނެއުމަށް އަނދިރިއަނދިރިން ވިޔަޒޯރާއަށް އެންގުމުން ކަނބާ އައިޝާ ރަނިކިލެގެފާނު ދެންނެވިއެވެ.
“އައްދޭ މަގޭ އަތޮޅުވެރިންނަށް ހާދަ އޮޔަކާ، ހަދަ ވަޔަކާ ޖެހޭ ދުވަހެއް ދޮތައޭ، ކަނބާ އައިޝާ ރަނިކިލެގެފާނު ވިދާޅުވިއޭ، ބަލަ އަތޮޅު ވެރީންނޭވޭ އަތޮޅުވެރިން މާލެ ދިޔައީމާ ދެބޭންގެ ބޯހިފައިގެން ނޫނީ މާލެ ނުދާން އަދިރި އަދިރީންގެ ހުއްދަ ވިދާޅުބަހަށް އަތޮޅުވެރީން ރަށަށް ދުރުވެ ކޭންނުބައްލަވާ. ގައިގާ ފޮށައެއް ލައިގެން ބިއްދޮށަށް އެބުރި އޮތް ވާހަކަ އުތީމު ދެބޭންނަށް އިވިގެން ދެބޭންގެ ބޯ ހިފައިގެން ދެބޭން އަންނާނޭ ކަމަށްހޭ ތިޔަ އޮންނެވީ. އަތޮޅުވެރިންނަކީ އަދިރި އަދިރީންނަށް ރާއްޖެ ހިފައިދޭން އިރުވަރުބެލި އިރުވަރުބޮޑު މީހާ ނޫންހޭ. އެހެންވިއްޔާ އަތޮޅުވެރީންނަށް ދެބޭންގެ ބޯ ލިބޭނެއިރެއް ހޯދައިގެން ދެ ބޭންގެ ބޯބަލާ އުތީމަށް ދިޔައީމާ ނޫންހޭ ބޯލިބޭނީ. އަތޮޅުވެރިން ހިތުގައި ޖެހުނެވެ.
(ބޮޑުތަކުރުފާނު ވާހަކަ .ޞ.368) “ މިހެން ބަޔާން ކޮށްފައިވުމުން ދޭހަވަނީ ކަނބާ އައިޝާ ބުނާ ކޮންމެ ބަހެއް ވިޔަޒޯރާ ޤަބޫލުކޮށް އެގޮތަށް އަމަލުކުރުމަށް މަސައްކަތްކުރާ ކަމެވެ. ނަމަވެސް މިކަމުން ވިޔަޒޯރާއަށް ލިބޭ ގެއްލުންކަށް ވިޔަޒޯރާއެއް ނުބަލާކަމެވެ. ކަނބާ އައިޝާ ރަނިކިލެގެފާނު ވިދާޅުވިގޮތަށް ވިޔަޒޯރާ ކަންތައްތައް ކުރަން އުޅޭކަމެވެ.
އަދި މިގޮތަށް ވިޔަޒޯރާއަށް ކަންކުރަންވީގޮތް ކިޔައިދެއްވުމުން ވިޔަޒޯރާއަށް ކުރެވޭ ކަމެއްގެ ސަބަބުން ނުވަތަ އެޅޭ ފިޔަވަޅެއްގެ ސަބަބުން އުތީމު ތިންބެއިންނަށް ވިޔަޒޯރާގެ ކިބައިން މިންޖުވުމަށް ފުރުޞަތު ލިބިގެންދާކަމީ ކަނބާ އައިޝާ ރަނިކިލެގެފާނަކީ ޤައުމަށް ފައިދާހުރި ގޮތެއްގައި މަސައްކަތްކުރާ ހުށިޔާރު ކަނބަލެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ.
ހަމަ އެހެންމެ އެކަމަނާ އަކީ އަނދިރި އަނދިރިން ދެއްކެވި ބޭކަލަކާ ކައިވެނި ބައްލަވައިގެން އިންނެވި ކަނަބަލެއް ނަމަވެސް، އަނދިރި އަދިރިންގެ ކިބައިން މި ޤައުމު ސަލާމަތްވެ އެކަމުން މިންޖުވުމަށް މަސައްކަތްކުރާ ކަނބަލެއްކަން އަލްހާއްޖަ އިބްރާހީމްް އިސްމާއިލް ފީބޯ (1377ހ) އާއި ޙުސައިން ޞަލާހުއްދީން (1940 މ.) ހާމަކުަރައްވާފައިވާ ވާހަކަތަކުން ދޭހަވެއެވެ.
އިސްވެދެންނެވުނު ދެ ރަނިކަނބަލުންނާއި ބެހޭގޮތުން ލިބުނު މައުލޫމާތަށް ބަލާއިރު، ކަނބާ އައިޝާ ރަނިކިލިގެފާނަކީ ރަސްމަތިފުށު ބޭކަނލެކެވެ. އެކަމަނާގެ ބައްޕާފުޅާއި މަންމާ ފުޅުގެ އާއިލާ އަކީ ރާއްޖޭގެ ރަސްރަސްކަލުންނާއި ބޮޑުންގެ އާއިލާތަކުގެ ބޭފުޅުންނެވެ. މިގޮތުން މިކަމަނާ އުފަންވެ ވަޑައިގަތީ ރަސްކަމުގެ ކޮއިލަށެވެ. ކުޑައިރުއްސުރެ ދިރިއުޅުއްވީ ރަސްކަމުގެ ކޮއިލު ތެރޭގައެވެ.
ކައިވެނިފުޅު ބައްލަވައިގަތީ ރަސްކަލަކާއެވެ. އެއަށްފަހު އަލީ ރަސްގެފާނު ޝަހީދުވުމުންވެސް ކައިވެނި ބައްލަވައިގަތީ އޭރު ތަހުތުގައި އިންނެވި އަދިރިއަދިރިންގެ ބޮޑުންގެ (އުތުރު ހަތަރު އަތޮޅަށް ކަނޑައެޅުއްވި އޮތޮޅުވެރިޔާ) މީހަކާއެވެ. އާދެ! ވިޔަޒޯރާ އެވެ.
ކަނބާ އައިޝާ ރަނިކިލެގެފާނަކީ ވިސްނުން ތޫނު ބޭކަނބަލެކެވެ. އުތީމު ތިންބެއިން ރާއްޖެ ދިފާއުކުރުމަށް ކުރައްވާ މަސައްކަތްޕުޅަށް ވިޔަޒޯރާގެ ކިބައިން މަޤުފަހިކޮށްދެއްވިއެވެ. އަދި އެކަމަނާ އަކީ އާމިނާ ރަނިކިލެގެފާނުގެ ފިރިކަލުން މުޙައްމަދު ތަކުރުފާނުގެ މައިދައިތާފުޅެވެ. އެއީ އަލީ ރަސްގެފާނުގެ ދަރިކަނބަލުން އަދި ފަހުން މުޙައްމަދު ތަކުރުފާނުގެ އަނބިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ.
އެހެންނަމަވެސް ބޯށިވަލު ބުޅާ ފާތުމަގެ ރެހެނދި ( އާމިނާ ރަނިކިލެގެފާނު) ޒާތީ ދިރިއުޅުއްވުމަށް ބަލާއިރު، އެކަމަނާ އަކީ ބާރަށު އެންމެ ފަޤީރު އާއިލާއަށް އުފަން ބޭކަނބަލެކެވެ. ބަނޑުފުރާނަ މުއްތިކުރަނީ ވަލުން ލިބޭ އެއްޗަކުންނެވެ. އުނު ފޭރާން ލިބެނީ ރަށުގެ ބޮޑުންނަށް މަސައްކަތްކޮށްދީގެންނެވެ. ބިކަ ހާލުގައި ދިރިއުޅުއްވުމަށްފަހު ކައިވެނިފުޅު ބައްލަވައިގަތީ ޞާލިހް ރަސްކަލަކާއެވެ.
އެކަމަނާގެ ދަރިކަލުންނަކީވެސް ރަސްކަން ކުރެއްވި ބޭފުޅެކެވެ. އަނދިރިއަނދިރިންގެ ކިބައިން ރާއްޖެ ސަލާމަތްކުރުމުގައި އަތްބެއްގެ ހައިސިއްޔަތުން މުހައްމަދު ތަކުރުފާނަށް ވެދެއްވެން ހުރި އެހީތެރިކަމެއް ވެދެއްވިއެވެ. ގެއަށް އަންނަ މެހްމާނުންނަށް ކަމޭ ހިތްތެވިއެވެ.
އެހެންކަމުން، މި މަޒުމޫނު ލިޔުމަށް ކުރެވުނު ދިރާސާއިންނާއި ހޯދުނު ހޯދުންތަކަށް ބަލާއިރު، މި ދެކަނބަލުންނަކީވެސް ހަރުދަނާކަން ބޮޑު ދެ ޝަހުސިއްޔަތެވެ. ނަމަވެސް ލިބުނު މަޢުލޫމާތަށް ބަލާއިރު، އެންމެ ހަރުދަނާކަން ބޮޑު އަދި ޤައުމަށް އެންމެ ފައިދާ ހުރިގޮތެއްގައި މަސައްކަތްކުރައްވާފައިވާ ޝަހުސިއްޔަތެއްކަމަށް އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ ކަނބާ އައިޝާ ރަނިކިލެގެފާނަށެވެ.
މި ދިރާސީ މަޒުމޫނަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަ ކުރެވިފައިވާ އަންހެން ޝަޚުސިއްޔަތު ތަކުގެ ތެރެއިން ބާރަށު ބުޅާ ފާތުމާގެ ރެހެންދި ( އާމިނާ ރަނިކިލެގެފާނު) އާއި ޢަލީ ރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން މަޝްހޫރު ކަނބާ އައިޝާ ރަނިކިލެގެފާނާއި މި ދެބޭފުޅުންގެ ތެރެއިން ޤައުމަށް އެންމެ ފައިދާ ހުރި ގޮތެެއްގައި މަސައްކަތް ކުރައްވާފައިވަނީ ކޮންބޭފުޅެއްކަން ތާރީޚީ ހެކި ދައްކައިގެން އޮޅުންފިލުވައިދިނުމެވެ.
އަދި މި ދެބޭފުޅުންގެ ޒާތީ ދިރިއުޅުއްވުމާއި، ޝަހުސިއްޔަތުގައި ހުރި މާތް ސިފަ ތަކަށް އިންޞާފުގެ ނަޒަރަކުން ބެލުމަށްފަހު ދެބޭފުޅުންގެ ތެރެއިން ހަރުދަނާކަން ބޮޑު ޝަޚުސިއްޔަތަކީ ކޮބައިކަން ތާރީޚީ ހެކި ތަކުގެ އަލީގައި ބަޔާންކޮށްދިނުމެވެ. ނަމަވެސް މި ދެ ބޭފުޅުންނާއި ބެހޭގޮތުން މިހާތަނަށް މާބޮޑު ދިރާސާތަކެއް ކުރެވިފައި ނެތުމުގެ ސަބަބުން މަޒުމޫނަށް ބޭނުންވާނެ މައުލޫމާތު ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
އެހެންނަމަވެސް ދިވެހި ތާރީޚީ ބައެއް ބޭބޭފުޅުންނާއި ބޭރުގެ ބައެއް ފަރާތްތަކުން ލިޔުއްވާފައިވާ ލިޔުއްވުންތަކުންނާއި ދިވެހި ފަތްފުށްތަކުން ލިބުނު މަޢުލޫމާތުގެ އަލީގައި ކުރެވުނު މިދިރާސާ އަކީ ކުރިމަގުގައި މި ދިވެހި ޤައުމަށް ލިބިގެންދާނެ އަގުހުރި ހަދިޔާއެއްކަމާއިމެދު އެއްވެސް ޝައްކެތްނެތެވެ.
ރިފަރެންސް
ޙުސައިން ޞަލާހުއްދީން. (1940 މ.). އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޡަމް ސިރީ ސަވާދިއްތަ މަހާރަދުން. ޗާޕްކުރީ؛ 1998މ. ނޮވެލްޓީ ޕްރެސް
ޙަސަން އަހުމަދު މަނިކު. (1979). ދިވެހި ތާރީޚުގެ ޝަޚުސިއްޔަތެއް ކަމަށްވާ… ކަނބާޢާއިސާ، ފަތްތޫރަ 9. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
އަލްހާއްޖަ އިބްރާހީނުލް އިސްމާއިލް ފީބޯ. (1377ހ).ބޮޑުތަކުރުފާނު ވާހަކަ. ބުރާރަމުޙައްމަދުފުޅު ކިޔާގޮތަށް. ދެވަނަ ޗާޕް. މާލެ: ސަޢާދާ ޗާޕް ހާނާ:
އެެޗް.ސީ.ޕީ ބެލް.(1940މ). ދަ މޯލްޑިވް އައިލެންޑަސް. މޮނޮގްރާފް އޮން ދަ ހިސްޓްރީ އާކިއޮލޮޖީ އެންޑް އެޕިގްރަފީ. ސިލޯން ގަވަރމަންޓް ޕްރެސް. ކޮލޮމްބޯ. : 1985މ ގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އަލުން ޗާޕްކުރައްވާފައި.
މުޙައްމަދު އިބުރާހީމް ލުޠުފީ. (1994). ރާއްޖޭގައި ރަސްކަންކުރެއްވި ޢާއިލާތަކާއި ރަސްރަސްކަލުން، ފަތްތޫރަ 108. (9) ޞ. 6-8.
މުޙައްމަދު އަމީން. (1949). ތަންޤީހު ކުރެވުނު ތާރީޚްގެ ތަންތަންކޮޅު. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު އިބުރާހީމް ލުޠުފީ. (2006). އުތީމު ދަރިކޮޅުގެ ރަސްކަން، މަލަސް84. މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1999، ޖުލައި 15). ދިވެހިންނާއި ޕޯޗުގީޒުން1،2،3 . މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޤައުމީ ކުތުބުހާނާ. (2006، މާރޗް 30).ބޮޑުތަކުރުފާނު. މާލެ: ޤައުމީ ކުތުބުހާނާ.
ނިމުނީ.