އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުން

އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރެއިން އަދަބެކެވެ. އެއީ އަޚުލާގީ ވާޖިބެއްވެސް މެއެވެ. މިއީ ދީނުގައިވާ ރިވެތި އަޚްލާޤެވެ. މަކާރިމުލް އަޚްލާޤެވެ.

މި މޭރުމުން ވިސްނާލާއިރު މިފަދަ އެންމެ ރީތި ނަމޫނާ ދައްކަވާފައިވަނީ އަހަރެމެންގެ މާތް ރަސޫލާ އެވެ. އެ ކަލޭގެފާނު ޙަދީސް ކުރެއްވި އެވެ.

އިޝްތިހާރު full width ad 1200 x 150

”لَيسَ مِنَّا مَن لاَ يَرْحَمُ صَغيرَنَا وَيَعرِف حَقَّ كَبِيرِنَا“ ”އަހަރެމެންގެ ކުޑަ ކުދިންނަށް އޯގާވެރިނުވާ އަދި ބޮޑެތި މީހުންގެ ޙައްޤު ނުދަންނަ މީހަކީ އަހުރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.“ އަދި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި މިކަމާ މެދު އިތުރަށް ބަލާލަމާ ހިންގަވާށެވެ.

1. ކުޑަކުދިންނަށް ވުރެ ބޮޑެތި މީހުން އިސްކުރުން:

މުސްނަދު އައްޞަޙީޙުގައި އައިސްފައިވެ އެވެ. كان رسول الله صلى الله عليه وسلم يمسح منا كبنا في الصلاة ويقول:استووا ولا تختلفوا فتختلف قلوبكم ليلني منكم أولو الأحلام والنهى ثم الذين يلونهم ثم الذين يلونهم އަހަރެމެން މިސްކިތުގައި ނަމާދަށް ގޮސް ތިބޭ އިރު ކީރިތި ރަސޫލާ އަހަރެމެންގެ ކޮނޑުގައި އަތްޕުޅު ބީއްސަވައި ޙަދީސްކުރައްވާ ކަމުގައިވެ އެވެ.

”ތިޔަބައިމީހުންގެ ސަފުތައް ސީދާ ކުރާށެވެ. އަދި ތަފާތުކޮށް އެކި ވަރަށް ނުތިބޭށެވެ. އެއިރުން ތިޔަބައިމީހުންގެ ހިތްތައް ބައިބައި ވެދާނެ އެވެ. ފަހެ ތިޔަބައިމީހުން ކުރެ ހޭޖެހޭ ބޮޑެތި މީހުން ތިމަން ކަލޭގެފާނާ ޖެހިގެން ތިބޭށެވެ. ދެން އެއާ ޖެހިގެން ތިބި މީހުންނެވެ. ދެން އެއާ ޖެހިގެން ތިބި މީހުންނެވެ“

2. ދުވަސްވީ މީހުންނަށް ނިކަމެތިކޮށް ނުހިތުމަށް އެންގެވުން:

[عن أبي أمامة عن رسول الله صلى الله عليه وسلم أنه قال: ”ثلاث لا يستخف بهم إلا منافق: ذو الشيبة في الإسلام، وذو العلم وإمام مقسط.] ﷲ ރުއްސުންލެއްވި އަބޫ އުމާމާ ގެ އަރިހުން ރިވާވެގެންވެ އެވެ. ރަސޫލުﷲ ޙަދީސްކުރެއްވި އެވެ. މުނާފިޤަކު ފިޔަވައި އެހެން މީހަކު ނިކަމެތިކޮށް ނުހިތާނެ ތިން މީހަކުވެ އެވެ. އެއީ އިސްލާމްވެ އިސްލާމްކަންމަތީ މުސްކުޅިވެފައިވާ މީހާ އާއި ޢިލްމުވެރިޔާ އާއި ޢަދުލުވެރި އިމާމެވެ.

3. ބޮޑެތި މީހުން ދެކެ ލަދުވެތިވުން:

عبد الله بن عمرގެ އަރިހުން ރިވާވެގެންވެ އެވެ. ކީރިތި ރަސޫލާ އެއްދުވަހަކު ސުވާލުކުރެއްވި އެވެ. މުސްލިމަކާ އެއްފަދަ ގަހަކީ ކޮބައިތޯ އެވެ؟ ﷲގެ އިޒުނަފުޅަށް އެ ގަހުގެ ކާނާ އަބަދުމެ ލިބިލިބި ހުރެ އެވެ. އަހަރެން ހިތަށް އެރި އެވެ. އެވާނީ ކަދުރު ރުކަށެވެ. އެކަމަކު އަހަރެން އެ ވާހަކަ ދަންނަވަން ފަސްޖެހުނީމެވެ. އެ ތަނުގައި އަބޫބަކުރު ގެފާނާއި ޢުމަރުގެފާނު ތިއްބެވީތީ އެވެ. ފަހެ އެ ދެ ބޭކަލުން އެއްޗެއް ވިދާޅުނުވުމުން ކީރިތި ރަސޫލާ ޙަދީސްކުރެއްވި އެވެ. އެއީ ކަދުރު ރުކެވެ. ދެން އަހުރެން ބައްޕައާ އެކު އެ ތަނުން ނުކުމެ ދެންނެވީމެވެ. އޭ ބައްޕާ އެވެ! އެއީ ކަދުރު ރުކޭ އަހަރެންގެ ހިތަށް އެރި އެވެ. ބައްޕަ ވިދާޅުވި އެވެ. ދެން އެ ވާހަކަ ނުދެންނެވީ ކީއްވެގެން ހެއްޔެވެ؟ (ދަރިފުޅު) އޭގެ ޖަވާބު ދިން ނަމަ ބައްޕަ ކިހާ އުފާވީސް ހެއްޔެވެ. ދެން عبد الله بن عمر ދެންނެވި އެވެ. ބައްޕަ ނުވަތަ އަބޫބަކުރުގެފާނު އެއްޗެއް ވިދާޅުނުވުމުން އަޅުގަނޑަށް ޖަވާބުދޭން ނުކެރުނީ އެވެ.

4. ޣައިރު މުސްލިމުންނަށް ވެސް އިޙްތިރާމުކުރުން:

ރިވާވެގެންވާ ގޮތުގައި އެއްފަހަރަކު ޢުމަރުގެފާނަށް ގެއެއްގެ ދޮރުމަތިން ސަލާންޖަހާ މުސްކުޅިޔަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ޢުމުރުން ދުވަސްވީ ލޯފަން މީހެކެވެ. ދެން އޭނާގެ ފަހަތުން ވަޑައިގެން ކޮނޑުގައި ޖައްސަވާލައްވާފައި އެއްސެވި އެވެ. ތިޔައީ އަހުލުކިތާބީން ކުރެ ކޮން ދީނެއްގެ މީހަކީމު ހެއްޔެވެ؟ އޭނާ ދެންނެވި އެވެ. ޔަހޫދީއަކީމު އެވެ. ދެން އެއްސެވި އެވެ. ތިޔަ އުޅެނީ ކޮން ކަމެއް ޖެހިގެން ހެއްޔެވެ؟ އޭނާ ދެންނެވި އެވެ. ޖިޒީ ނުދެއްކިގެންނެވެ. ފަގީރު ޙާޖަތްތެރިއަކީމެވެ. ޢުމުރުން ދުވަސްވީ މީހަކީމެވެ.

ދެން އޭނާގެ އަތުގައި ހިއްޕަވައިގެން ޢުމަރުގެފާނުގެ ގެއަށް ވަޑައިގެން އޭނާއަށް ކޮންމެވެސް މިންވަރެއް ދެއްވި އެވެ. ދެން ބައިތުލްމާލުގެ ޚަޒާންދާރު ގާތަށް އޭނާ ފޮނުއްވި އެވެ. އަދި އެންގެވި އެވެ. މީނާގެ ޖިޒީ ކަނޑަލާށެވެ. އަހަރެމެން މީނާގެ ޅަ ޢުމުރުގައި މީނާގެ އަތުން ޖިޒީ ނަގައި، މުސްކުޅިވެ ލޯބޯކޮށިވީމައި ނިކަމެތިކޮށްލަންވީ ހެއްޔެވެ؟ އެއީ އިންސާފެއް ނޫނެވެ. ދެން [إنما الصدقات للفقراء والمساكين..] މި އާޔަތް ވިދާޅުވި އެވެ. މި އާޔަތުގައި ވަނީ ”ޞަދަޤާތުގެ މުދަލުން ފަޤީރުންނާއި މިސްކީނުންނަށް ބައިއަޅަން ޖެހޭނެ ވާހަކަ އެވެ.“ މި އާޔަތް ވިދާޅުވެ މީނާ އަކީ އަހުލުކިތާބީން ކުރެ މިސްކީނެކޭ ވިދާޅުވެ އޭނާގެ ހުރިހާ ޖިޒީ އަކާއި ޓެކުހެއް ކަނޑުއްވައިލެއްވި އެވެ“

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.