
ބަންގްލަދޭޝްގެ ކަޓުވާލުމަށްފަހު، ނޭޕާލް ސެމީއަށް
މިހާރު ބަންގްލަދޭޝްގައި ކުރިޔައްދާ ސާފް ސުޒުކީ ކަޕްގެ ގްރޫޕް އޭގެ ފަހު މެޗުގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް ބަލިކޮށް، ނޭޕާލްއިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބަންގުބަންދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ނޭޕާލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ނޭޕާލުންވެނެވެ. އެޓީމުން މި ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުން ނެވެ. ބަންގްލަދޭޝްގެ ހާފްގެ މެދެއްހާ ހިސާބުން، އޭރިއާގެ އަރިމަތިން ކަހަލަ ގޮތަކަށް ނޭޕާލަށް ލިބުނު ހިލޭ ޖެހުން ބިމާލް ގާތީ ސީދާ ގޯލަށް ފޮނުވާލި އިރު، ބޯޅަ ދިޔައީ ސީދާ ބަންގްލަދޭޝް ގޯލްކީޕަރު ޝަހީދުލް އަލަމްގެ އަތަށެވެ. އޭނާއަށް ފަސޭހައިން ބޯޅަ ހިފެން އޮތް ނަމަވެސް، ބޯޅަ ގޯލަށް ވަނީ އަތު ތެރެއިން ކައްސާލައިގެންނެވެ.
ކުރީ ހާފާ ޚިލާފަށް މެޗުގެ ދެވަނަ ހާފް ބަނގުލަދޭޝް ޓީމުން ފެށީ ވަރުގަދަކޮށެވެ. އެޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ނޭޕާލްގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ. އޭރިއާ ތެރެއަށް ދެ ހުރަހެއް ނުރައްކާ ވެގެން ދިޔަ ނަމަވެސް، ނޭޕާލްގެ އިސްކޮޅުން ދިގު ގޯލްކީޕަރު ކިރަން ވަނީ ފަސޭހަކަމާއެކު އެ ބޯޅަތައް އަތަށް ނަގައިފައެވެ.
ބަންގްލަދޭޝްއިން ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދަނިކޮށް، އަނެއްކާވެސް ނުރައްކާ ކުރީ ނޭޕާލުންނެވެ. އެގޮތުން ބާރަތު ހަވާސް ފޮނުވާލި ބޯޅަ، ބަންގްލަދޭޝްގެ ގޯލްކީޕަރު ޝަހީދުލް އަލަމް ދިފާއުކުރި އިރު، އޭރިއާ ރޮނގުމަތިން ނިރަޖަން ކަޑްކާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗު ނިމެން ދިޔަ ވަރަކަށް ބަންގްލަދޭޝްއިން ގޯލެއް ޖެހުމަށް ކުރަމުން ދިޔަ މަސައްކަތްވެސް އިތުރުވިއެވެ. މެޗުގެ 77 ވަނަ މިނެޓުގައި ބިޝްވަނަންތު ގޯޝް ދުރުން ހަމަލާއެއް ފޮނުވާލި ނަމަވެސް، އޭނާގެ ބާރު ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ ފަހުކޮޅުގައިި ބަންގްލަދޭޝްއިން ކުރިއަށް ޖެހުމުގެ ފައިދާ ނެގީ ނޭޕާލުންނެވެ. މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް، އަމިއްލަ ފަސް ގަނޑުގައި ކުޅެމުންދިޔަ ބަންގްލަދޭޝް ހިތްދަތިކޮށްލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނަވަޔޫގު ޝެރެސްތާއެވެ.
ނޭޕާލުން ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ކުޅެފައެވެ. 1993 ވަނަ އަހަރުގެ ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތިންވަނަ ނޭޕާލަށް ލިބުނު ނަމަވެސް، އެޓީމަށް އަދި އެއްވެސް ފަހަރެއްގައި މުބާރާތުގެ ފައިނަލް ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. މީގެ ކުރިން ބަންގްލަދޭޝްއިން މުބާރާތް ކާމިޔާބުކޮށްފައި ވަނީ 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތެވެ. އެ މުބާރާތުގެ ފައިނަލްގައި ބަންގްލަދޭޝްއިން ވާދަކުރީ ރާއްޖެއާއެވެ.
ރޭގެ މެޗަށް ނުކުތް އިރު، ބަންގްލަދޭޝްއަށް، މެޗު އެއްވަރު ކޮށްލައިގެންވެސް ސެމީއަށް ދިއުމުގެ ފުރުސަތު އޮތެވެ. ނޭޕާލަށް އޮތީ މެޗުން މޮޅުވާން މަޖުބޫރު ވެފައެވެ.
ނޭޕާލުން ދެ ގޯލްގެ ތަފާތުން މޮޅުވުމާއެކު އެޓީމަށް ވަނީ ގްރޫޕް އޭގެ އެއްވަނަ ލިބިފައެވެ. ގްރޫޕް އޭގެ ކުޅުން ނިމިފައިވާ އިރު، ނޭޕާލާ ޕާކިސްތާން، އަދި ބަންގްލަދޭޝްއަށްވެސް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ނޭޕާލަށް ފައިދާ ފަސް ގޯލް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޕާކިސްތާނަށް ލިބެނީ ފައިދާ ތިން ގޯލެވެ. ބަންގްލަދޭޝްއަށް ސެމީއަށް ދިއުމަށް މަދުވީ ފައިދާ ދެ ގޯލެކެވެ.
މުބާރާތުގައި މިއަދު އޮންނާނީ ގްރޫޕް ބީގެ ފަހު މެޗެެވެ. އެ މެޗުގައި ރާއްޖެއިން ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މެޗު ކުޅޭނީ ރާއްޖެ ގަޑިން އިރުއޮއްސި 6:00 ގައެވެ.