
ވޯލްޑްކަޕް 2018: އާޖެންޓީނާ އަދި ފްރާންސްގެ ކުރިމަތިލުން
މިހާރު ރަޝިއާގައި ކުރިޔަށްދާ ފީފަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ކުރިމަތިލުންތަށް މިރޭ ފެށިގެންދާއިރު، މި ކުރިމަތިލުންތަށް ފެށިގެންދާނީ ދެކުނު އެމެރިކާގެ ވަރުގަދަ ބާރު މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ އާޖެންޓީނާ އަދި ގިނަ ތަރިންތަކެއްގެ މައްޗަށް އެކުލެވޭ ޔޫރަޕުގެ ފުޓްބޯލައިގެ ވަރުގަދަ ބާރެއް ކަމުގައިވާ ފްރާންސްގެ ކުރިމަތިލުމުންނެވެ.
މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާނެކަމަށް ގިނަބަޔަކަށް ބެލެވުނު، އަދި ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރުވެސް ކެނޑިފައިވާ އާޖެންޓީނާ އަށް ދެވެނަ ބުރުން ފުރުޞަތު ލިބުނީ ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ވަރުގަދަ ނައިޖީރިއާ 1-2 ގެ ނަތީޖާއިން ބަލިކޮށް ކްރޮއޭޝިއާ އަތުން އައިސްލޭންޑް 1-2 ގެ ނަތީޖާއިން ބަލިވުމުންނެވެ. އާޖެންޓީނާ ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުން 4 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
އެހެން ނަމަވެސް މިޔާ ޚިލާފަށް ފްރާންސް ގަދަ 16 އަށް ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ފްރާންސް ރަނގަޅު ކުޅުމެއްދެއްކިއިރު، އާޖެންޓީނާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. އެހެން ނަމަވެސް މިރޭގެ މެޗު ތަފާތުވާނެ ކަމަށް ބެލެވެއެވެ. ކޮންމެ ގޮތެއްވިޔަސް މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް ލިބޭރުޞަތު ބިނާވެގެންވާނީ މިރޭގެ މެޗުގެ ނަތީޖާގެ މައްޗަށެވެ. އެހެން ކަމުން ެދޓީމުންވެސް ކުޅޭނީ މޮޅުވާށެވެ. އެގޮތުން މިރޭގެ މެޗަކީ ގިނަ ބަޔަކު ބަލާހިއްވާ ވަރުގަދަ ފޯރިގަދަ މެޗަކަށްވެގެންދާނެ ކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ.
މިރޭގެ މެޗަށް ނިކުންނަ އާޖެންޓީނާއަށް ބަލާއިރު،
އާޖެންޓީނާގެ ޓީމު މިރޭ ފްރާންސްއާ ދެކޮޅަށް ނިކުންނައިރު، އެޓީމުން ފެނިގެންދާނެކަމަށް ބެލެވެނީ އެންމެ ފަހުން ނައިޖީރިއާއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ހިމެނުނު ފުރަތަމަ 11 ކުޅުންތެރިންނެވެ. އާޖެންތީނާގެ ކޯޗު ޖޯޖް ސަމްޕައޯލީއާ ހަވާލާދީ ރިޕޯޓްތަށް ބުނާގޮތުން މިރޭގެ މެޗުގައި ކޮންމެވެސް ވަރެއްގެ ބަދަލެއް ފެނިގެންދިއުން ގާތެވެ. އެގޮތުން ކުރިޔަށް ކުޅޭ ގޮންޒާލޯ ހިގުއައިންގެ ބަދަލު ކްރިސްޓިއަން ޕަވޮން ފެނިގެން ހިނގައިދާނެއެވެ. އާޖެންޓީނާގެ ޓީމުގައި އަނިޔާގެ މައްސަލައެއް އަދި ސަސްޕެންސަނުގެ މައްޗަލައެއް މިވަގުތުނެތެވެ. އެހެން ކަމުން މިވެސް އެޓީމަށް ލިބިގެންދާނެ ވަރަށްބޮޑު ހިންހަމަޖެހުމެކެވެ.
މިރޭގެ މެޗުގައި ފްރާންސްއާ ދެކޮޅަށް ނެރޭނެ ކަމަށް ލަފާކުރެވޭ އާޖެންތީނާގެ ފުރަތަމަ 11 ކުޅުންތެރިން
ގޯލް ކީޕަރު އަރުމާނީ، ޓެގްލިއާފިކޯ، ރޯހޯ، އޮޓަމެންޑީ، މަކާޑޯ، ޑިމަރިއާ، އެވަ ބަނޭގާ، މަސްކަރާނޯ، އެންޒޯ، ޕަވޮން، މެސީ.
މިރޭގެ އާޖެންޓީނާއާ ދެކޮޅަށް ނިކުންނަ ފްރާންސްގެ ޓީމަށް ބަލާއިރު،
ފްރާންސްގެ ޓީމުން މިރޭ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ފެނިގެން ހިނގައިދާނެއެވެ. އެގޮތުން އާޖެންޓީނާއާ ދެކޮޅަށް މިރޭ ޑިޝޯމްޕް ނެރޭ ފުރަތަމަ 11 ގައި އޮލިވިއަރ ޖީރޫޑް އަދި އޮސާމާ ޑެމްބެލޭ، އަދި ޑިފެންޑަރ ބެންޖާމިން ޕަވަޑްއަށް ފުރުޞަތެއް ނެތެވެ. އެގޮތުން މި ކުޅުންތެރިން ބެންޗުން މިރޭގެ މެޗު ފަށާއިރު އޭގެ ބަދަލުގައި ފުރަތަމަ 11 އަށް ފުރުޞަތު ދީފައިވަނީ ކުރިން މެޗުގައި ބަދަލުކުޅުންތެރިންގެ ގޮތުގައި ފެނިގެންދިޔަ ނަބީލް ފެކީރް އަދި އަދި ކެއިލީ އެމްބަޕޭ، ޖިބްރިލް ސިޑިބެއަށެވެ. މި ކުޅުންތެރިންނަކީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑެންމާކާ ދެކޮޅަށް މޮޅުކުޅުމެއް ދައްކާފައިވާ ކުޅުންތެރިންނެވެ. މިރޭގެ މެޗަށް އާޖެންޓީނާއާ ދެކޮޅަށް ނިކުންނައިރު ފްރާންސްގެ ޓީމުގައި ވެސް އަނިޔާގެ މައްސަލައެއްވެސް އަދި ސަސްޕެންސަނުގެ މައްސަލައެއްވެސް ކުރިމަތިވެފައެއް ނުވެއެވެ.
މިރޭ ފްރާންގެ ޓީމުން ނެރޭނެ ކަމަށް ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން
ގޯލްކީޕަރ ހޫގޯލޮރިސް، ސިޑިބެ، ވަރާން، އުމިޓިޓީ، ހެނާންޑޭޒް، ކާންޓޭ، މަޓުއިޑީ، އެމްބަޕޭ، ޕޮގްބާ، ފެކީރް، ގްރީޒްމަން.
ދެޓީމުގެ ކުރީގެ ބައްދަލުކުރުންތަށް
މިރޭގެ މެޗަކީ މި ދެޓީމު ފީފާ ވޯލްޑްކަޕުގައި ބައްދަލުކުރާ 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފްރާންސް އަދި ޖާޖެންޓީނާ ވޯލްޑްކަޕެއްގައި ބައްދަލުކޮށްފައިވަނީ 1930 ވަނަ އަހަރު އުރުގުއޭގައި ބޭއްވުނު މުބާރާތުގައެވެ. އެފަހަރު 0-1 ގެ ނަތީޖާއިން އާޖެންޓީނާ ކުރިހޯދާފައިވާއިރު، 1978 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު މުބާރާތުގައި ކުޅުނު މެޗުންވެސް 1-2 ގެ ނަތީޖާއިން ކުރިހޯދީ އާޖެންޓީނާއިންނެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2009 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކުރީ އާޖެންޓީނާއެވެ.