
ސްވިޑެން ކަޓުވާލުމަށްފަހު އިންގްލެންޑް ސެމީފައިނަލަށް
ސްވިޑެންގެ މައްޗަށް ކުރި ހޯދާ ވޯލްޑް ކަޕްގެ ސެމީފައިނަލަށް އިންގްލޭންޑް ދަތުރުކޮށްފިއެވެ.
އެގޮތުން މެޗުގެ 30 ވަނަ މިނެޓްގައި ހެރީ މެގުއާ ވަނީ ލަނޑެއް ކާމިޔާބުކޮށްދީ އިންގްލޭންޑަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސްވިޑެންގެ ޕެނަލްޓީއޭރިއާ ތެރެއަށް އޭޝްލީ ޔަންގް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.
އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ރަހީމް ސްޓާލިން އަށް ވަނީ އިންގްލޭންޑުގެ ލީޑު ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފްގައި އިންގްލޭންޑްގެ ގޯލަށް ސްވިޑެން އަށް މާބޮޑު ނުރައްކަލެއް ކުރެވިފައި ނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު މާކަސް ބާގް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ އިންގްލޭންޑްގެ ޒުވާން ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.
0-1 ގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު އިންގްލެންޑުން ނިންމާލިއިރު، މެޗުގެ 59 ވަނަ މިނެޓްގައި ޑެލެ އަލީ ވަނީ އިންގްލޭންޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑުފުޅާކޮށްފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސްވިޑެންގެ ޕެނަލްޓީއޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލައިގެންނެވެ.
މިރޭ މި މުބާރާތުގެ އިތުރު މެޗެއްވެސް ކުޅޭނެ އެވެ. ރާއްޖޭ ގަޑިން މިރޭ 11 ޖަހާއިރު ކުޅޭ މި މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ރަޝިޔާ އަދި ކްރޮއޭޝިއާއެވެ.