
ރަޝިޔާ ބަލިކޮށް ގްރޫޕްގެ އެއްވަނަ އުރުގުއޭ އަށް
މުބާރާތް ބާއްވާ ގައުމު ރަޝިއާ ބަލިކޮށް އުރުގުއޭއިން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަބުރު ކަށަވަރުކޮށްފިއެވެ.
އުރުގުއޭ ގްރޫޕްގެ އެއްވަނަ ހޯދާފައިވަނީ މިރޭ ރަޝިއާ 0-3 ގެ ނަތީޖާއިން ބަލިކުރުމަށްފަހުގައެވެ.
އުރުގުއޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އުރުގުއޭގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނަގައިދިނީ މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ލުއިސް ސުއަރޭޒްއެވެ. އުރުގުއޭގެ ދެވަނަ ލަނޑަކީ މެޗުގެ 23 ވަނަ މިނެޓުގައި ރަޝިއާގެ ޗެރިސޭފް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
އުރުގުއޭ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. މި މޮޅާއެކު އުރުގުއޭ އަށް ގްރޫޕް އޭގެ އެއްވަނަ މަގާމު ލިބުނުއިރު، އެޓީމުން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާ ހޯދާފައެވެ.
މި ގްރުޕްގައި ހިމެނޭ މިސްރު އަދި ސައޫދީ އަރަބިއާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-2 ގެ ނަތީޖާއަކުން ސައޫދީ މޮޅުވެގެންނެވެ. ސައޫދީން މި މެޗު ކާމިޔާބުކުރުމާއި އެކު އެޓީމަށް 3 ޕޮއިންޓާއި އެކު ގްރޫޕްގެ ތިންވަނަ ލިބިގެންދާނެއެވެ.
އެހެންނަމަވެސް މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު އެޓީމަށް ވަނީ ގެއްލިފައެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް މިސްރުއެވެ.