މިދިޔަ މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފި
މިދިޔަ ސެޕްޓެމްބަރ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީ އިން ބުނެފިއެވެ.
މީރާއިން ބުނީ މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާ އިރު، 25.9 އިންސައްތަ އިތުރު ޢަދަދެއް ކަމަށެވެ.
2017 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާ އިރު، މިއަހަރުގެ މި މުއްދަތުގައި އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑު ރެންޓާއި ލޭންޑު އެކުއިސިޝަން އެންޑް ކޮންވާރޝަން ފީ އާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާއިން ބުންޏެވެ.
އެ އޮތޯރިޓީ އިން ބުނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު ބޮޑުބައި ޙިއްޞާކޮށްފައިވަނީ 507.83 މިލިއަން ރުފިޔާ ނުވަތަ 39.9 އިންސައްތައާއެކު ޖީއެސްޓީ ކަމަށެވެ. ދެން އެންމެގިނައިން އާމްދަނީ ލިބުނީ ޓޫރިޒަމް ލޭންޑު ރެވެނިއު ކަމަށާއި އެއީ 25.7 އިންސައްތަ ނުވަތަ 326.77 މިލިއަން ރުފިޔާ ކަމަށްވެސް މީރާ އިން ބުންޏެވެ.
މީގެ އިތުރުން ލޭންޑު އިކުއިސިޝަން އެންޑް ކޮންވާރޝަން ފީގެ ގޮތުގައި 82.36 މިލިއަން ރުފިޔާ ނުވަތަ 6.5 އިންސައްތައާއި ގްރީން ޓެކްސްގެ ގޮތުގައި 63.12 މިލިއަން ރުފިޔާ ނުވަތަ 5.0 އިންސައްތައާއި އެއަރޕޯޓު ސަރވިސް ޗާރޖުގެ ގޮތުގައި 61.10 މިލިއަން ރުފިޔާ ނުވަތަ 4.8 އިންސައްތަ ލިބިފައިވާ އިރު، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 231.18 މިލިއަން ރުފިޔާ ނުވަތަ 18.2 އިންސައްތަ ލިބިފައިވާ ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީ އިން އިތުރަށް ބުނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބަލައިގަން އާމްދަނީގެ ތެރޭގައި 59.4 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނޭ ކަމަށެވެ.