
ފީފާ ވޯލްޑްކަޕް 2018: ބެލްޖިއަމް – ޓިއުނީސިއާ
ގްރޫޕް ޖީގައި މިއަދު ހަވީރު ބެލްޖިއަމް ޓިއުނީސިއާ ބައްދަލުކުރާ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެގެންދާނެއެވެ. ބެލްޖިއަމް ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕެނަމާއާ ވާދަކޮށް 0-3 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ. އެއާ ޚިލާފަށް ޓިއުނީސިއާ މިއަދުގެ މެޗުން ބަލިވެއްޖެނަމަ މިފަހަރުގެ މި މުބާރާތުން އެޓީމު އަލްވަދާއުކިޔަން ޖެހޭނެއެވެ. ޓިއުނީސިއާ ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލޭންޑް އަތުން 0-1 އިން ބަލިވެފައެވެ. އެހެން ކަމުން ޓިއުނީސިއާއަށް މި މެޗުން މޮޅުވުން މަޖުބޫރެވެ.
ޓިއުނީސިއާ
މިއަދުގެ މެޗަށް ނިކުންނައިރު ޓިއުނީސިއާގެ ޓީމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން މިއަދުގެ މެޗަށް ނިކުންނައިރު ފުރަތަމަ 11 ގައި ހިމަނާފައިވަނީ އެޓީމުގެ ބަދަލު ގޯލް ކީޕަރު ފާރޫޤް ބިން މުސްތަފާއެވެ. މުސްތަފާ ފުރަތަމަ އެގާރައަށް ހަމަޖެއްސީ ޓިއުނީސިއާގެ އެއްނަމްބަރ ގޯލް ކީޕަރު މުއީޒް ހަސަންގެ ކޮނޑުހުޅަށް ލިބުނު އަނިޔާއިން މުޅިން ރަނގަޅުނުވާތީއެވެ. އޭނާގެ ކޮނޑަށް އަނިޔާވެފައިވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މީގެ އިތުރުން ޓިއުނީސިއާގެ ޓީމަށް ބަދަލެއް އަތުވެވެދާނެ ކަމަކަށް ނުބެލެވެއެވެ. އެހެން ނަމަވެސް އެޓީމުގެ ޑިފެންޑަރ އޮސާމާ ހައްދާދީ ގެ ބަދަލު އެ މަގާމަށް އަލީ މަލޫލް އަހަޖެއްސުމަކީ އެކަށީގެންވާކަމެވެ.
މިއަދުގެ މެޗަށް ނިކުންނާނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން
ބެން މުސްތަފާ، ހައްދާދީ، ސިޔާމް ބިން ޔޫސުފް، ބްރޮން، މޭރިއަ، ސަހީރީ، ސައްސީ، ބަދުރީ، ޚަޒްރީ، ފަޚްރެއްދިން ބިން ޔޫސުފް، ސްލިޓީ.
ބެލްޖިއަމް
ވިސެންޓޭ ކޮމްޕާނީ އަދި ވާމެލޮން މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިން ނުފެނުން ގާތެވެ. މި ދެކުޅުންތެރިންގެ ބަދަލުގައި ސެލްޓިކްގެ ޑިފެންޑަރ ޑެޑްރިކް ބޮޔޯޓާ އަދި ޓޮބީ އެލްޑަރވީލްޑް ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން އިތުރު ބަދަލެއް މިއަދުގެ މެޗުގައި ފެނިގެން ނުދާނެ ކަމަށް އެޓީމު ކޯޗު މާޓިނޭޒް ވަނީ ބުނެފައެވެ. ޖުމްލަ ކޮށް ޓިއުނީސިއާ އާ ދެކޮޅަށް ބެލްޖިއަމްއިން މިއަދު ނިމުންނަ ޓީމުގައި ހިމެނޭނި ޕެނަމާއާ ދެކޮޅަށްވެސް ކުޅުނު ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ.
މިއަދުގެ މެޗަށް ނިކުންނާނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން
ގޯލްކީޕަރު ކޯޓުއާ، ވާޓޮންޖެން، ބޮޔާޓާ، އެލްޑަވީލްޑް، ކަރަސްކޯ، ވިޓްސެލް، ޑި ބްރައިނާ، މުނީރް، ހަޒާޑް، މާޓެންސް، ލުކާކޫ.
ދެޓީމުގެ ބައްދަލުކުރުންތަށް
މި ދެޓީމުވަނީ 2002 ވަނަ އަހަރު ކޮރެއާ އަދި ޖަޕާނުގައި ބޭއްވުނު ފީފާ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުގައިވެސް ވާދަކޮށްފައެވެ. އެމެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެގެން ނިމުނުއިރު، 2014 ވަނަ އަހަރު މި ދެޓީމު ވަނީ އެކުވެރިކަމުގެ މެޗެއްގައި ވެސް ބައްދަލުކޮށްފައެވެ. އެމެޗު 0-1 އިން މޮޅުވެފައިވަނީ ބެލްޖިއަމްއެވެ. އެހެން ނަމަވެސް 1992 ވަނަ އަހަރު މި ދެޓީމު ބައްދަލުކުރި އެކުވެރިކަމުގެ މެޗުން 1-2 އިން މޮޅުވެފައިވަނީ ޓިއުނީސިއާއެވެ.