
ޕާކިސްތާން ބަލިކޮށް، ބަނގުލަދޭޝްއިން ސެމީގެ އުންމީދު ބޮޑުކޮށްފި
މިހާރު ބަނގުލަދޭޝްގައި ކުރިޔައްދާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާން ބަލިކޮށް، ސެމީ ފައިނަލުގެ އުންމީދު މުބާރާތް ބާއްވާ ގައުމު ބަނގުލަދޭޝްއިން ބޮޑުކޮށްފިއެވެ.
ބަނގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު ’ގްރޫޕް އޭ’ގެ މި މެޗުގައި ޕާކިސްތާނުގެ މައްޗަށް ބަނގުލަދޭޝްއިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
މިއަދު ކުޅުނު މެޗުގެ ކުރީކޮޅު ޕާކިސްތާނަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ ކުރީކޮޅުގައި ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ ޕާކިސްތާނުގެ މުހައްމަދު އަލީ ފޮނުވާލި ހަމަލާ ބަނގުލަދޭޝްގެ ކީޕަރު އެމްޑީ ސާހިދުލް އަލަމް ވަނީ ދިފާއުކޮށްފައެވެ.
ދެ ޓީމުން ވެސް ޑިފެންސަށް ވިސްނައިގެން ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި ޕާކިސްތާނުން ނުރައްކާތެރި ހަމަލާއެއް ދެވަނަ ފަހަރަށް ފޮނުވާލިއެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ޕާކިސްތާނުގެ މުހައްމަދު އާދިލް ފޮނުވާލި ހަމަލާ ބަނގުލަދޭޝްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ބަނގުލަދޭޝްއިން ޕާކިސްތާނުގެ ގޯލަށް ނުރައްކާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ފުރަތަމަ ހާފުގެ ތެރޭގައި އެޓީމަށް ޕާކިސްތާނުގެ ގޯލަށް ބޯޅައެއް އަމާޒުކުރެވޭގޮތެއް ނުވެއެވެ.
އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މެޗުގެ ދެވަނަ ހާފު ފެށިގެން ފުރަތަމަ ހަމަލާ އުފެއްދީ ޕާކިސްތާނުންނެވެ. ބަނގުލަދޭޝް ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ޕާކިސްތާނުގެ މުހައްމަދު އަލީ ފޮނުވާލި ހަމަލާ، ބަނގުލަދޭޝްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ބަނގުލަދޭޝްއިން ލަނޑެއް ޖަހާ މެޗުގެ ލީޑުނަގާފައިވަނީ 81 ވަނަ މިނެޓުގައެވެ. އެމްޑީ ވަލީ ފައިސަލް ދިން ބޯޅައަކުން ބަނގުލަދޭޝްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޓޮޕޫ ބަރްމާންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕާކިސްތާން ޕެނަލްޓީ އޭރިޔާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ސާފް ސުޒުކީ ކަޕްގެ ’ގްރޫޕް އޭ‘ އިން ސެމީ ފައިނަލުގެ ޖާގަތައް ހޯދާ ޓީމުތައް ކަށަވަރުކުރާނީ އަންނަ ހޮނިހިރު ދުވަހު ކުޅޭ އެ ގްރޫޕުގެ ފަހު މެޗުތަކަށްފަހުއެވެ. އެ ގްރޫޕުގެ އެއްވަނައިގައި އޮތް ބަނގުލަދޭޝްއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ޕާކިސްތާނާއި ނޭޕާލަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ ’ގްރޫޕް ބީ’ގެ މެޗެކެވެ. ރާއްޖޭގަޑިން މާދަމާ އިރުއޮއްސި 6:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި ސްރީލަންކާއެވެ. ރާއްޖެއާ ދެކޮޅަށް މާދަމާ ސްރީލަންކާ ނުކުންނައިރު އެޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުން އިންޑިޔާއަތުން ބަލިވެފައެވެ. މާދަމާ މެޗުން ރާއްޖެ އަތުން ބަލިވެއްޖެނަމަ ލަންކާއަށް ދެވަނަ ބުރުގެ އުންމީދު ކުޑަވާނެއެވެ. މާދަމާގެ މެޗަކީ ރާއްޖެ މި މުބާރާތުގައި މިފަހަރު ކުޅޭ ފުރަތަމަ މެޗެވެ.
މިއަދު 06:00 ގައި ނޭޕާލްއާއި ބޫޓާން ބައްދަކުކުރި މެޗު ނޭޕާލުން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ބޫޓާންގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗު ނޭޕާލުން ކާމިޔާބުކުރީ 4:0 އިންނެވެ.