![auooz](/wp-content/uploads/2016/09/auooz.jpg)
އަޢޫޛު (الاستعاذة) 1ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް
އަލްއިސްތިޢާޛާ
ޢަރަބި ބަހުގައި އިސްތިޢާޛާގެ މާނައަކީ ގޯސް ކަމަކުން ދުރުހެލިވެ ގަތުމެވެ.
އިޞްޠިލާޙީ މާނައަކީ: ގެއްލުން ދެނިވި ކޮންމެ އެއްޗަކުންނާއި ކަމަކުން, ރައްކާތެރިކޮށްދެއްވުން އެދި, ﷲގެ ޙަޟްރަތައް ދުޢާކޮށް ދެންނެވުމެވެ.
ގުރްއާން ކިޔަވަން ފަށާއިރު އިސްތިޢާޛާ ކުރުމުގެ ޙުކުމް:
އިސްތިޢާޛާ އަކީ ގުރްއާނުގެ ބައެއް ނޫން ކަމަށާއި، ނަމަވެސް ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔަން ޖެހޭނެ ކަމަށް ޢީލްމުވެރިން އިއްތިފާގުވެލައްވައެވެ. ސަބަބަކީ ގުރްއާން ކިޔެވުމަކީ ﷲ އަށް ކުއްތަން ވުމުގެ ގޮތުން ކުރެވޭ އެންމެ މަތިވެރި އެއްކަންތައް ކަމަށްވީތީވެއެވެ. އަދި އެކަމުން މީސްތަކުން ދުރުހެލި ކުރުވުމަށް ޝާއިޠާނާ ގަދައަޅާ މަސައްކަތް ކުރާނެތީވެއެވެ.
ޖުމްހޫރު ފިގްހުވެރިންގެ ރައުޔުގައި ގުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛޫ ކިޔުމަކީ ސުންނަތެކެވެ. ނަމަވެސް ޢަޠާ އާއި ޘައުރީގެ ރައުޔަކީ އެއީ ވާޖިބެއް ކަމަށެވެ. އެބޭފުޅުންގެ ދަލީލަކީ ސޫރަތުއް ނަޙްލުގެ 98 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ ބޭރުފުށުގެ މާނައެވެ. (فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ ﴿٩٨﴾ ) މާނައަކީ: ”ފަހެ، ކަލޭގެފާނު قرآن ކިޔަވައި ވިދާޅުވާނަމަ، ފަހެ، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގުރްއާން ކިޔަވަން ފައްޓަވާނަމަ އަޢޫޛު ވިދާޅުވާތީވެއެވެ. މީގެ އިތުރުން އެއީ ޝައިޠާނީ ވަސްވާސްތައް ދުރުކޮށްދޭ ކަމަކަށްވާތީވެއެވެ. އެކަމަކާއި ލައިގެން މެނުވީ ވާޖިބު ކަމެއް އަދާ ނުކުރެވޭ ކޮންމެ ކަމަކީ ވާޖިބެކެވެ.
ގުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަކީ ސުންނަތެއް ކަމުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ބަސްފުޅުގެ ދަލީލަކީ ސަލަފުންގެ ބޭފުޅުން އެއީ ސުންނަތެއް ކަމަށް އިޖްމާޢުވެލައްވާފައި ވުމެވެ.“ (އަލްމައުސޫޢަތުލް ފިގްހިއްޔާ 4/6.)
އެހެންކަމުން ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް ގުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ސުންނަތެކެވެ. އެހެންކަމުން، ގުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ނުކީ ކަމުގައިވީނަމަވެސް އެމީހަކު ފާފަވެރި އެއް ނުވާނެއެވެ. ނަމަވެސް، މޮޅު އިތުރު ގޮތް ދޫކޮށްލެވުނީއެވެ.
ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އަޢޫޛު ކިޔަން ޖެހޭނެތޯ ނުވަތަ ނޫންތޯ؟
މި މައްސަލާގައި ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައި ވެއެވެ. މި މައްސަލާގައި ރާޖިޙް ގޮތަކީ ފުރަތަމަ ރަކްޢަތުގައި އަޢޫޛު ކިޔުމުން އެހެން ހުރިހާ ރަކްޢަތަކަށް ފުދޭކަމަށެވެ.
އިސްތިޢާޛާގެ ޙާލަތްތައް:
އިސްތިޢާޛާގެ ޙާލަތްތައް ތިރީގައި މިވަނީއެވެ.
ބާރަށް ކިޔުން. އިސްތިޢާޛާ ބާރަށް ކިޔަން ޖެހެނީ ދެޙާލަތެއްގައެވެ.
ފުރަތަމަ: ކިޔަވާ މީހާ ކިޔަވަނީ ބާރަށް ކަމަށް ވެފައި، އޭނާގެ ކިޔެވުމުގެ އަޑު އަހަން ބަޔަކު ތިބިނަމަ.
ދެވަނަ: މީސްތަކުންނަށް އުނގަންނައިދޭ އިރު، ކިޔަވަން ފަށާ މީހާ.
ސިއްރުން ކިޔުން. އިސްތިޢާޛާ ސިއްރުން ކިޔާ ހަތަރު ތަނެއް ވެއެވެ. އެއީ:
ފުރަތަމަ: ސިއްރިއްޔަ ނަމާދެއް ނަމަވެސް އަދި ޖަހްރިއްޔަ ނަމާދެއް ނަމަވެސް އިސްތިޢާޛާ ކިޔާނީ ސިއްރުންނެވެ.
ދެވަނަ: ސިއްރުން ގުރްއާން ކިޔަވާނަމަ.
ތިންވަނަ: ޖަމާޢަތެއްގައި ކިޔަވާ އިރު ކިޔަވަން ފަށާ މީހާ އަކީ އޭނާ ނޫން ކަމަށް ވަނީނަމަ
ހަތަރުވަނަ: އެކަނި ހުރި ގުރްއާން ކިޔަވާނަމަ.
ބަސްމަލާ އާއި އެކުގައި އިސްތިޢާޛާ ކިޔޭ ގޮތްތައް:
ތައުބާ ސޫރަތް ފިޔަވާ އެހެން ސޫރަތްތައް ފެށުމުގައި އަޢޫޛު އާއި ބިސްމި ކިޔުމުގައި ހަތަރު ގޮތެއް ވެއެވެ.
- ހުރިހާ އެއްޗެއް ވަކި ކޮށްގެން ކިޔުން. (އަޢޫޛު ވަކިން. ބިސްމި ވަކިން. އަދި ސޫރަތް ފެށުން.)
- ފުރަތަމަ ބައި ވަކި ކޮށްފައި ދެވަނަ ބަޔާއި ތިންވަނަ ބައި ގުޅުވައިގެން ކިޔުން. (އަޢޫޛު ކިޔާފައި ހުއްޓާފައި. ބިސްމި އާއި ސޫރަތުގެ ފުރަތަމަ އާޔަތް އެއްނޭވާ އިން ގުޅުވައިގެން ކިޔެވުން.)
- ފުރަތަމަ ދެބައި ގުޅުވާފައި ތިންވަނަ ބައި ވަކިން ކިޔުން. (އަޢޫޛު އާއި ބިސްމި ގުޅުވައިގެން އެއް ނޭވާ އިން ކިޔާފައި ހުއްޓާފައި، ސޫރަތުގެ ފުރަތަމަ އާޔަތް ކިޔެވުން.)
- ހުރިހާ ތަނެއް ގުޅުވައިގެން ކިޔެވުން. (އަޢޫޛު އާއި ބިސްމި އަދި ސޫރަތުގެ ފުރަތަމަ އާޔަތް އެއް ނޭވާ އިން ގުޅުވައިގެން ކިޔެވުން.)
ތައުބާ ސޫރަތް ފިޔަވާ އެހެން ކޮންމެ ސޫރަތެއް ފެށުމުގެ ކުރިންވެސް މިގޮތަށް ކިޔެވިދާނެއެވެ. ތައުބާ ސޫރަތުގެ ފެށޭތަނުގައި ބިސްމި ނޯންނާތީވެ އެސޫރަތް މިގޮތަށް ނުކިޔެވޭނެއެވެ.
ދެ ސޫރަތް ދެމެދުގައި އަޢޫޛު ކިޔާކަށްވެސް ނުޖެހޭނެއެވެ. ދެ ސޫރަތް ދެމެދުގައި ކިޔަވާނީ ބިސްމި އެވެ. ނަމަވެސް އަންފާލު ސޫރަތާއި ތައުބާ ސޫރަތާއި ދެމެދުގައި ބިސްމި އެއް ނޯންނާނެއެވެ.
ނުނިމޭ…..