
ވޯލްޑްކަޕް 2018: ރަޝިޔާ އިން ސްޕެއިން ކަޓުވާލުމަށްފަހު ކުއާޓާ ފައިނަލަށް
ޕެނަލްޓީގައި 3-4 އިން ވަރުގަދަ ސްޕެއިން ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާފައިނަލަށް މުބާރާތް ބާއްވާ ޤައުމު ރަޝިޔާ ދަތުރުކޮށްފިއެވެ.
ސްޕެއިން އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް އެޓީމުންނެވެ. މި ލަނޑަކީ ރަޝިޔާގެ ސަރްގޭ އިގްނާޝެވިޗް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި ލަނޑަށްފަހުވެސް ސްޕެއިން ރަނގަޅަށް ކުޅެމުންދިޔަނަމަވެސް އެޓީމަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވެއެވެ. ސްޕެއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ރަޝިޔާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އާތަމް ޒޫބާ ކަމަށްވާއިރު މި ޕެނަލްޓީ ރަޝިޔާ އަށް ލިބުނީ ސްޕެއިންގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ސްޕްއިން ޓީމުން ލަނޑޭއް ޖެހުމަށް މަސައްކަތް ކުރިނަމަވެސް ރަޝިޔާ އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިލައިގެން ކުޅުމުގެ ސަސަބުން ސްޕެއިން އަށް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސްކުރަން ދަތިވެފައެވެ.
90 މިނެޓް ހަމަވިއިރު ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެ ދެ ހާފުގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސްޕެއިންގެ ފޯވާޑް ރޮޑްރިގޯ އަށެވެ. ނަމަވެސް ރަޝިޔާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
15 މިނެޓްގެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ ނުނެރެވުމުން ދެން ދިޔައީ ޕެނަލްޓީއަށެވެ. ޕެނަލްޓީގައި ރަޝިޔާ އިން ޖެހި ހުރިހާ ޕެނަލްޓީއެއް ވަނީ ކާމިޔާބުކޮށްފައެވެ. ރަޝިޔާގެ ޕެނަލްޓީތައް ކާމިޔާބުކުރީ ސްމޮލޯވް އާއި އިގްނާޝެވިޗް އާއި ގޮލޮވިންގެ އިތުރުން ޗެރިޝޭވްއެވެ.
ސްޕެއިން އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ތިން ޕެނަލްޓީއެވެ. ސްޕެއިންގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިނިއެސްޓާ އާއ ޕީކޭ އާއި ރާމޯސްއެވެ. ޕެނަލްޓީތައް ކާމިޔާބު ނުކުރެވުނީ ކޮކޭ އަދި އަސްޕާސް އަށެވެ.
މުބާރާތުގެ ކުއާޓާގައި ރަޝިޔާ ބައްދަލުކުރާނީ މިރޭ ކްރޮއޭޝިޔާ އާއި ޑެންމާކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.