
ވޯލްޑްކަޕް 2018: މެކްސިކޯ އަދި ބްރެޒިލް ގެ ކުރިމަތިލުން
ފީފާ ވޯލްޑްކަޕްގެ ގަދަ 16 ގައި މިރޭ ބްރެޒިލް އަދި މެކްސިކޯ ބައްދަލުކުރާ މެޗުވެގެންދާނީ މިފަހަރުގެ ވޯލްޑްކަޕުގައި ފެނިގެންދާނެ އެންމެ ވަރުގަދަ އެއް ކުރިމަތިލުމަށެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ބްރެޒިލް އަދި މެކްސިކޯ މިރޭގެ މެޗަށް ނިކުންނައިރު ދެޓީމުގެ ކޯޗުންނަށްވެސް މިރޭގެ މެޗަކީ ވަރުގަދަ އިމްތިހާނެކެވެ. ކުލަބު ލެވެލްގައި ކިތަންމެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވީ ނަމަވެސް ދެޓީމުގައި މިވަގުތު ތިބި ދެކޯޗުންނަކީވެސް އިންޓަނޭޝަލަން ފުޓްބޯޅައިގައި ތަޖުރިބާ މަދު ދެ ކޯޗުންނެވެ. އެހެން ނަމަވެސް މި މުބާރާތުގައި މިހާތަނަށް ދެޓީމު ކުޅެފައިވާ މެޗުތަކަށް ބަލާއިރު މާބޮޑު ތަފާތެއް ނުދައްކައެވެ.
މިރޭގެ ގަދަ 16 ގެ މެޗަށް މެކްސިކޯ އަދި ބްރެޒިލް ނިކުންނައިރު، މީގެތެރެއިން މެކްސިކޯ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް އެއްމެޗުން ބަލިވެ 6 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން ސްވިޑެންއަތުން ބަލިވެފައި ވުމުން މިވަގުތު މެކްސިކޯ އޮތީ ރަނގަޅު ފޯމެއްގައި ކަމާމެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އެހެންނަމަވެސް ބްރެޒިލް ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެގެން 7 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ގްރޫޕް ސްޓޭޖުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުމެފައިވީ ނަމަވެސް ދެ ޓީމުވެސް މިރޭ ނިކުންނާނީ ގަދަ 16 ގެ ގަދަފަދަ ހިފުމަށެވެ. އެހެން ކަމުން މިރޭގެ މެޗުން މޮޅުވެގެން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމަކީ ދެޓީމުންވެސް ދެކޭނެ ހުވަފެނެކެވެ. މިރޭގެ މެޗަށް ނިކުންނައިރު، މެކްސިކޯ ޓީމުގައި އަނިޔާގެ މައްސަލައެއް ނެއްނަމަވެސް ސަސްޕެންސަނުގެ މައްސަލައެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން އެޓީމުގެ ފަހަތަށް ކުޅެމުންއަންނަ ހެކްޓާ މޮރޭނޯ އަށް ދެކާޑް ހަމަވުމާއި ގުޅިގެން މިރޭ ބްރެޒިލްއާ ދެކޮޅަށް ނުކުޅެވޭނެއެވެ. އެހެން ކަމުން ކެކްޓަރ މޮރޭނޯގެ ބަދަލު މިރޭ ފެނިގެންދާނީ ހޫގޯ އަޔާލާ ކަމަށް ބެލެވެއެވެ.
ބްރެޒިލްގެ ޓީމަށް ބަލާއިރު، ސަސްޕެންސަނުގެ މައްސަލައެއްނެތެވެ. އެހެން ނަމަވެސް އެޓީމުގެ އެންމެ މުހިންމު އެއްކުޅުންތެރިޔާ މާސެލޯއަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. ނަމަވެސް މިރޭގެ މެޗުގައި މާސެލޯ ބެންޗުން ފަށާނެކަމުގައި ކޯޗު ޓީޓޭ ވަނީ ބުނެފައެވެ.
ގްރޫޕް ސްޓޭޖުގައި ދެޓީމު ނެރެފައިވާ ނަތީޖާތަށް
ބްރެޒިލް
ބްރެޒިލް 1 / ސްވިޒަލެންޑް 1
ބްރެޒިލް 2 / ކޮސްޓަރީކާ 0
ބްރެޒިލް 2 / ސާބިއާ 0
ގްރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗުގެތެރެއިން 2 މެޗުން މޮޅުވެ އެއްމެޗުން ވަނީ އެއްވަރުވެފައި
ޖެހި ގޯލުގެ އަދަދު : 5
ޕޮއިންޓުގެ އަދަދު : 7
ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި
މިރޭ މެކްސިކޯއާ ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން:
ގޯލްކީޕަރު އެލިސަން، ފިލިޕޭ ލުއިޒް، ތިއާގޯ ސިލްވަރ، މިރާންޑަރ، ފެގްނާ، ފެނާންޑީނިއޯ، ކުޓީނިއޯ. ކަސަމޭރޯ، ވިލިއަން، ނޭމާ، ޖީސަސް.
މެކްސިކޯ
މެކްސިކޯ 1 / ޖަރުމަން 0
މެކްސިކޯ 2 / ކޮރެއާ 1
މެކްސިކޯ 0 / ސްވިޑެން 3
ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ދެމެޗުން މޮޅުވެ އެއްމެޗުން ވަނީ ބަލިވެފަ،
ޖެހި ގޯލުގެ އަދަދު: 3
ޖުމްލަ ލިބުނު ޕޮއިންޓުގެ އަދަދު: 6
ގަދަ 16 އަށް ދަތުރުކުރީ ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައި
މެކްސިކޯއިން މިރޭ ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން:
ގޯލްކީޕަރު އޮކާއޯ، ގަލާޑޯ، ސަލްސީޑޯ، އަޔާލާ، ހެރޭރާ، ގުއެޑާޑޯ، ކާލޮސް ވެލާ، ލަޔުން، ލޮޒާނޯ، ހެނާންޑޭޒް، އަލްވަރޭޒް.
ދެޓީމުގެ ކީ ޕްލޭޔަރުން
ދެ ޓީމަށް ބެލިޔަސް މޮޅު ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ. އެގޮތުން މެކްސިކޯއަށް ބަލާއިރު، ހެނާންޑޭޒް، ކާލޮސް ވެލާ، ލޮޒާނޯ ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ. ބްރެޒިލްއަށް ބަލާއިރު ގިނައީ މަސްހޫރު މޮޅުކުޅުންތެރިންނެވެ. އެގޮތުން ނޭމާ، ކުޓީނިއޯ، ކަސަމީރޯ، ޖީސަސް ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.
ބްރެޒިލް އަދި މެކްސިކޯގެ ބައްދަލުކުރުންތަށް
މިއީ ވޯލްޑްކަޕުގައި މި ދެޓީމު ބައްދަލުކުރާ 5 ވަނަ ފަހަރެވެ. މީގެ ކުރިން 4 ފަހަރު ބައްދަލުކޮސްފައިވާއިރު މީގެތެރެއިން 3 ފަހަރު ބްރެޒިލް މޮޅުވެފައިވާއިރު، އެންމެ ފަހުން ކުޅުނު ވޯލްޑްކަޕް މުބާރާތުގައި މި ދެޓީމު ވާދަކުރި މެޗު ނިމިފައިވަނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެ ޓީމުގެ ކޯޗުން
މެކްސިކޯގެ ކޯޗުކަމާއި 2015 ވަނަ އަހަރު ހަވާލުވި ޖުއާން ކާލޮސް އޮސޯރީއަކީ ކުލަބު ލެވެލްގައި ކާމިޔާބީތަކެއް ހޯދާފައިވީނަމަވެސް އިންޓަނޭޝަނަލް ފުޓްބޯޅައިގައި ތަޖުރިބާ މަދު ކޯޗެކެވެ. ކޮލަމްބިއާ އަށް އުފަން ކޯޗު ހުއާން ކާލޮސް އޮސޯރީ، މެކްސިކޯގެ ގައުމީ ޓީމާ 2015 ވަނަ އަހަރު ހަވާލުވިއިރު، އޭނާ އޭގެ ކުރިން އޭނާ މަސައްކަތް ކޮށްފައިވަނީ އުތުރު އެމެރިކާ އަދި ދެކުނު އެމެރިކާގެ ކްލަބުތަކުގައެވެ. އޮސޯރިއޯގެ އިރުޝާދުގެ ދަށުން މެކްސިކޯ މިހާތަނަށް ކުޅުނު 48 މެޗުގެ ތެރެއިން 33 މެޗުން ވަނީ މޮޅުވެފަ އެވެ. ބަލިވެފައިވަނީ ހަތް މެޗުންނެވެ.
އެހެން ކަމުން މިރޭގެ މެޗު ވެގެންދާނީ އިންޓަނޭޝަންލް ފުޓްބޯޅައިގައި އޭނާއަށް ކުރިމަތިވާނެ އެންމެ ބޮޑު ޖެލެންޖަށެވެ. މިރޭގެ މެޗުން މެކްސިކޯ މޮޅުވެ މުބާރާތުގެ ކުއާޓާފައިނަލްށް ޓީމު ގެންގޮސް ދިނުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެންކަމުގައި ނޫނީ ނުވާނެއެވެ.
ހަމަ ޔަގީނުންވެސް މެކްސިކޯގެ ކޯޗު އޮސޯރީގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވާނީ އެންމެ ފަހުން ގްރޫޕް ސްޓޭޖުގައި ސްވިޑެންއާ ދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާއިން ބަލިވި ބަލިވުމަށެވެ. ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެފައިއޮތް މެކްސިކޯ ސްވިޑެން އަތުން ބަލިވުމަކީ ކޯޗަށް ލިބުނު ބޮޑު ނުތަނަވަސްކަމެކެވެ. އެހެން ކަމުން މިރޭގެ މެޗަށް ބްރެޒިލްއާ ދެކޮޅަށް ނިކުންނައިރު މިއީ ކޯޗުގެ ވަރަށް ބޮޑު ކޮންސާންއަކަށް ވާނެއެވެ.
އެހެން ކަމުން މިރޭގެ މެޗަށް ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ހަމަ އެގޮތަށް މެކްސިކޯއާ ދެކޮޅަށް މިރޭ ނިކުންނަ ބްރެޒިލްގެ ކޯޗު ޓީޓޭ އަކީވެސް އިންޓަނޭޝަނަލް ފުޓްބޯޅައަށް އާ ކޯޗެކެވެ. އެގޮތުން ބްރެޒިލް އަކީ ޓީޓޭ ކޯޗުކޮށްދޭ ފުރަތަމަ ގައުމީޓީމުކަމަށް ވާއިރު، ޓީޓޭ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރެވެ. އޭނާ އެ މަގާމާ ހަވާލުވިއިރު، އެ ޓީމު އޮތީ ކޮލިފައިން ތާވަލްގެ ހަ ވަނައިގަ އެވެ. އެކަމަކު ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ޖެހިޖެހިގެން ނުވަ މެޗުން މޮޅުވެ، ބްރެޒިލް ވަނީ އެންމެ ފުރަތަމަ ޓީމުގެ ގޮތުގައި މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. އެހެން ކަމުން މިރޭގެ މެޗުވެގެންދާނީ ޓީޓޭއަށްވެސް މުޅިންއާ ޗެލެންޖަކަށެވެ.