މަލިކުގައި ނެތިގެއްލެމުންދާ ދިވެހި ބަސް (2)މުޙައްމަދު ނާޖިޙު
މަލިކުގައި މާދަރީ ބަސް ކިޔަވައި ދިނުން
1980 ގެ އަހަރުތަކުގެ ތެރޭގައި މަލިކުގައި މާދަރީ ބަސް ކިޔަވައި ދިނުމުގެ މުހިއްމުކަން އިންޑިޔާ ސަރުކާރަށް ވިސްނިގެން މަލިކުގައި ދިވެހި ބަސް ކިޔަވައިދޭން ގަސްދު ކުރުމަށްފަހު އެކަން މަލިކުގެ ކަމާއި ބެހޭ ފަރާތްތަކަށް އެންގިއެވެ.
އިންޑިޔާގައި އޭރު އޮތް ރަޖީވް ގާނދީގެ ސަރުކާރުން ބޭނުންވީ ދިވެހިރާއްޖޭގައި ދިވެހި ބަސް ކިޔަވައިދޭ ފޮތްތައް މަލިކަށް ގެންގޮސްގެން މަލިކުގައި ދިވެހި ބަސް ކިޔަވައިދޭށެވެ. ކޮންމެ އަކަސް އެދުވަސްވަރު ރަޖީވް ގާނދީގެ ސަރުކާރުން މިނިންމެވި ނިންމެވުމަކީ އޭރު އޮތް ދިވެހިރާއްޖޭގެ ސަރުކާރާއި އޮތް ގުޅުމެއްގެ ސަބަބުން ނިންމި ނިންމުމަކަށް ވެދާނެއެވެ.
ކޮންމެއަކަސް މިކަމަކީ އޭރު މަލިކުގެ މިކަންތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެއްގެ ހިތްޕުޅާއި ހަމަވާ ކަމެއްކަމަކަށް ނުވިއެވެ. އެބޭފުޅަކު ދެންނެވި ކަމަށްވަނީ ދިވެހިރާއްޖެއިން ފޮތް ގެނެސްގެން ދިވެހި ކިޔަވައި ދޭން ފަށައިފިއްޔާ މަލިކު މީހުން ދިވެހި ވެދާނޭކަމަށެވެ. މިއީ މަލިކުގެ ވަރަށް ދުވަސްވީ ތަޖުރިބާކާރަކު އަޅުގަނޑު ގާތުގައި ވިދާޅުވެދެއްވާފައިވާ ވާހަކައެކެވެ.
ދިވެހިރާއްޖެއިން ”ދިވެހި“ ފޮތް ގެނެސް ކިޔަވައިދިނުމުގެ ބަދަލުގައި މަލިކުގެ ކަމާއިބެހޭ ފަރާތްތަކުން ނިންމީ މަލިކުގައި ”މަހަލް“ ބަސް ކިޔަވައި ދިނުމަށް އަމިއްލައަށް ފޮތް ތައްޔާރު ކުރުމަށެވެ. ފޮތް ތައްޔާރު ކުރުމުގެ މަސައްކަތުގައި އިސްކޮށް ހުންނެވީ ދިވެހި ބަހުގެ ފުންނާބު އުސް އަދީބުންގެ ލިސްޓުގައި އަޅުގަނޑު އެބޭފުޅެއްގެ ނަން ހިމަނާލަން ބޭނުންވާ މަލިކު މައުގަސްދަށުގޯތި އަލްމަރްޙޫމް ޢަލީ އިސްމާޢީލެވެ.
ނުވަތަ މަޝްހޫރު ނަމުންނަމަ މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީއެވެ. އޭނާއަކީ އިންޑިޔާގެ ޢުމަރުއާބާދުން ކިޔަވައި ވިދާޅުވެގެން ހުންނެވި ޢިލްމުވެރިއެކެވެ. އަވަހާރަ ވާންދެން ހުންނެވީ މަލިކުގެ އިސްކަތީބު ކަމަށްވާ މާމިސްކިތު ކަތީބުކަމުގައެވެ. އަދި އޭނާއަކީ ދިވެހި ބަހުގެ އިތުރުން އިނގިރޭސި، ޢަރަބި، ހިންދީ، އުރުދޫ އަދި ހޮޅިބަސް ފަދަ އެތައް ބަހެއް ދެނެލެއްވި ބޭފުޅެކެވެ.
ޢަލީ އިސްމާޢީލްގެ ޤިޔާދަތުގެ ދަށުން ”މަގޭ ބަސް“ މިނަމުގައި ގުރޭޑު 1 އިން ފެށިގެން ގުރޭޑު 4 އަށް ކިޔައިވެދޭނެ ފޮތް ތައްޔާރު ކުރިއެވެ. އާދެ! މަޙަލްބަސް ރަސްމީކޮށް ވަކި ބަހެއްގެ ގޮތުގައި ބަދަލުވެގެން ދިޔުމުގެ ފެށުމަކީވެސް މިއީއެވެ. ޢާއްމު ދިވެހި ބަހުގެ ޤަވާޢިދުތައް އެއްފަރާތްކޮށް އަމިއްލަ ޤަވާޢިދުތަކެއް އެކުލަވާ ލެވުނެވެ. އަދި ތާނާގައި ހިމެނޭ ތިކިޖެހިތާނައިގެ އަކުރުތަކުގެ ބަދަލުގައި އައު ގޮތަކަށް ތިކިޖަހަން ފެށުނެވެ.
މިގޮތުން އުފެއްދި އެއްފޮތުގައި މަލިކު މީހުން ވާހަކަ ދައްކާ ބަހަކީ ބޭރުމީހުން މަހަލްއޭ ކިޔާ ދިވެހި ބަހޭ އޮތްކަމުގައިވިޔަސް މައިގަނޑު އޮތީ ދިވެހި ބަހާ ފެއަށް ދިޔުމެވެ. ”މަގޭ ބަސް“ މަހަލް 4 ވަނަ ފޮތުގެ ފަސްވަނަ ފަތްފުށުގައިވާ ލިޔުންކޮޅެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ.
”މަލިކު މީހުންގެ މައިދަރި ބަހަކީ މަހަލެވެ. މިޔަކީ އިންޑިޔާގެ އެއްތާކުވެސް މޮށިހަދައި އުޅޭ ބަހެއްނޫނެވެ. މަހަލަކީ އިންޑިޔާގެ ހުރި ޓްރަތްބަލް ބަސްތަކުގެ ތެރޭގައިވާ ބަހެކެވެ. މަރްކަޒީ ސަރުކާރުން މިބަސް ތަރައްކީ ކުރުމައިހުރެ ކިތަންމެ ފިޔަވަޅުތަކެއް އަޅަމުން އެބަ އައުދެއެވެ.“
މަލިކުގައި ވާހަކަ ދައްކަނީ ދިވެހިރާއްޖޭގެ މީހުން ވާހަކަ ދައްކާ ދިވެހި ބަހުންނޭ ލިޔެފައި އޮތް ނަމަ އެބަސް ކުރިއަރުވަން އިންޑިޔާ ސަރުކާރުން މަސައްތަކަތް ކުރެތެކޭ ލިޔާކަށް ނުޖެހުނީހެވެ. އެހެނީ ދިވެހި ބަހަކީ ދިވެހިރާއްޖޭގެ ގައުމީ ބަސްކަމަށްވެފައި މަލިކު ފިޔަވައި އެއްތާކުވެސް އެބަހުން މޮށެ ނަހަދާތީ އެބަސް ކުރިއެރުވުން އެންމެ އައުލާކަން ބޮޑީ ދިވެހިރާއްޖެއަށެވެ.
ކަން ހިނގާ މަގަކީވެސް އެއީއެވެ. އެހެންނަމަވެސް މަލިކު ދަރިންނަށް އަންގައިދޭން ބޭނުންވެފައި މިވަނީ މަލިކުގައި ވާހަކަ ދައްކަނީ އިންޑިޔާގެ ޤަބީލީ (ޓްރައިބަލް) ބަސްތަކުގެ ތެރޭގައި ހިމެނޭ މަހަލް ބަހުންކަމާއި، އިންޑިޔާ ސަރުކާރުން މަހަލް ބަސް ކުރި އަރުވަން މަސައްކަތްތަކެއް ކުރާ ކަމެވެ. މަހަލް ބަހަކާ ދިވެހިރާއްޖެއަކާ ވާހަކަމެއް ނެތެވެ.
މިކަމުގެ ކުޑަކުޑަ މިސާލެއް އަޅުގަނޑާއި މިދާކަށް ދުވަހަކު ދިމާވި ހާދިސާއަކުން ދަންނަވާލާނަމެވެ. ފޭސްބުކުން މަލިކު ޒުވާނަކާ މޮށެމުން ގޮސް އަހަރެމެން ވާހަކަ ދައްކަނީ އެއްބަހަކުން ނޫންހޭ އޭނާ ގާތުބުނުމުން، އޭނާ އެކަމާ ދެކޮޅު ހެދިއެވެ. އޭނާ ބުނީ ތިމަންމެން ވާހަކަ ދައްކަނީ ދިވެހި ބަހާއި ވަރަށް އެއްގޮތްކަމެއް ހުންނަ މަހަލް ބަހުން ކަމަށެވެ. އަޅުގަނޑު ވަރަށް މަސައްކަތުން ހަގީގަތަކީ ކޮބައިކަން އޭނާއަށް ހާމަކުރުމުން އެންމެ ފަހުން އެއީ ދިވެހި ބަސްކަމަށް ގަބޫލުކުރިއެވެ.
މަލިކުގެ ސަރުކާރު އިސްކޯލުތަކުގައި މިއަދާ ހަމައަށްވެސް ގުރޭޑު 4 އާއި ހަމައަށް އެމީހުން އެކިޔާ މަހަލް ބަސް ކިޔަވައި ދިނުމަށްޓަކައި ބޭނުން ކުރަމުން އަންނަނީ މިދެންނެވި ”މަގޭ ބަސް- މަހަލް ބާހރަތީ ސިލްސިލާ“ ގެ 4 ފޮތެވެ. ބަހުގެ ހަމައާއި ޤަވާޢިދުގެ ގޮތުން ވަރަށް ފެންވަރު ދަށް ފޮތްތަކެކެވެ. އަދި ގުރޭޑު 4 އާއި ހަމައަށް މިދެންނެވި ފޮތްބައިން ކިޔެވުމަށްފަހު މަހަލް ބަސް ކިޔެވުން ނިމުނީއެވެ.
ދެން އޮންނާނީ ހިންދީ މީޑިއަމަށާއި ހޮޅި މީޑިއަމަށް ކިޔެވުމެވެ. މަލިކުގައި ހުންނަ އިންޑިޔާ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ހިންގާ ބޯޑިން އިސްކޯލު ކަމަށްވާ ޖަވާހަރް ނަވޯދަޔާ ވިދްޔާލަޔާގައި މަހަލް ބަސް އެއްގޮތަކަށްވެސް ކިޔަވައި ނުދެއެވެ. އެއިސްކޯލުން ކިޔަވައިގެން ތިބޭ ގިނަ ކުދީންނަށް ތާނައަކުރުން ލިޔެކިޔެ ހަދާކަށްވެސް ނޭނގެއެވެ.
އަދި ގުރޭޑު 4 އާއި ހަމައަށް ކިޔަވައިދޭ އިސްކޯލުތައް ނިންމާ ކުދީންނަށް ތާނައިން ގަވައިދާއި އެއްގޮތަށް އަކުރެއް އަޅާލުން ވަނީ ބޮޑުކަމަކަށެވެ. އޭގެތެރެއިން ބައެއް މީހުން ގަންނުވާ ތާނައިން ލިޔުއްވައި، އަޅުގަނޑު މިކަން ތަޖުރިބާކޮށް ބެލީމެވެ. އަޅުގަނޑު މިލިޔާ ފޮންޓުން އޭގެ ދުރު މިސާލުތަކެއް ދައްކާލާނަމެވެ. ”ފައްތިމަ“ މިއީ ފާތިމާ އަޅާލި ގޮތެވެ. ”ރައްސީދު“ މިއީ ރަޝީދު އަޅާލި ގޮތެވެ.
މީގެ އަސުލު ސިފާގައި ފެނިވަޑައިގަންނަވާނީ އެމީހުންގެ އަތުފޮންޓުންނެވެ. މިމިސާލު އަޅުގަނޑު މިގެނައީ އެއްގޮތަކަށްވެސް ބަޔަކަށް މަލާމާތްކޮށް ކުޑައިމީސް ބަހެއް ރައްދު ކުރުމުގެ ނިޔަތުގައެއް ނޫނެވެ.
މަލިކުގައި މިދެންނެވި 4 ފޮތް ބޭނުންކޮށްގެން މަހަލް ބަސް ކިޔަވައި ދިނުމަށްޓަކައި މުދައްރިސުން ތަމްރީނު ކުރެވޭނެ ވަސީލަތެއްވެސް، އަދި މައުލަވީ ޢަލީ އިސްމާޢީލް ފިޔަވައި އެފަދަ ފަރާތެއްވެސް މަލިކުގައި ނެތްކަމީ އެދުވަސްވަރު އިންޑިޔާ ސަރުކާރުން މިފަދަ ކޯހެއް ހިންގުމަށްޓަކައި ދިވެހި ސަރުކާރުގެ އެހީތެރިކަން ހޯދަން މަޖުބޫރުވީ ކަމެއްކަމުގައިވިއެވެ.
އެހެންކަމުން 1991 ގެ ތެރޭގައި މަލިކު 4 ބޭފުޅަކަށް ދިވެހި ބަހުގެ ކޯހެއް މާލެގައި ހިންގުނެވެ. އަދި އަދަށް ދާން ދެންވެސް މަލިކުގެ ބައެއް އިސްކޯލުތަކުގައި ގުރޭޑު 4 އާއި ހަމައަށް މަހަލް ބަސް ކިޔަވައި ދެއްވަމުން އެގެންދަވަނީ މިދެންނެވި ކުރު ކޯސް ފުރިހަމަ ކުރެއްވި ބޭފުޅުންނެވެ. މިއަދާ ހަމައަށް އެފަދަ އިތުރު ކޯހެއް ހިންގިފައި ނުވެއެވެ.
މަލިކުގައި ދިވެހި ބަސް ކުރިއެރުވުމަށް ކުރާ މަސައްކަތް
މަލިކުގައި ދިވެހި ބަސް އާލާކޮށް ދިރުވުމަށްޓަކައި މަސައްކަތްކުރާ މާގިނަ ފަރާތްތަކެއް ނެތޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. މަލިކު މީހުންގެ ހަގީގީ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަސް ކުރިއެރުވުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެއްފަރާތަކީ މަލިކު މުރައިދުގަނޑު ޑރ.ޢަބްދުލް މުނީރެވެ. ޑރ.މުނީރަކީ މެޑިކަލް ޑޮކްޓަރެކެވެ.
އޭނާ ދިވެހި ބަހަށާއި، މަލިކުގެ އަމިއްލަވަންތަކަމަށް ޝައުގު އުފެދުނީ ދިވެހިރާއްޖޭގައި މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ހޭދަ ކުރައްވާފައިވާ ދެތިން އަހަރުގެ ތެރޭގައެވެ. މިޝައުގާއިއެކު އޭނާ މަލިކަށް ވަޑައިގެން މަލިކުގައި ދިވެހި ބަސް ދިރުވައި ކުރިއެރުވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެކި ހަރުފަތްތަކަށް ބައްސަވައިލައްވައިގެންނެވެ.
ފުރަތަމަ ކަމަކަށް މަލިކުގެ ތަފާތު މަގުތަކަށާއި ސަރަހައްދުތަކަށް ކިޔާ އަސުލު ނަންތައް މުސްކުޅިގެން ގާތުން އައްސަވައިގެން ހޯއްދެވިއެވެ. އަދި ނަންބޯޑުތައް ހައްދަވައި ހަރުކުރައްވަން ފެއްޓެވިއެވެ. ފުރަތަމަ ދުވަސްކޮޅު ތަފާތު ސިޔާސީ ކުލަތައް ޖެހިފައި ތިބި މަލިކު މީހުންގެ ދެކޮޅުވެރިކަމާއި ކުރިމަތި ލާންޖެހުނެވެ. އެހެންނަމަވެސް ޑރ.މުނީރު އޭނާގެ ހިއްވަރު ދެރަނުކުރައްވައި އިހުނަށްވުރެ ވަރުގަދައަށް މަސައްކަތްކުރައްވައި އޭނާގެ އެމަސައްކަތަށް މަލިކުގެ ގިނަ މީހުންގެ ހިތް ރުއްސައިފިއެވެ.
މީގެ އިތުރުން ތަފާތު އެކި ހަރަކާތްތަކަށްފަހު ޑރ. މުނީރު މަލިކުގައި އެއުރެންގެ މާދަރީބަސް ކުރިއެރުއްވުމުގެ މަގުސަދުގައި އިސްކޯލެއް ހުޅުއްވިއެވެ. އެތަނަށް ބޭނުންވާ މުދައްރިސުން ބިނާ ކުރައްވާނެ ގޮތެއް ހޯއްދެވުމަށްޓަކައި 2010 ވަނަ އަހަރު ދިވެހިރާއްޖެއަށް ވަޑައިގެން އޭރުގެ އެޑިއުކޭޝަން މިނިސްޓަރާއި ތަފާތު އެކި މުއައްސަސާތަކުގެ ވެރީންނާއި ބައްދަލުކުރައްވައި ކޮއްޓެވެން ހުރި ހުރިހާ މަގެއް ކޮއްޓެވިއެވެ.
ޑރ.މުނީރުގެ މިމަސައްކަތަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ރެކްޓަރ ޑރ.ޙަސަން ޙަމީދާއި ބައްދަލު ކުރެއްވި ހިސާބުންނެވެ. މިބައްދަލު ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އުފެދި އެޔުނިވަރސިޓީން އެންމެ ފުރަތަމަ އިޢުލާނު ކުރި ސްކޮލަރޝިޕްކަމުގައިވީ މަލިކު 3 މީހަކަށް ދިވެހި ބަހުގެ ޑިގްރީ ކޯހުގައި ބައިވެރިވުމަށް އިޢުލާނު ކުރެވުނު ސްކޮލަރޝިޕްއެވެ.
އެހެންނަމަވެސް މީގެ ތެރެއަށް ނޭނގޭ ނުފޫޒުތަކެއް ވަދެގެން މިއަދާ ހަމައަށްވެސް އެކަންވަނީ ޢަމަލީ ކަމަކަށް ނުވެފައެވެ. އެހެންނަމަވެސް ޑރ.މުނީރު އޭނާގެ މަސައްކަތް ހުއްޓަވައި ނުލައްވައި އަދިވެސް ކުރިއަށް ގެންދަވާކަމީ މަލިކުން އެވެމުންދާ ދިވެހި ބަހަށް، އަލުން އާލާވުމަށް ލިބޭ ހިއްވަރެކެވެ. ޑރ.މުނީރުގެ މާލެއަށް ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރާއި ކަމާއިބެހޭ މުއައްސަސާތަކުގެ ބޭބޭފުޅުންނާއި ބައްދަލުކޮށް ހެއްދެވި އިރު އެކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ވަނީ ލިބިފައެވެ.
ޑރ.މުނީރުގެ މިމަސައްކަތަށް އެންމެ ފަހުން އިތުރުވެގެން ދިޔަ ބޮޅަކީ ދިވެހިރާއްޖޭގެ އަމިއްލަ އިންސްޓިޓިއުޓަކާއި ގުޅިގެން ޑރ. މުނީރު ހިންގަވާ ޕީސް އިސްކޯލުގެ 6 މުދައްރިސަކަށް 1 މަސް ދުވަހުގެ ކުރު ކޯހެއް ހިންގުމުގެ މަސައްކަތެވެ. 2016 އޮކްޓޯބަރު މަހު ހިންގަން ރޭވުނު މި ކޯސް، ފަންޑު ހަމަ ނުވުމުގެ ސަބަބުން މިއަދާ ހަމައަށްވެސް ވަނީ ކުރިއަށް ނުގެންދެވިފައެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިކަމަކީ ދިވެހި ކޮންމެ ރައްޔިތަކުންވެސް އެހީތެރިވާންޖެހޭ މުހިއްމު މަސައްކަތެކެވެ.
މަލިކުގައި ދިވެހި ބަސް ކުރިއަރުވައި އާލާކުރެއްވުމަށްޓަކައި މަސައްކަތްކުރައްވާ އެހެން ބައެއް ބޭބޭފުޅުން މަލިކަށް ދިވެހިރާއްޖެއިން ދިވެހި މުދައްރިސަކު ގެންގޮސްގެން ކިޔަވައިދެވޭނެ ގޮތް ހަމަޖެއްސޭތޯވެސް މަސައްކަތްކުރެއްވިކަމަށް އަޅުގަނޑަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މިހާތަނަށް އެކަމަށް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މަލިކުގައި ދިވެހިބަސް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ވާހަކަ ލިޔެވޭ އިރު މަލިކުގައި އަމިއްލަ ހައިސިއްޔަތުން އެކަންކުރައްވާ އެހެން ބައެއް ބޭފުޅުންގެ ނަންތައްވެސް މިތަނުގައި ހިއްސާކޮށްލާނަމެވެ. މިގޮތުން މަލިކު ކޮޅުގެގޭ މުޙައްމަދު (ކޭޖީ) އާއި ފެންގެންނަގޯތި މުޙައްމަދު (އެފްޖީ) އާއި ނައިބުގޭ އިބްރާހީމް މަނިކުފާނުގެ ނަން ޚާއްޞަކޮށް ފާހަގަކޮށްލާނަމެވެ.
ނިންމުން
މަލިކު މީހުންގެ މައިދަރި ބަސް ކުރި އަރުވައި އާލާ ކުރެވޭނީ ވަކި ބަހެއްގެ ގޮތުގައި ވަކިވެނުގަނެ، ދިވެހި ބަހުގެ ގޮތުގައި އޮވެގެންނެވެ. ސަބަބީ މަލިކު ބަހަކީ އިންޑިއާގެ އެންމެ ބާރަވަރަކަށް ހާސްމީހުން މޮށެއުޅޭ ބަހެކެވެ. ދިވެހި ބަހަކީ ދިވެހިރާއްޖޭގެ ރަސްމީ ބަހުގެ އިތުރުން ތިން ލައްކައަށްވުރެ ގިނަ މީހުން މޮށޭ ބަހެކެވެ.
އެހެންކަމުން މަލިކު ބަސް ކުރިއެރުވޭނީ ދިވެހިރާއްޖެއާއި މަލިކާއި ދެމެދު އޮތް ބަހަވީ ގުޅުން ކަނޑާނުލައި ކުރިއަށް ގެންގޮސްގެންނެވެ. މަލިކު މީހުންވެސް ތިމަންމެންނީ ދިވެހި ނަސްލުގެ ދިވެހީންކަމުގައި ދެކިގެންނެވެ. އިންޑިޔާއާއި، ލަންކާއާއި، މެލޭޝިޔާ ފަދަ ގައުމުތަކުގައިވެސް ތަމަޅަ ނަސްލުގެ މީހުން އުޅޭފަދައިން އަދި ދުނިޔޭގެ އެކި ގައުމުތައް އެއްނަސްލުތަކެއް ޙިއްސާ ކުރަމުން ދާއިރު، މަލިކު މީހުން ތިމަންމެންނީ ދިވެހިންނޭ ބުނުމަކުން ދިވެހިރާއްޖޭގެ ތަނަކަށް ނުވާނެއެވެ. ހަމަވާނީ އިންޑިޔާގެ ދިވެހީންނަށެވެ. އަދި އެއީ ވަކިވެގަތުމެއްވެސް ނޫނެވެ. މަލިކު މީހުންގެ އަމިއްލަ ”އައިޑެންޓިޓީ“ ދެމެހެއްޓުމެވެ.
ހަވާލާދެވުނު ލިޔުންތައް:
ޑރ.ޢަބްދުލްމުނީރު (2003). މަހަލްބަހަކީ ކޮންބަހެއްބާ؟ ފަތްތޫރަ،301
ޢަލީ އިސްމާޢީލް ޢުމަރީ (1986). މަލިކު. މަގޭބަސް – މަހަލް ބާހރަތީ ސިލްސިލާ – ހަތަރެއް، ޞ5
Dr.Ellen Kattner, (date unknown), The Social Structure of Maliku (Minicoy), International Institute for Asian Studies Newsletter, Leiden, the Netherlands.
ނިމުނީ.