
ޔޫއެފާ ޗެމްޕިއަންސް ލީގު: މެސީގެ ހެޓްރިކާއެކު ބާސެލޯނާ ފުރަތަމަ މޮޅު ހޯދައިފި
ޔޫއެފާ ޗެމްޕިއަންސްލީގެ ގްރޫޕްސްޓޭޖުގެ މެޗުތަށް ރޭ ފެށިފައިވާއިރު، ރޭ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގައި ހިމެނޭ ނެދަލެންޑްގެ ޕީއެސްވީ އާ ސްޕެއިންގެ ބާސެލޯނާއެވެ. މި މެޗު 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ބާސެލޯނާއިންނެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ބާސާގެ ފަަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން ވަނީ މެޗުގެ 31 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މި ލަނޑަށް ފަހުވެސްމޮޅަށް ކުޅެމުން ދިޔައީ ބާސާއިންނެވެ. އެގޮތުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ގިނަ ހަމަލާތަކެއްވެސް ވަނީ ޕީއެސްވީގެ ގޯލާ އަމާޒުކޮށްފައެވެ. މި ހަމަލާތަކުގެ ހުރަހަކަށް ވީ ޕީއެސްވީގެ ގޯލްކީޕަރު ޒޮއެޓްއެވެ.
ބާސާ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު އެޓީމުން މެޗުގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކުރީ ޕިލިޕޭ ކުޓީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 74 ވަނަ މިނެޓުގައި އޮސާމާ ޑެމްބެލޭއެވެ. އޭގެ ތިންމިނެޓު ފަހުން މެސީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށް މެޗުގެ 87 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ މެސީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. މި މެޗުގައި މެސީ ކާމިޔާބުކުރި 3 ލަނޑާއެކު އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ އަދަދު މިހާރުވަނީ 97 އަށް އަރާފައެވެ.
ރޭ ވަނީ ގްރޫޕް ބީގެ އިތުރު މެޗެއްވެސް ކުޅެފައެވެ. އިންޓަމިލާން އަދި ޓޮޓެންހަމް ބައްދަލުކުރި މި މެޗު 1-2 އިން ކާމިޔާބުކުރީ އިންޓަމިލާނެއެވެ. އިންޓަމިލާނުން މި މެޗު ކާމިޔާބުކުރީ ޓޮޓެންހަމް ލަނޑުޖަހާ ލީޑުނަގާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށްގެންނެވެ. އިންޓަމިލާނުގެ ލަނޑުތަށް ކާމިޔާބުކުރީ އިކާޑީ އަދި ވިސީނިއޯ އެވެ. ޓިޓެންހަމްއިން ކާމިޔާބުކުރި ލަނޑު ޖަހައިދީފައިވަނީ ހެރީކޭންއެވެ.