ދިރާގު ރޯޑު ރޭހުގެ ބިބް ދޫކުރުން މި މަހުގެ 20 އަދި 21 ގައި ބާއްވަނީ..
އަންނަ ނޮވެމްބަރ މަހު ބޭއްވުމަށް ނިންމާފައިވާ މިއަހަރުގެ ދިރާގު ރޯޑު ރޭހުގެބައިވެރިންނަށް ބިބް ދޫކުރުން މި މަހުގެ 20 ވާ ހޮނިހިރު އަދި 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ގިނަމީހުން ބައިވެރިވާ ދުވުމުގެ ބިބް ދޫކުރުމާއިބެހޭގޮތުން ދިރާގުން ބުނީ މި ދުވުމުގެ ބައިވެރިންނަށް ބިބް ދޫކުރުން އޮންނާނީ ދިރާގު ހެޑް އޮފީހުގައި ކަމަށެވެ. އަދި މި ދެދުވަހުވެސް ބިބް ދޫކުރާނީ ހެނދުނު 10:00ން 12:00 އަށާއި 14:00ން 18:00އަށް އަދި ރޭގަނޑު 20:00ން 22:00އަށް ކަމަށެވެ.
އެ ކުންފުނިން ބުނީ މިއަހަރުގެ ދުވުމުގައި ބޭނުްނކުރާ ޓީޝާރޓުގެ އަގަކީ 100 ރުފިޔާ ކަމަށެވެ. އަދި ޓީޝާރޓު ގަތުމުން ލިބޭ ފައިސާ ދިނުމަށް ނިންމާފައިވަނީ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް ކަމަށެވެ.
ފާއިތުވި ދެ އަހަރުވެސް މި ހަރަކާތުގައި 8 ޖަމިއްޔާއަކުން ބައިވެރިވެފައިވާ އިރު، އެ ދެ އަހަރުގެ ހަރަކާތުން ލިބުނު ދެ މިލިއަން ރުފިޔާ ދިރާގުން ވަނީ އެޖަމިއްޔާތަކަށް ހަދިޔާކޮށްފައެވެ.
ނޮވެމްބަރ މަހުގެ 2 ވާ ހުކުރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި ދުވުމުގައި މިއަހަރު 4000 މީހުން ދުވާނެއެވެ. އަދި މިއީ ’ދިރާގު މޯލްޑިވްސް ރޯޑު ރޭސް‘ ބާއްވާތާ 12 ވަނަ އަހަރެވެ.
މިއަހަރުގެ ދުވުމުގައިވެސް 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރގެ ރޭސް ހިމަނާފައިވެއެވެ. އަދި އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދޭ މެޑަލްއަށް މި އަހަރު ވަނީ ބަދަލު ގެނެސްފައެވެ. ކުރިން މި ދެ ގިންތިންވެސް އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދެނީ އެއް މެޑަލްއެކެވެ. ނަމަވެސް މި އަހަރު މި ދެ މެޑަލް އާ ޑިޒައިނަކާއެކު ވަނީ ދެ މެޑަލްގެ ގޮތުގައި ވަކިކޮށްފައެވެ.