
ފަހު ވަގުތު ޕާކިސްތާނުން ނޭޕާލް ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
1-2 ގެ ނަތީޖާއިން ނޭޕާލްގެ މައްޗަށް ކުރި ހޯދައި ސާފް ޗެމްޕިއަންޝިޕްގެ ފެށުން ޕާކިސްތާނުން ރަނގަޅުކޮށްފިއެވެ.
ޕާކިސްތާން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ނޭޕާލުން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ނޭޕާލުގެ ބިމަލް ގާތީ މަގަރްއެވެ. ނަމަވެސް މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ޕާކިސްތާނުގެ މުހައްމަދު އަލީ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.
ޕާކިސްތާނާއި ނޭޕާލް ހިމެނެނީ ގްރޫޕް އޭ ގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާންއެވެ. މުބާރާތުގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނޭޕާލް ބޫޓާންއާ ދެކޮޅަށް ނިކުންނައިރު މެޗުން މޮޅުވުމާއެކު 3 ޕޮއިންޓް ލިބުނު ޕާކިސްތާން ދެން ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ބަންގާޅާ ދެކޮޅަށެވެ.