ވިސްނައި ފިކުރުކޮށްލާކަށް ނުވޭހެއްޔެވެ ؟
ދިވެހިންގެ ދިރިއުޅުން އެއެއްޗެއް މަށްޗަށް ބިނާވެފައިވާ އިސްލާމް ދީނަކީ ރިވެތި އަޚްލާޤަށް މަގު ދައްކާ ރަނގަޅު ގޮތް ޚިޔާރުކުރުމަށް ގޮވާލާ ދީނެކެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިންވެފައިވަނީ ރަނގަޅު ގޮތްތަކަށް ލޯބިކުރަމުން އައިސްފައިވާ ބަޔަކަށެވެ. އެހެންކަމާއެކު ރަނގަޅު ގޮތްކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ އަދި އިސްލާމީ ގިޔުގަނޑު ތެރެއަށް ފެތޭ ކޮންމެ ކަމެއް ވެފައިވަނީ ދިވެހިންގެ އިޖްތިމާޢީ އަދަބުތަކުގެ ގޮތުގައެވެ.
ކޮންމެ މީހަކީވެސް މުޖުތަމައުއެއްގައި ދިރިއުޅެމުން އަންނަ މީހަކަށްވީތީ ކުރާ ކޮންމެ ކަމަކީ އިޖްތިމާއީ އަދަބުގެ ސިއްކަ ޖެހިފައިވާ ކަމަކަށްވުމީ ކޮންމެހެން ބޭނުންކަމެކެވެ. އަދި ކުރާކަމަކުން އެމީހަކަށް ލިބޭ ހިތްހަމަޖެހުމަށްވުރެ ބޮޑަށް ތިމާ ނިސްބަތްވާ މުޖުތަމު ބަލައިގަންނަ ކަމަކަށްވާން ކޮންމެހެން ޖެހެއެވެ. ލިބިފައިވާ މިނިވަންކަމާ، ލިބިފައިވާ ހައްޤުތަކަކީ ފަހަރެއްގައިވެސް އިޖްތިމާއީ އަދަބުތަކުން ބޭރުވުމަށް ލިބިފައިވާ ހަތިޔާރެއް ނޫނެވެ. އެކަން ކަށަވަރުކޮށްދެނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީވެސް ހެދިފައިވަނީ އިސްލާމީ އުސޫލުތަކުގެ މަށްޗަށް ކަމަށްވާތީއެވެ.
އަޅުގަނޑުމެން ދިރިއުޅެމުން އަންނަ މުޖްތަމަޢު އިން މިއަދު ފެންނަމުންދަނީ ލިބިފައިވާ މިނިވަންކަމުގެ ނުވަތަ ލިބިދީފައިވާ ހައްޤުތަކުގެ ނަމުގައި އިޖްތިމާއީ އަދަބުތަކުގެ ބޭރުން ގިނަ ބަޔަކު އުޅެމުންދާތަނެވެ. ހާއްސަކޮށް ޒުވާން ޖީލެވެ. ނަމަވެސް އެއީ އެކަން ވެގެންވާނެ ގޮތްނޫންކަން ހަމަބުއްދިން ވިސްނައިފި ކޮންމެ މީހަކު ޤަބޫލުކުރާނެއެވެ. ތިމާ ބުއްދިއަށް އަންނަ ކޮންމެ އެއްޗެއް ފާޅުކުރުމުގެ މިނިވަންކަމަކީ ފަހަރެއްގައިވެސް އިޖްތިމާއީ އަދަބުތަކުގެ މިންގަނޑުން ބޭރުގައިވާ މިނިވަންކަމެއް ނޫނެވެ. އެހެނީ ތިމާގެ މިނިވަންކަމާ އެހެން ފަރުދުންގެ ހައްޤުތަކާއި ގުޅިފައިވާތީއެވެ.
އިޖްތިމާއީ އަދަބުތަކަކީ އެންމެންވެސް ޤަބޫލުކުރާ ރަނގަޅުގޮތްކަމަށް ވާއިރު، ބަލައިގަންނަން އުނދަގޫ ކަންކަން ފެޝަންތަކަށް ބަދަލުވެ، އަޚްލާޤުގެ މާތް ސިފަ އެއީ ކަޓު އެއްޗެއްކަމަށް ގަބޫލުކުރާ ޒުވާނުން ވަރަށް ގިނައެވެ. ސްކޫލް ނިންމާ ދަރިވަރުން އެކުދިންގެ މުދައްރިސުން ނުވަތަ އުނގަނނައިދިން މީހާ އާއި ރިވެތި ބަހުން މުޚާތަބުކުރުމަކީ ލަދުވެތިކަމަކަށް ވެއެވެ. އެހެންކަމުން އުނގަންނައިދޭ ފަރާތްތަކުންނާއި މައިންބަފައިން މިއަދުގެ ކުޑަކުދީންނަށް ދިވެހިބަހުގައި ދަރަޖަތަކެއް ވާކަން ދަސްކޮށްދޭން އެބަޖެހެއެވެ. ރީތި ބަހުން މީހުނާއި މުޢާމަލާތްކުރުމަކީ އިސްލާމީ ސިފައެއްކަމާއި އިޖްތިމާއީ އަދަބު ތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ބުނެދޭން ޖެހެއެވެ.
މިއަދުގެ ޒުވާނުންނަށް އިހްތިރާމްކުރުމަކީ ވަރަށްވެސް ‘ކަޓު’ ކަމެކެވެ. ތިމާއަށްވުރެ ބޮޑެތި މީހުން ނުވަތަ އިސްމަގާމްތަކުގައި ތިބޭ މީހުނާއި ދިމާލަށް ހުތުރު ބަހަކުން އެއްޗެއް ބުނެލެވިއްޖެނަމަ އެއީ ‘ގަޓު’ ހުރި މީހެއްކަމަށް ލޭބަލްކުރެއެވެ. އެހެނަސް އިޖްތިމާއި މިންގަނޑުން އެމީހަކަށް އެ ލިބުނީ ‘ސުމެއް’ ކަމެއް ހަނދާނެއް ނުހުރެއެވެ. ފޭސްބުކް ނުވަތަ ޓްވިޓަރ ފަދަ ޝޯޝަލް ނެޓްވޯރކްތަކުގައި ތިމާ ލިޔާ ލިޔުންޔަކުގައި ހަޑިހުތުރު ބަސް ހިމަނައިގެން އެއްޗެއް ލިޔެލުމަކީ ‘ގަދަ’ ކަމެއްކަމަކަށް ޤަބޫލުކުރެވުނަސް، އިޖްތިމާއީ މިންގަނޑުން އެމީހަކަށް ލިބޭނީ ‘ސުމެއް’ ކަން ކަށަވަރެވެ. އޭރުން އެ ދެއްކެނީ ތިމާގެ ހައިބަތުގައި އޮއްޓަރެއް ނެތްކަމެވެ. ހަމައެއާއެކު ތިމާގެ މިނިވަންކަމުގެ ސަބަބުން އެ ގެއްލުނީ އެހެންބައެއްގެ މިނިވަންކަމެވެ.
ޒަމާނަށް އަންނަ ކޮންމެ ބަދަލެއްގައި ތިމާގެ އުޅުމާއި އަޚްލާޤަށް ބަދަލުގެންނަން ޖެހޭ ނަމަ ތިމާ އަށް އެ ދުވެވެނީ ޒަމާނުގެ ފަހަތުންނެވެ. ތިމާ އަށް ދެވޭނީ އަބަދަދުވެސް ޒަމާން ދައްކާ މަގުތަކުންނެވެ. އޭގެ ހެއްކެއްގެ ގޮތުން މިއަދުގެ ފިރިހެން ޒުވާނުންނަށް ރީިތިކޮށް ބޯކޮށުމަކީ ކަޓު ކަމެކެވެ. ހާވާލެވިފައިވާ ދިގު އިސްތަށިގަނޑެއް ނެތްނަމަ މަލާމާތްރައްދުވާ ކަހަލައެވެ. ނަމަވެސް ކަމަކީ ގޯސްކަމެކޭ ބުނެވޭނެ ޖާގަ ނެތްކަމުގައިވިޔަސް އިޖްތިމާއި މިންގަނޑުން ބަލާނަމަ ހަގީގަތަކީ އެކަން އަޅުގަނޑުމެންގެ މުޖުތަމައު ތާއީދުނުކުރާ ކަމެކެވެ.
ސިޔާސީ މަސްރަހަށް އައި ބަދަލާއެކު ސިޔާސީ އެއްވުން ތަކާއި ސިޔާސީ މައިދާންތައް ހަދައި މީހުނަށް ފުރައްސާރަކުރާ މީހަކީ މޮޅު މީހަކަށް ހަދައި އަޑު އަހަންތިބޭ މީހުން އަތްޖަހާ މަންޒަރު ފެންނަލެއްމިއަދު މަދެއްނޫނެވެ. ދަރިންނަށް ދަސްކޮށްދެވެނީ މީހުނަށް ފުރައްސާރަކުރުންކަމަކަށް ނުދެކެއެވެ. މުޖުތަމުގެ އެކަކު އަނެކަކަށް ފިތުނަވެރިވެ އަނެކާއަށްކުރާ އިޙްތިރާމް ކުޑަވެގެންދާނެ ކަމެއްކަމަށްވެސް ނުވިސްނެއެވެ. ސިޔާސީ ކަންކަމުގައި ގޮވާ ގޮވެލިފަތިތައް ދަރިންނަށް އިވޭނަމަ ނުވަތަ ގޮވަން ހިތްވަރުދޭނަމަ މާދަމާ އެކުދިން އެ ގޮވެލިފަތިތައް ގޮވާނީ ހަމަ ތިމާޔާ ދިމާލަށެވެ.
މުޖުތަމައު ތެރޭގައި ހުރި ކުދިކުދިން ކަންކަން ކަމަކަށް ނުހެދުމުގެ ނަތީޖާއަކަށްވާނީ މާދަމާ ބޮޑެތިކަންކަމަށް ބަދަލުވެ އަތްނުފޯރުމެވެ. މިނިވަންކަމާއި ހައްޤުތަކަކީ ވަކި ހުދޫދެއްގައި ގެންގުޅެންޖެހޭ އެއްޗެއްކަމަށް ޤަބޫލުނުކުރެވޭނަމަ ތިމާ ދިރިއުޅޭ ވެށީގައި ޚުދު ތިމާއަށްވެސް ދިރިނޫޅެވޭވަރުވެދާނެއެވެ. އެހެންމީހުންގެ މިނިވަންކަމުގެ ދުއްތުރާލުގެ ސަބަބުންނެވެ. މުސްކުޅިން ބުނެ އުޅެއެވެ. މުށެއްހާތަން ދޫކޮށްފިއްޔާ ކެނބެއްހާތަންދަމައިގަންނާނެއެވެ. މިއީ ވަރަށް ބޮޑުތެދެކެވެ. އަދި ވަރަށް ވާހަކައެވެ. މިކަމަށް މިއަދުގެ މުޖުތަމައު ވަރަށް ބޮޑަށް ވިސްނަންވެއްޖެއެވެ.