
ވޯލްޑްކަޕް 2018: އުރުގުއޭ އަދި ފްރާންސްގެ ކުރިމަތިލުން
މިހާރު ރަޝިއާގައި ކުރިޔަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ފްރާންސް އާއި އުރުގުއޭ ކުރިމަތިލާ މެޗަކީ ކުއާޓާ ފައިނަލްގެ އެންމެ ވަރުގަދަ އަދި އެންމެ ފޯރިގަދަ އެއް މެޗަށް ވެގެންދާނެ އެެވެ. ދުނިޔޭގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ މި ދެ ޓީމު ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރީ ވަރުގަދަ ދެ ޓީމު ކަޓުވާލުމަށް ފަހު އެވެ.
ފްރާންސްއިން ވަރުގަދަ އާޖެންޓީނާ ބަލިކުރުމަށްފަހު ކުއާޓާފައިނަލަށް ދަތުރުކޮށްފައިވާއިރު، އުރުގުއޭ އުއާޓާފައިނަލަށް ދަތުރުކުރީ ވަރުގަދަ ޕޯޗުގަލް ކަޓުވާލުމަށްފަހުގައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން އުރުގުއޭ އަށް ޖާގަ ހޯދައިދިނުމަށް އެންމެ މުހިންމު ޜޯލެއް އަދާކުރީ ކަވާނީ އެވެ. އެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
އުުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ ފްރާންސްގެ ފޯވަޑުންގެ ނުރައްކާ ބޮޑުވާނެ ކަމަށާއި އެހެން ކަމުން ފްރާންސްގެ ފޯވަޑްލައިނަށް ޖާގަ ދީފި ނަމަ، އުރުގުއޭ އަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.
އާޖެންޓީނާ އަތުން ފްރާންސް މޮޅުވި މެޗުގައި، އެ ޓީމުގެ ޒުވާން ފޯވަޑްްް ކިލިއަން އެމްބާޕޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ދެ ލަނޑު ވެސް ޖަހައިފަ އެެވެ. އެހެންކަމުން، އެމްބާޕޭ އަށް މިރޭގެ މެޗުގައި އުރުގުއޭ އިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބެލެވެއެވެ.
ފްރާންސްގެ ޓީމަށް ބަލާއިރު، އެޓީމުގައި އަނިޔާގެ މައްސަލައެއް ނެތަސް ސަސްޕެންސަނުގެ މައްސަލައެއް އެބަ އުޅެއެވެ. އެގޮތުން މިޑްފީލްޑަރ ބްލައިސް މަޓުއީޑީއަށް މިރޭގެ މެޗުގައި ނުކުޅެވޭއިރު، އޭނާގެ ބަދަލުގައި ކުޅޭނެ ކަމަށް ބެލެވެނީ ބަޔާން މިއުނިކްގެ ކޮރެންޓިން ޓޮލީސޯ އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އުރުގުއޭ އަކީ ތަފާތު ޓީމެއް ކަމަށާއި ، ހާއްސަކޮށް އެޓީމުގެ ޑިފެންސްލައިން ފާހަގަކޮށްލެވޭކަމަށެވެ. އަދި މެޗަށް ތައްޔާރުވާނީ އުރުގުއޭގެ ފޯވަޑް ކަވާނީ ކުޅޭނެ ކަމަށް ބަލައިގެން ކަމަށްވެސް އޭނާ ބުންޏެވެ.
މިއީ އުރުގުއޭ އާއި ފްރާންސް ވޯލްޑް ކަޕްގައި ބައްދަލުކުރާ ހަތަރު ވަނަ ފަހަރުކަމަށްވާއިރު، މި ދެޓީމު ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ބައްދަލުކޮށްފައެއް ނެތެވެ.